ކޮންމެ އަހަރަކު 7 މިލިއަން މީހުން އެއާ ޕޮލިއުޝަން އިން މަރުވާ ކަމުގައި ޑަބްލިއުއެޗްއޯ އިން ބުނާއިރު އިންޖީނުލީ އުޅަދުތައް ލޮކްޑައުން ކުރަން ނުގޮވަނީ ކީއްވެ؟

ލޮކްޑައުން ކުރުމަކީ އެއީ ހަމަ އެކަން ކުރަން ޖެހިގެން ކުރާ ކަމެއް ނަމަ އެއާ ޕޮލިއުޝަން އާއި ގުޅިގެން އިންޖީނުލީ އުޅަދު ކުޑަގޮޅިއަށްލައި ފުރަބަންދު ކުރީސް ހެއްޔެވެ. ކޮންމެ އަހަރަކު 7 މިލިއަން މީހުން އެއާ ޕޮލިއުޝަން އިން މަރުވާ ކަމުގައި ޑަބްލިއުއެޗްއޯ އިން ބުނާއިރު އިންޖީނުލީ އުޅަދުތައް ލޮކްޑައުން ކުރަން ސިއްޙީ ދާއިރާގެ ލޮކްޑައުން މާހިރުން ނުގޮވަނީ ކީއްވެ ހެއްޔެވެ؟ މި ލޮކްޑައުންގެ ފަހަތުގައި އޮތް ސިއްރަކީ މީހުން މަރުން ސަލާމަތްކުރުން ކަމުގައިވާނަމަ، މިކަމުގައިވެސް ލޮކްޑައުން އިސް ކުރީސް ހެއްޔެވެ؟ އެހެންކަމުން، ލޮކްޑައުންއޭ ކިޔައިގެން ލޮކްޑައުން އެކްޓިވިސްޓުން ކުރިއަންގެންދާ ސޯޝިއަލް އިންޖިނިއަރިން ހަރަކާތަކީ ޞިއްޙަތާއި ގުޅިގެން ކުރާ ކަމެއް ނޫނެވެ. ވެކްސިނާއި ބޭސްވެރިކަމުގެ ވިޔަފާރި ފުޅާކުރަން ކުރާ ޚިޔާނާތްތެރި ވައްކަމެކެވެ. ރައްޔިތުން އަޅުވެތިކޮށް އެބައިމީހުންގެ މިނިވަންކަން ނިގުޅައިގަތުމަށްކުރާ ލާއިންސާނީ ޢަމަލެކެވެ.

ލޮކްޑައުން ވައްކަމުގެ ހަޤީޤަތް ހާމަކޮށް މެޑިކަލް ޑޮކްޓަރެއް ދައްކާފައިވާ ވާހަކަ

އެއާ ޕޮލިއުޝަން

ވަޔަކީ އެ އެއްޗަކުން ކުޑަ ހިނދުކޮޅަކަށް ވިޔަސް އިންސާނާ މަހުރޫމު ކޮށްފިނަމަ އޭނާގެ ދިރުން ވަގުތުން ގެއްލުވާލާ އެއްޗެވެ. ވައިގެ ސާފުކަމާއި އަދި ނުސާފުކަން ވަނީ އޭނާގެ ދުޅަހެޔޮ ސިއްޙަތާ ސީދާ ގުޅިލާމެހިފަ އެވެ. މިގޮތުން ވައި ތަޣައްޔަރުވުމަކީ (ނުވަތަ އެއާ ޕޮލިއުޝަނަކީ) “އަމިއްލަ ޞިއްޙަތު”ގެ ރައްކާތެރިކަމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކަލެވެ. އާންމުކޮށް އިންސާނެއްގެ ޙަޔާތުގައި m3400،000 ކިއުބިކް މީޓަރަށް ވުރެ ގިނަ ވައި ނޭވާގެ ގޮތުގައި އެތެރެ ކުރެ އެވެ. އަހަރެމެން “ވައިގެ” ގޮތުގައި ލާ ކޮންމެ ނޭވާ އަކާއެކު ވައިގެ ތެރޭގައި ތަޣައްޔަރުވެފައިވާ އެތަކެއް ވިހަ ކެމިކަލް މާއްދާތަކެއް އަހަރެމެންގެ އިޚްތިޔާރަކައި ނުލައި ހަށިގަނޑަށް އެތެރެވެގެން ދެއެވެ.

ތަރައްޤީ އާއި އިންޑަސްޓްރިއަލައިޒޭޝަނާ އެކު ޖައްވުގެ ވެއްޓަށް ނެރެމުންދާ ކެމިކަލް ވިހަ މާއްދާތަކާއެކު މީގެ ޒަމާންތަކެއް ކުރިން ވައި ތަޣައްޔަރުވެފައިނުވާ މިންވަރަށް ވެށީގެ ވައި ތަޣައްޔަރު ކޮށްފި އެވެ. ވައިގެ މި ނުސާފުކަމާއި ތަޣައްޔަރުކަމާއެކު އިންސާނުންނަށް ވަނީ އެތަކެއް ބަލިމަޑުކަމާ ކުރިމަތިލާން ޖެހިފައެވެ. ދުނިޔެއަށް ބަލިމަޑުކަމުގެ ވަބާއެއް އަންނަ ކޮންމެ ފަހަރަކު ވައިގެ ތަޣައްޔަރުކަން ބޮޑު ހިސާބުތަކަށް ވަބާއާއި ބަލިމަޑުކަމުގެ ސަބަބުން ކުރި ގެއްލުން އެތައް ގުނައަކުން ބޮޑު ކަމުގައި އެތަކެއް ފަހަރުމަތިން ތާރީޚް ހެކި ދައްކައިފިއެވެ. ވައިގެ ތަޣައްޔަރުކަމުން ވެށި ހިމާޔަތް ކުރަން ޖެހެނީ ވެށީގެ ވައިގެ ތަޣައްޔަރުކަން ބޮޑުވި ވަރަކަށް އަހަރެމެން ތަޙައްމަލު ކުރަންޖެހޭ ގެއްލުން ބޮޑުވާތީ އެވެ. ވެށި ސާފު ނަމަ އަހަރެމެންގެ އެތެރެހަށީގެ ނިޒާމްތައް ސާފުވެ، ޞިއްޙަތު ރަނގަޅު ވާތީ އެވެ.

ވައި ނުސާފުވުމުން ޞިއްޙަތަށް ގެއްލުންދޭ ކަމަކީ ދެބަސްވެވެން ނެތް ހަޤީޤަތެއް

ވައި ތަޣައްޔަރުވެ ނުސާފުވުމުގެ ސަބަބުން (ނުވަތަ އިންސާނާއަށް ބޭނުންވާ ވަރަށް އޮކްސިޖަން ނުލިބުމުން) ވަގުތުން ފެންނަ ޞިއްޙީ އަލާމާތްތަކުގެ ތެރޭގައި ރޯގާ ޖެހުމާއި، ލޯ ހިރުވުމާއި، ކަރުގައި ރިހުމާއި، ބޮލުގައި ރިހުމާއި، ވަރުބަލިވުމާއި، ބޯއެނބުރުމާއި، ގައިގާ ފިތް ނެގުމާއި، ނޭވާލާން އުނދަގޫ ވުމާއި އަދި ނޭވާލާ ނިޒާމުގެ އެކިއެކި އިންފެކްޝަންތައް ހިމެނެ އެވެ.

ދިގުމުއްދަތަކަށް ވައިގެ ތަޣައްޔަރުކަމަށް ހުށަހެޅިފައި ހުރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ތެރެއިން ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ކެންސަރު ޖެހުމާއި، ޗިސްމޭ އަދި ގުރުދާ (ކިޑްނީ) އަށް ލިބޭ ގެއްލުމާއި، ނާރުގެ ނިޒާމަށް ލިބޭ ގެއްލުންތައް ހިމެނެ އެވެ.
މި ގޮތުން ނުސާފު ވަޔަށް ދިގު މުއްދަތެއް ވަންދެން ނޭވާލާ ނަމަ ފުއްޕާމޭގެ ކެންސަރާއި ހިތުގެ ބަލިތައް އިތުރުވާ ކަމަށް ޔޫރަޕުގައި 2013 ވަނަ އަހަރު ކުރި ދިރާސާއަކުންވެސް ވަނީ ދައްކާފަ އެވެ. ޔޫރަޕުގެ 9 ގައުމެއްގެ 312،000 މީހުން ބައިވެރިކޮށްގެން ހެދި 17 ތަހުލީލަކުން ވަނީ ވައި ނުސާފުވުމާއި ފުއްޕާމޭގެ ކެންސަރާ ގުޅުމެއްވާކަން ހޯދާފަ އެވެ.


ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްއިއްޔާ (ޑަބްލިއު.އެޗް.އޯ) އިން ބުނާ ގޮތުގައި އެއާ ޕޮލިއުޝަނުގެ ސަބަބުން ދުނިޔޭގައި އަހަރަކު 7 މިލިއަން މީހުން މަރުވެ އެވެ. މި 7 މިލިއަންގެ ތެރެއިން 4.2 މިލިއަން މީހުން މަރުވަނީ އައުޓްޑޯ ނުވަތަ ބޭރު މާހައުލުން ހަށިގަނޑަށް ހުށަހެޅިގެންދާ ނުސާފު ވައިގެ މަރުގެ ގޮތުގަ އެވެ. އަދި ބާކީތިބި 3.8 މިލިއަން މަރަކީ އިންޑޯ ނުވަތަ ގޭތެރެއިން ވައި ނުސާފުކަމަށް ހުށައެޅިގެން މަރުވާ މީހުން ނެވެ.

ވައި ނުސާފުވަނީ ކީއްވެ؟

ޤުދުރަތީ ގޮތުން ދިމާވާ ބައެއް ކާރިސާތަކުގެ ސަބަބުން ވެށީގެ ވައި ނުސާފުވެ ތަޣައްޔަރު ވެއެވެ. މިސާލަކަށް އަލިފާން ފަރުބަދަތައް ގޮވުމާއި ޖަންގަލީގައި ގުދުރަތީ ގޮތުން ރޯވުން ފަދަ ކަންތައްތައް މީގެ ތެރޭގައި ހިމެނެ އެވެ. އެހެނަސް، މި އަށްވުރެ ބޮޑަށް މި އަދު އަހަރެމެން ދިރިއުޅޭ ވެއްޓަށް ކުރިމަތިވެގެން މި އުޅޭ ވައި ނުސާފުކަމަކީ ޤުދުރަތީ ސަބަބުތަކަށް ވުރެން ބޮޑަށް އިންސާނުންގެ އަމިއްލަ އަތްތަކުން ކުރަމުންދާ ނޭދެވޭ ޢަމަލުތަކުގެ ސަބަބުން ކުރިމަތިވެގެން އުޅޭ ކަންތައްތަކެވެ. މިއަދު ވައިގެ ނުސާފުކަންވަނީ ގޭތެރެއާއި ގެއިން ބޭރުގައިވެސް ބޮޑު ކާރިސާއަކަށް ވެފަ އެވެ.

ބެރުތެރޭގެ ވައި ނުސާފުކަން

ކާރުޚާނާ: ބޭރުތެރެ (ނުވަތަ އައުޓްޑޯ) ވައި ނުސާފުކުރާ ކަންތައް ތަކުގެ ތެރޭގައި ފެކްޓްރީތަކާއި އިންޑަސްޓްރީތަކުންނާއި، ކުނި އެންދުމުންނާއި، ކަރަންޓު އުފައްދާ އިންޖީނު ގެތަކުން ޖައްވަށް ފޮނުވާ ވިހަ ގޭސްތަކުން އިންތިހާއަށް ވައި ނުސާފު ކުރުވަ އެވެ.

ޓްރެފިކް: މީގެ އިތުރުން ޓްރެފިކް ނުވަތަ ދަތުރުކުރުމަށް ބޭނުންކުރާ އުޅަނދުތައް ކަމުގައިވާ ބޯޓު ފަހަރާއި، ބަހާއި، ފްލައިޓާއި، ކާރުތަކާއި، ސައިކަލްތަކާއި، އިންޖީނުލީ ތެޔޮ އަންދާ އުޅަނދުތަކަކީ ވެސް ޖައްވުގެ ވައި ނުސާފު ކުރުމުގެ ބޮޑު އަޞްލެކެވެ.
މިތަންތަނާއި އުޅަދުތަކުން ބޭރުކުރާ ވިހަ ގޭސްތަކުގެ ތެރޭގައި ކާބޮން މޮނޮކްސައިޑް (CO)، ސަލްފަރ ޑައިއޮކްސައިޑް (SO₂)، ނައިޓްރިޖަން ޑައިއޮކްސައިޑް (NO2)، ޕާޓިކިއުލެޓް މެޓަރ (PM)، ބެންޒީން (C₆H₆) ލެޑް (Pb)، ވޮލަޓައިލް އޯގޭނިކް ކޮމްޕައުންޑް (VOCs) އަދި ހައިޑްރިޖަން ފްލޮރައިޑް (HF) ހިމެނެ އެވެ.


އިންސެކްޓިސައިޑް: ވައި ނުސާފުކުރާ އެއްޗެހީގެ ތެރޭގައި ދަޑުވެރިކަމަށް ބޭނުންކުރާ އިންސެކްޓިސައިޑްއާއި އެކިއެކި ޕެސްޓިސައިޑްތަކާއި ސުޕްރޭތައް އަދި ނަރުދަމާ ނިޒާމުން ބޭރުކުރާ އެކިއެކި ވިހަ ގޭސްތައް ހިމެނެ އެވެ. އިންސެކްޓިސައިޑް އާއި ސުޕްރޭތަކުން ބޭރުކުރާ ވިހަ ގޭސްތަކުގެ ތެރޭގައި އެމޯނިއާ (NH3)، ނައިޓްރިޖަން ޑައިއޮކްސައިޑް (NO2) އަދި ވޮލަޓައިލް އޯގޭނިކް ކޮމްޕައުންޑް (VOCs) ހިމެނެ އެވެ. ނަރުދަމާއިން ބޭރުކުރާ ވިހަ ގޭސްތަކުގެ ތެރޭގައި ކާބަން މޮނޮކްސައިޑް (CO)، އެމޯނިއާ (NH3)، ހައިޑްރިޖަން ސަލްފައިޑް( H₂S)، މީތެން (CH₄)، ސަލްފަރ ޑައިއޮކްސައިޑް (SO₂) އަދި ނައިޓްރިޖަން ޑައިއޮކްސައިޑް (NO2) ހިމެނެ އެވެ.

ކޮންސްޓްރަކްޝަން: އިމާރާތްކުރުމަށާއި ޑެކަރޭޓް ކުރުމަށާއި ސާފުކުރުމަށް ބޭނުންކުރާ އެކިއެކި އެއްޗެސްތަކުން ބޭރުކުރާ ކެމިކަލް މާއްދާތަކުގެ ތެރޭގައި ޒައިލިން ((CH₃)₂C₆H₄)، ޓޮލުއީން (C7H8)، ބެންޒީން (C₆H₆)، ފޯމަލްހައިޑް (CH2O), އޯޒޯން (O3) ފަދަ އެތަކެއް ބާވަތެއް ހިމެނެ އެވެ.

ބޭރު ތެރޭގައި އެއާ ޕޮލިއުޝަންގައި އެންމެ ފާހަގަ ކޮށްލެވޭ ގޭސް ތަކަކީ ގްރައުންޑު ލެވެލް އޯޒޯން (O3)، ނައިޓޮރޮޖެން އޮކްސައިޑް (NOx) ، ސަލްފާ ޑައިއޮކްސައިޑް (SO₂) އަދި ޕާޓިކިއުލެޓް މޭޓާ (PM) އެވެ.

އޯޒޯން: އޯޒޯން ދެ ތަނެއްގައި ވެއެވެ. އެއް ތަނަކީ ދުނިޔެއާއި ދުރު ޖައްވުގެ ސްޓްރަޓޮސްފިއަ ފަށަލައިގައިވާ އޯޒޯން އެވެ. ސްޓްރަޓޮސްފިއަ އަކީ ދުނިޔޭގެ ބޭރުން 10 ކިލޯމީޓަރާއި 50 ކިލޯމީޓަރާއި ދެމެދުގައިވާ ޖައްވުގެ ހިސާބަށް ދެވިފައިވާ ނަމެވެ. މި ތަނުގައިގައި އޯޒޯން އަކީ އެތަނުގައި ހުންނަން ރަނގަޅު އެއްޗެކެވެ. ސަބަބަކީ މިތަނުގައި އޯޒޯން ހުރުމުން އެއިން އިރުގެ އަލިން ދުނިޔެއަށް ފޮނުވައިދޭ ރޭޑިއޭޝަން އިން ދުނިޔެ ޙިމާޔަތް ކޮށްދޭ ކަމުގައި ސައިންސުވެރިން ބުނެ އެވެ. ދެވަނަ ތަނަކީ ޓްރޮޕޮސްފިއާ ނުތަވަ ދުނިޔެ ބޭރުގެ 6-10 ކިލޯ މީޓަރު ދުރުމިނުގައިވާ ހިސާބެވެ. މި ތަނުގައިވާ އޯޒޯން އަށް ބިމާ އެއް ހަމައިގެ (ނުވަތަ ގްރައުންޑް ލެވެލް) އޯޒޯން ވެސް ކިޔަ އެވެ. މިތަނުގައި ހުންނަންޖެހޭ މިންވަރަށްވުރެ އިތުރަށް އޯޒޯން ހުރުމަކީ ރަނގަޅު ކަމެއް ނޫނެވެ. ސަބަބަކީ އޯޒޯން އަކީ އިންސާނާގެ ޞިއްޙަތަށް އަސަރު ކުރުވާ ރިއެކްޓިވް ގޭހެކެވެ. ބިމާއި އެއް ހަމައިގެ އޯޒޯން އުފެދެނީ ނައިޓޮރޮޖެން އޮކްސައިޑް، ވޮއިލެޓް އޮގަނިކް ކޮންޕައުންޑް، އިރުގެ އަލި އަދި ޓެމްޕަރޭޗާ މަތިވުމާއި ގުޅިގެން އުފެދޭ ކެމިކަލް ރިއެކްޝަން އެއްގެ ސަބަބުން ނެވެ. މި ސަބަބައްޓަކައި ބިމުގެ ލެވެލް ގައި އޯޒޯން ގިނައީ މޮޓޯ ވެހިކަލް އާއި އިންޑަސްޓްރިއަލް ފެސިލިޓީތަކުން ބޭރުކުރާ ގޭސްތައް ގިނަވުމާއެކު އިރުގެ އަލި ގަދަ ސަރަހައްދު ތަކުގައެވެ. މިސާލަކަށް އުތުރު އެމެރިކާ، ޔޫރަޕް، މެދު އިރުމަތި އަދި ރާއްޖެ ފަދަ އޭޝިއާ ބައްރުގެ ޤައުމު ތަކުގައި އޯޒޯން ލެވެލް މައްޗެވެ.

ނައިޓްރޮޖެން އޮކްސައިޑް ގެ އަޞްލަކީ އެންދުމެވެ. ސިޓީތައް ފަދަ އާބަން އޭރިއާ ތަކުގައި އިންޖީނުލީ އުޅަދުތަކުން ބޭރުކުރާ ދުމާ ހެދި ނައިޓްރޮޖެން އޮކްސައިޑް ލެވެލް އެތަންތަނުގައި އިންތިހާއަށް މައްޗެވެ. ސަލްފާ ޑައިއޮކްސައިޑް އަކީވެސް އެންދުމުން އުފައްދާ ގޭހެކެވެ. ޕާޓިކިއުލެޓް މޭޓާ އަކީ ވައިގެ ތެރޭގައި ހިފެހެއްޓި އެއްވެފައިވާ ހަރު އަދި ދިޔާ އެތިކޮޅުތަކަށް ޖުމްލަކޮށް ކިޔާ ނަމެކެވެ.

ބޭރުތެރޭގެ ވައި ތަޣައްރަރުކަން ކުޑަކުރެވިދާނެ ކަންތައްތައް

(1) މި ޒަމާނުގެ ދަތުރު ފަތުރު ކުރުމުގެ ނިޒާމަކީ ވެށީގެ ވައި ތަޣައްޔަރުކުރުމުގައި %50 ވުރެ ބޮޑު ރޯލެއް އަދާކުރާ ނިޒާމެކެވެ. ތިމާވެއްޓާއި ރައްޓެހި ދަތުރު ފަތުރު ކުރުމުގެ ނިޒާމެއް ޤާއިމް ކުރުމަކީ ބޭރުތެރޭގެ ވައި ނުސާފުކަން ކުޑަކުރަން ކުރަން އެންމެ މުހިންމު ކަންތަކެވެ. މިސާލަކަށް ބައިސައިކަލް ފަދަ ވަޞީލަތެއް ދަތުރު ކުރުމަށް ބޭނުން ކުރަން އާދަ ކުރެވިދާނެ އެވެ.

(2) ކަރަންޓު އުފައްދާ ގެތައް ތިމާވެއްޓާއި ރައްޓެހި ތަނަކަށް ބަދަލުކުރަން އެބަ ޖެހެ އެވެ. މިކަން ކުރުމަށްޓަކައި ވިންޑްމިލް މެދުވެރިކޮށް ކަރަންޓު އެފެއްދުންމަށް ބަދަލު ކުރެވިދާނެ އެވެ. ނުވަތަ ސޯލާ ޕަވާ އިން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމް ކުރެވިދާނެ އެވެ.

(3) ކުނި އަންދައިގެން ނައްތާލުމުގެ ބަދަލުގައި ކުނި ނައްތާލުމަށް ތިމާވެއްޓާއި ރައްޓެހި ނިޒާމެއް ޤާއިމް ކުރެވިދާނެ އެވެ.

(4) ގަހަކީ ވައިގެ ސާފުކަމުގެ ރޫޙެވެ. އެހެންކަމުން ގަސް އިންދައި ރަށް ފެހި ކުރުމުގެ ޕްރުގުރާމެއް ހިންގައި ވަކިތަނެއް ބެލުމެއްނެތި މުޅި ރަށަކީ ފެހި އަވަށެއް ކަމުގައި ހަދަން ކޮންމެހެންވެސް ޖެހެ އެވެ. އަދިވެސް މި ނޫނަސް އެތަކެއް ކަމެއް ކުރެވިދާނެ އެއެވެ.

ގެވެށި ވައިގެ ތަޣައްޔަރުކަން

އިންޑޯރ އެއާ ޕޮލިއުޝަން ނުވަތަ ގޭތެރޭގެ ވައިގެ ތަޣައްޔަރު ކަމަކީ “އަމިއްލަ ސިއްޙަތު” ގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައި އެމެރިކާގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (EPA) އިން ވަނީ މީގެ އަރުތަކެއް ކުރިން އިއުލާނު ކޮށްފައެވެ. އީ.ޕީ.އޭ. އިން 6 ސިޓީއެއްގެ 600 ގެއެއްގެ މައްޗަށް ހެދި 5 އަހަރުގެ ހޯދުމުން އެނގުނު ގޮތުގައި ވައިގެ ތެރޭގައި ވިހަ ކެމިކަލް މާއްދާތައް ތަޣައްޔަރުވެފައި ހުންނަ މިންވަރު ބޭރުތެރެއަށް ވުރެ ގޭތެރޭގައި 200 އާއި 500 ގުނައަށް އިތުރެވެ. އޭގެ ތެރޭގައި ކެއްސަރު ޖައްސާ ވިހަ ކެމިކަލް މާއްދާތަކާއި، ވިހެއުމުގެ އައިބުތަކާ ގުޅުން ހުރި 20 ށް ވުރެ ގިނަ ވިހަ ކެމިކަލް މާއްދާތައް ގޭތެރެއިން ހޯދިފައިވެ އެވެ. މި ހޯދުމުން އެނގުނު ގޮތުގައި ގޭތެރޭގެ ވައިގެ ތަޣައްޔަރުކަން ގެއިން ބޭރަށްވުރެ އެތައް ގުނައަކަށް ބޮޑެވެ. މީގެ ނުރައްކާ ބޮޑުވާ އަނެއް ސަބަބަކީ އަހަރެމެން ގިނަ ވަގުތު ހޭދަކުރަނީ ގޭތެރޭގައި ކަމަށްވާތީ އެވެ. އެހެންވުމުން ގޭތެރޭގެ ވައި ސާފުކުރުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެކެވެ.

ޑެންމާކް އަދި ސްވިޑްންގެ ސައިންސުވެރިން 2007 ވަނަ އަހަރު ހޯދި ހޯދުމަކުން އެނގުނު ގޮތުގައި ގޭތެރޭ ވައި ތަޣައްޔަރު ކަމުގެ ސަބަބުން އެތެރެ ކުރާ ވައި އަހަރެމެންގެ ހަށިގަނޑުގެ ލޭގެ ނިޒާމުގެ ތެރެއަށް ވަދެ، ލޭ ނާރުތަކުން އެންމެ ފުރިހަމަ ގޮތުގައި ހަށިގަނޑުގައި ލޭ ދަޥްރުކުރުގެ ބާރަށް ބަދަލު ގެނެ އެވެ. އޭގެ ސަބަބުން ހިތުގެ ބަލި ޖައްސުވާކަން މި ހޯދުމުން އެނގިގެން ދިޔަ އެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންނާއި ދިފާޢީ ނިޒާމް ބަލިކަށި މީހުންނަށް މި ކަމުގެ އަސަރު ބޮޑަށް ކުރާކަން މި ތަހުލީލުން އެނގިގެން ދިޔަ އެވެ. މި ހޯދުން ޝާޢިއު ކޮށްފައިވަނީ އެމެރިކަން ޖަރނަލް އޮފް ރެސްޕިރޭޓްރީ އެންޑް ކްރިޓިކަލް ކެއާ މެޑިސިން ޖަރނަލްގައެވެ. (ހޯދުން ކިޔާލުމަށް:https://pubmed.ncbi.nlm.nih.gov/17932377/ )

ގޭތެރޭގެ ވައި ނުސާފުކުރުމުގައި ފޮރުވިގެންވާ ބައެއް ތަކެތި

(1) އާޓިފިޝަލް ފްރެގްރެންސް: 

are-toxic-fragrances-destroying-your-health - Safe Cosmetics

އަހަރެމެން މީރުވަސް ދުއްވަން ބޭނުންކުރާ އެކި އެކި ސެންޓާއި ގޭތެރެއަށް ޖަހާ ސުޕްރޭތަކާއި އެއާ ފްރެޝްނާތަކާއި، ދޮވެ ސާފުކުކޮށް މީރުވަސް ދުއްވަން ބޭނުން ކުރާ އެކިއެކި އެއްޗެހި ހަދާފައި ހުންނަނީ އިންސާނުން އެތެރެކުރަން އެކަށީގެން ނުވާ އެކިއެކި ވިހަ ކެމިކަލް ބޭނުންކޮށްގެންނެވެ. (މިކަމުގެ ހަޤީޤަތް ބަޔާންކޮށްދީފައިވާ ސައިންސުގެ ދިރާސާ ކިޔާލުމަށް: https://www.ncbi.nlm.nih.gov/pmc/articles/PMC5093181/)

(ހ) ސެންޓެޑް ކެންޑަލް ނުވަތަ ޕެރަފިން ވެކްސް ކެންޑަލް: 

See the source image

ގޭގެ ކޮޓަރި ޒީނަތްތެރިކުރުމަށް ނުވަތަ ރޮމޭންޓިކް މާހައުލެއް ގެނައުމަށް ބޭނުންކުރާ ގިނަ “ސެންޓެޑް ކޭންޑަލް ލައިޓް” ތަކަކީ އޭގައިވާ އާޓިފިޝަލް ފްރެގްރެންސް އިން ބޭރުކުރާ ކެމިކަލް ވިހަ މާއްދާތަކުގެ ސަބަބުން ނޭވާލާ ނިޒާމަށާއި، ލޭ ދައުރު ކުރުމުގެ ނިޒާމަށް އެކިއެކި އަނިޔާތަށް ކުރިމަތި ކުރުވާ އެއްޗެކެވެ. ގިނަ ކެންޑަލްތައް ތައްޔާރުކުރެވިފައި ހުންނަނީ ޕެރަފިން ވެކް އިން ނެވެ. ޕެރަފިން ވެކް އަކީ ޕެޓްރޯލިއަމް، ކޯލް އަދި ޝޭލް އޮއިލް އިން ނެރެފައިވާ އެއްޗެކެވެ. މި އަންދާލުމުން އެއިން ނުކުންނަ ވިހަ ގޭސްތަކުގެ ތެރޭގައި އެސެޓޯން ((CH₃)₂CO)، ޓޮލުއީން (C7H8) އަދި ބެންޒީން (C₆H₆) ހިމެނެ އެވެ. މި ތިނެއްޗަކީވެސް ކެންސަރު ޖައްސުވާ ކާސިނޮޖެން އެވެ. ކެންޑަލް އަންދައިގެން ބޭރުކުރާ މި ފަދަ ކެމިކަލްތައް ވައިގެ ޒަރީއާއިން އެތެރެކޮށްގެން ކެންސަރާއި، އާންމު އެލާޖީތަކާއި، އަސްތަމާ ފަދަ ބަލިތައް ޖައްސުވާ ކަމުގައި ސައުތް ކެރޮލައިނާ ސްޓޭޓް ޔުނިވާސިޓީ ސައިންސުވެރިން ވަނީ ބުނެފަ އެވެ.

ކެންޑަލް ބޭނުން ކުރަންޏާ ޤުދުރަތީ ފްރެގްރެންސް، އެސެންޝިއަލް އޮއިލް، މިނަރަލް ނުވަތަ ތަރުކާރީން ތައްޔާރުކޮށްފާއިވާ ކެންޑަލް ބޭނުން ކުރެވިދާނެ އެވެ. އެއިން ވިހަ ކެމިކަލް މާއްދާތައް ވެއްޓަށް ނެރެ ނުދެއެވެ.

(ށ) އެއާ ފްރެޝްނާ: 

3 Reasons to Avoid Toxic Air Fresheners | Toxin Detective

ސައިންސުގެ ހޯދުންތަކުން އެނގުނު ގޮތުގައި އެ ގެއެއްގައި އެއާ ފްރެޝްނާ ހުރި ގެތަކާއި ނެތް ގެތައް އަޅާ ކިޔާ ބަލާލިއިރު، އެއާ ފްރެޝްނާ ގެން ގުޅުނު ގެތަކުގެ ކުދިންނަށް އަސްތަމާ އަދި އެކިއެކި އެލާޖީތައް ގިނަ އެވެ. ސައިންޓިފިކް ޖާނަލް އެއްކަމުގައިވާ ބިލްޑިންގް އެންޑް އެންވަޔަރަންމަންޓްގެ 2017 ވަނަ އަހަރުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުން “އެއާ ފްރެޝްނާ އިން 100 އަށްވުރެ ގިނަ ކެމިކަލް މާއްދާތައް ވެއްޓަށް ބޭރު ކުރެ އެވެ. އޭގެ ތެރޭގައި ވޮލަޓައިލް އޯގޭނިކް ކޮމްޕައުންޑް (VOCs) ހިމެނެ އެވެ. އޭގެ ތެރޭގައި limonene، acetone، dimethyl، cyclohexene، carboxaldehyde (Triplal 1)، alpha-pinene، beta-pinene، butanol ، methyl ، acetate ، dimethyl ، cyclohexene ، beta-phellandrene، carboxaldehyde ، carene isomer، ethyl butanoate، p-cymene، ethanol ފަދަ VOCs ހިމެނެ އެވެ. މީއީ އެމެރިކާގެ ފެޑެރަލް ލޯ ގައި ޓޮކްސިކް އަދި ހެޒަޑަސް އެއް ގޮތުގައި ކަޑައަޅާފައިވާ އެއްޗެސްތަކެވެ.
އެއާ ފްރެޝްނާއިން ބޭރުކުރާ ކެމިކަލްތަކަށް މަދު މިންވަރަކަށް ހުށައެޅުމާ އެކުވެސް، އެޔާއި މައިގްރެއިން (ބޮލުގައި ރިއްސުން)، ބޯއެބުރުން، އަސްތަމާ، ޑާމަޓައިޓިސް (ހަމުގެ ބައްޔެއް)، ނޭވާލުމާއި ނޭވާލާ ނިޒާމުގެ އެކި ބަލިތައް، ތުއްތު ކުދިންގެ ޑައިރިއާ (ބޭރަށް ހިންގުން)، ނާރުގެ މައްސަލަތައް އަދި ވެންޓްރިކިއުލާ ފައިބްރިލޭޝަން (ހިތުގެ ރިދަމް މައްސަލަ ދިމާވުން) ފަދަ އެތައް ބައްޔެއް ކުރިމަތި ކުރުވާކަމުގައި މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. (ބިލްޑިންގެ އެންޑް އެންވަޔަރަންމަންޓްގެ 2017 ވަނަ އަހަރުގެ ރިޕޯޓު ކިޔާލުމަށް: https://www.sciencedirect.com/science/article/pii/S0360132316304334)

އެހެންކަމުން އެއާ ފްރެޝްނާގެ ގޮތުގައި ބޭނުންކުރާ އެއްޗަކީ ހަޤީޤަތުގައި އެއާ ފްރެޝްކޮށް އާރޯ ކުރުވައި ތާޒާކަން ގެނެސްދޭ އެއްޗެއް ކަމުގައި ދެކުން ދޫކޮށްލާށެވެ. ހަޤީޤަތުގައި ގިނަ އެއާ ފްރެޝްނާ ތަކަކީ ވައި ނުސާފުކޮށް ފްރެޝްކަން ގެއްލުވާލާ އެއްޗެކެވެ. އެހެންކަމުން ގޭތެރެއާއި އަދި ދުއްވާ އުޅަދުތަކުގައި މިފަދަ އެއާ ފްރެޝްނާތައް ބޭނުންކުރުން ހުއްޓާލަން ޖެހެ އެވެ.

ތިމާވެއްޓާއި ސިއްޙަތާއި ގުޅޭ ރައްކާތެރި އެއާ ފްރެޝްނާ އެއް ގޮތުގައި ޤުދުރަތީ އެއްޗެހިން ތައްޔާރުކޮށްފައިވާ އެސެންޝިއަލް އޮއިލްތައް ބޭނުން ކުރެވިދާނެ އެވެ. މިސާލަކަށް އޮރެންޖު ތެޔޮ ފަދަ ތެލެއް ބޭނުން ކުރެވިދާނެ އެވެ.

(ނ) ސެންޓު: 

Is your perfume toxic to your health?

މި ޒަމާނުގެ ވަރަށް ގިނަ ސެންޓު ތައްޔާރުކޮށްފައި ހުންނަނީ އާޓިފިޝިއަލް ފްރެގްރެންސް ބޭނުން ކޮށްގެނެވެ. “2014 ގައި ކޮށްފައިވާ މިފަދަ ދިރާސާއެއްގައިވާ ގޮތުން މައިގްރެއިން މައްސަލަ ދިމާވާ އަންހެނުންގެ ތިންބައިކުޅަ އެއްބައި މީހުންނަށް މައިގްރެއިން އެޓޭކެއް އައިސްގެން ބޮލުގައި ރިހެން ފެށީ ކޮންމެވެސް ވަހެއް ޖެހިގެންކަން ފާހަގަކުރެވިފައިވެ އެވެ. އަދި މިގޮތަށް މައިގްރެއިން އެޓޭކް އަންނަ މައިގަނޑު އެއްޗަކަށް ވަނީ މީރުވަސް ދުވާ ސެންޓު ފަދަ ތަކެއްޗެވެ.” (ސެންޓު ވަހުގެ ސަބަބުން ވެސް ބަލިވެދާނެ، މިހާރު ނޫސް https://mihaaru.com/lifestyle/24677) “ދެހާސް ސާދަ ވަނަ އަހަރު ސައިންސްވެރިން ކުރިއަށް ގެންދިޔަ ދިރާސާއެއްގައިވެސް ވަނީ މައިގްރޭން ހުންނަ އަންހެނުންގެ ތެރެއިން ހަތަރުބައިކޮށްފައި ތިން ބައި މީހުންނަށް މައިގްރޭން އާ ކުރިމަތިލާން ޖެހިފައިވަނީ ބޭނުންކުރެވޭ ސެންޓުގެ ސަބަބުން ކަމެވެ.” (ބޮލުގައި ތި ރިއްސަނީ ޖަހާ ސެންޓަކުން ކަމަށްވެދާނެ، އަވަސް https://avas.mv/39301)

އާޓިފިޝަލް ފްރެގްރެންސް ބޭނުން ކޮށްފާއި އެހެނިހެން އެއްޗެސް ތަކުގެ ތެރޭގައި ދޮންނަން ބޭނުންކުރާ އެކިއެކި ކްލީނާސްތަކާއި، ބުލިޗްތަކާއި، ދޮވެ ނިމުމުމުން ހެދުމުގައި މީރުވަސް ދުއްވަން ބޭނުންކުރާ ސޮލިއުޝަންތަކާއި، ބައެއް ކުނި ކޮތަޅުތަކާއި، ބޭބީ ވައިޕްސްތަކާއި އަދި ފެމިނައިން ހައިޖީން ޕްރޮޑަކްޓުތައް ހިމެނެ އެވެ.

(2) ސޮލިޑް، ލިކުއިޑް އަދި ގޭސް ފިއުލް އެންދުން: 

What are the Different Types of Fuels and Their Characteristics - A Plus  Topper

ފިއުލް އަކީ ހޫނުކަމާއި ހަކަތަ ނުވަތަ ބާރު އުފެއްދުމަށް އަންދާލެވޭ ކޮންމެ އެއްޗެކެވެ. ތިން ބާވަތެއްގެ ފިއުލް ހުރެ އެވެ. އެއީ ހަރު (ސޮލިޑް) އަދި ދިޔާ (ލިކުއިޑް) އަދި ގޭސް ފިއުލް އެވެ. ސޮލިޑް ފިއުލްގެ މިސާލަކަށް ވަކަރު، ކޯލް، ޗާކޯލް ފަދަ އެއްޗެސްތަކެވެ. ލިކުއިޑް ފިއުލްގެ މިސާލަކަށް ޕެޓްރޯލް، ކަރާސީން، ޑީސާލް، މެތަނޯލް، އެތަނޯލް ފަދަ ދިޔާ އެއްޗެސްތަކެވެ. ގޭސް ފިއުލްގެ މިސާލަކަށް ޤުދުރަތީ އެކިއެކި ގޭސްތައް، ސީއެންޖީ، އެލްޕީޖީ، ބޮޔޯގޭސް، ހައިޑޮރޮޖެން ހިމެނެ އެވެ.

(ހ) ދަރު އުދުން: މިހާރުވެސް ދުނިޔޭގެ އެތަކެއް ގެތަކުގައި ބަންދު ގޮޅިތަކުގެ ތެރޭގައި ތިބެ ސޮލިޑް ފިއުލް (ވަކަރު ފަދަ އެއްޗެސްތައް އަންދައި) ބޭނުން ކޮށް ކައްކާ ހަދާލެއް މަދެއް ނޫނެވެ. ބަންދު ތަންތަނުގައި ދަރު އަންދައިގެން އުފައްދާ ދުމަށް ހުށަ އެޅުމަކީ ސިގިރޭޓް ބުއިމެކޭ ވަކި ތަފާތެއް ނެތް އަދި އެއަށްވުރެވެސް ނުރައްކާ ކަމެކެވެ.

(ށ) ގޭސް އުދުން: ރަނގަޅު ވެންޓިލޭޝަން އެއް ނެތް ވައި ބަންދު ގޮޅިތަކުގައި ގޭސް އުދުން ބޭނުން ކުރުމަކީ ވަކި ރަނގަޅު ކަމެއް ނޫނެވެ. މިއީވެސް ހަމަ އިންޑޯ އެއާ ޕޮލިއުޝަން ގެނެސްދޭ ކަމެކެވެ. ބަދިގޭގެ ގޭސް ޕޮލިއުޝަން ހުއްޓުވުމަށް ވައި ބޭރުކުރާ ނިޒާމެއް ޤާއިމްކޮށްފައި ބެހެންޓުން ކޮންމެހެން މުހިންމެވެ. މިކަން ކުރުމަށް ހުޑެއް ނުވަތަ އެގްޒޯސްއެއް ހަރު ކުރެވިދާނެ އެވެ.

(ނ) ކަރާސީނު ބައްތި: ގޭތެރޭގައި ކަރާސީނު ބައްތި ބޭނުންކުރުމަކީ ގޭތެރޭގެ ވައި ނުސާފުކުރާ އެއްޗެކެވެ.

(ރ) މޮސްކިޓޯ ރިޕެލެންޓް: 

niligiri Herbal Natural mosquito repellent, Packaging Type: Bottle,  Size/Dimension: 45 Ml, Rs 23 /piece | ID: 21852712991

މަދިރިން ސަލާމަތްވުމަށް ގޭތެރޭގައި ޖަހާ ދުންދަނޑި (ކޮއިލް)، ސުޕްރޭ، ގޭސް އަދި ކެންޑަލް ތަކަކީ ވެސް ގޭތެރޭގެ ވައި ނުސާފުކޮށް އިންސާނުންގެ ސިއްޙަތައް ނުރައްކާ ވިހަ ކެމިކަލް މާއްދާތައް ވަޔަށް ދޫކުރާ އެއްޗެކެވެ. މިއިން ގެއްލުން ކުރިމަތި ކުރުވަނީ މަދިރިއަށް އެކަންޏެއް ނޫނެވެ. މިއިން މަދިރި ވާވެ ބަލިކުރުވާ ފަދައިން އިންސާނުން ވާވެ ބަލި ކުރުވަ އެވެ. އިންސާނުންގެ ނާރުގެ ނިޒާމާއި ނޭވާލާ ނިޒާމަށްވެސް މިއިން އަނިޔާ ކުރިމަތި ކުރުވަ އެވެ. މެލޭޝިއާގައި ސައިންސުވެރިން ކުރި ދިރާސާ އަކުން ދެއްކި ގޮތުގައި 1 މަދިރި ދުންދަޑިއަކުން ފުއްޕާމެއަށް ލިބޭ ގެއްލުން 100 ސިގިރޭޓުން ލިބޭ ގެއްލުމާއި އެއްވަރު ވެގެންވެ އެވެ. ހޯދުންތަކުން އެނގުނު ގޮތުގައި ދާއިމީ ގޮތެއްގައި މަދިރި ދުންދަނޑި ބޭނުން ކުރުމާއި އަސްތަމާ އަދި ނިދާއިރު ގުގުރި ދެމުން ގިނަ ކުރުވާ ކަމެއް ކަމުގައިވަނީ ހޯދިފަ އެވެ. ހަމަ އެފަދައިން މަދިރިން ރައްކާތެރިވުމަށް ނަމުގައި ފޮގް ކުރާ އެކިކި ގޭސް ސުޕްރޭތަކަކީވެސް ވިހަ އެތަކެއް ކެމިކަލް މާއްދާތައް އެކުލެވިގެންވާ އެއްޗެކެވެ. މިސާލަކަށް 1966 ގައި މަދިރި ނައްތަންވެގެން (މެލޭރިއާއިން ސަލާމަތްވާން ކަމަށް ބުނެ) ޑަބްލިއު އެޗްއޯއިން ރާއްޖެއަށް ތަޢާރަފުކޮށް ޖެހި ޑީޑީޓީ ސުޕްރޭ އަކީ ޕޯލިއޯ އަދި ކެންސަރު ބަލި ޖައްސާ އެއްޗެކެވެ. އެހެނަސް އޭރު ރާއްޖޭގެ އެކި ރައްތަކުގައި މި ޖެހުމުގެ މަޝްރޫތައް ކުރިއަށް ގެންދިޔައެވެ. އެހެނަސް މިހާރު ޑީޑީޓީ އަކީ ރާއްޖެ އެތެރެކުރުން މަނާ ކެމިކަލެކެވެ.

މަދިރީގެ އުނދަގުލުން ސަލާމަތް ވުމަށް ވެއްޓާގުޅޭ ޞިއްޙަތަށް ގެއްލުން ނުދޭ ޤުދުރަތީ އެއްޗެސްތައް ބޭނުން ކުރެވިދާނެ އެވެ. މަދިރިން ސަލާމަތްވުމަށް ކާބަފައިން ބޭނުން ކުރި ޤަދީމީ ވެއްޓާއި ގުޅޭ އެކިއެކި ފެހި ތެޔޮތައް، މިސާލަކަށް ޕެޕަ މިންޓް ތެޔޮ، ލެމަން ގްރާސް ތެޔޮ، ލެވެންޑާ ތެޔޮ، ނީމް ތެޔޮ ފަދަ އެއްޗެއް ބޭނުން ކުރެވިދާނެ އެވެ. ލެމަން ޔުކެލިޕްޓެސް (ގަހުގެ) އެސެންޝިއަލް އޮއިލް އަކީ އީޕީއޭގައި ރަޖިސްޓްރީ ކުރެވިފައިވާ މަދިރިން 12 ގަޑިއިރު %100 ސަލާމަތް ކޮށްދޭ އެއްޗެކެވެ.

(3) ދޮވެ ސާފުކުރުމަށް ބޭނުންކުރާ އެއްޗެސްތައް:

(ހ) ބުލިޗް: 

The Dangers of Bleach + Natural Alternatives to Use Instead

ބުލިޗް ދޮވެ ސާފުކުރުމަށް ބޭނުން ކުރުމަކީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައިވެސް އާންމު ކަމެކެވެ. އެހެނަސް، ބުލިޗް އަކީ ވައި ނުސާފުކޮށް އިންސާނުންގެ ޞިއްޙަތައް ނުރައްކާ ވިހަ ކެމިކަލް މާއްދާތައް ވަޔަށް ނެރެދޭ އެއްޗެއް ކަމުގައި ފަހުގެ ދިރާސާތަކުންވަނީ ދައްކާފަ އެވެ. (ދިރާސާ ކިޔާލުމަށް: https://www.sciencedaily.com/releases/2019/10/191002131941.htm)


(4) ޑެކެރޭޝަން އާއި އިމާރާތްކުރުމަށް ބޭނުންކުރާ އެއްޗެސްތައް:

(ހ) ގޮދަޑިން ބޭރުކުރާ ގޭސްތައް: 

Anatomic polyurethane foam mattress ERGO By Tojo Möbel

ގޭގެ އެންމެ މުހިންމު ކޮޓަރީގައި ހުންނަ ފޮރުވިފައިވާ ކެމިކަލް ގޭސްތައް ބޭނުންކުރާ އެކައްޗަކީ މިޒަމާނުގެ އާންމު ގޮދަޑިތަކެވެ. މިޒަމާނުގެ ގިނަ ގޮދަޑިތައް ހަދާފައި ހުންނަނީ ޕޮލްޔުރެތެން ފޯމް( polyurethane foam)، ސްޓައިރޯފޯމް (styrofoam)،ފޮލިޔެސްޓާ (polyester) ފަދަ ކުރޫޑް އޮއިލްއާއި ގޭހުން ނެރެފައިވާ މާއްދާތަކުންނެވެ. މިހާރު ބާޒާރުގައި ގެންގުޅޭ މަޝްހޫރު މެމޮރީ ފޯމް ގޮދަޑިތައް ހަދާފައި ހުންނަނީ މިއިން ނެވެ. މިފަދަ ގޮދަޑިއެއްގައި ނިދަންޏާ އެ ނިދެނީ ގޭސޮލީންގަ އެވެ. މިފަދަ މާއްދާތަކުން ތައްޔާރުކޮށްފައިވާ ގޮދަޑިތަކަކީ ވަރަށް ފަސޭހައިން ހުޅު ހިފާ ބާވަތުގެ އެއްޗެކެވެ. އެހެންކަމުން، މި ގޮދަޑިތައް އުފައްދާ ފަރާތްތަކުން މި އުފައްދާއިރު ހުޅު ރޯނުވާނެ ފަދައަކުން އުފައްދަންޖެއެވެ. އެހެންނޫނީ އެ ގޮދަޑިއެއްގެ ގޮތުގައި މާކެޓަށް ނެރެ ވިއްކުމުގެ ހުއްދައެއް ނުލިބެ އެވެ. މިކަން ކުރުމަށް ރޯވުން ހުއްޓުވާކަހަލަ ކެމިކަލްތައް (PBDEs) އެޔަށް އެއްކުރުމަށް ފަހު، އެ ނެރެން އެމީހުންނަށް މަޖުބޫރުވެ އެވެ. އަދި ހަމަ އެޔާއެކު ގޮދަޑި ތައްޔާރުކުރާއިރު ވޯޓާ ރެސިސްޓެންޓު ކެމިކަލްތައް އެއްކުރުމުށްފަހުގައި އެ ތައްޔާރުކުރެ އެވެ. މިފަދަ ގޮދަޑީގައި ހުންނަ އެހެނިހެން ކެމިކަލް މާއްދާތަކުގެ ތެރޭގައި Boric Acid، Antimony Trioxide، Formaldehyde، Vinylidene Chloride، Zink Borate، Melamine، decabromodiphenyl oxide ފަދަ އެތަކެއް ކެމިކަލެއް އެކުލެވިގެންވެ އެވެ. ގޮދަޑިން ނެރެދޭ ބައެއް ކެމިކަލްތަކަކީ ކެންސަރު ޖައްސުވާ އެއްޗެހި ކަމުގައި މަޝްހޫރުވެ އެނގިގެންވާ މާއްދާތަކެވެ. ގޮދަޑިން ތިބާއަށް ހަމުގެ ކެންސަރު ޖައްސުވާފާނެ އެވެ. ފުއްޕާމޭގެ ކޮންމެ ބައްޔެއްވެސް ޖައްސުވާފާނެ އެވެ. މިއީ ކޮންމެ ރެއެއްގެ 8 ގަޑި އިރު ތެރޭ ގޮދަޑީގައި މޫނު ޖައްސައިގެން އޮންނަ އިރު ނޭވާގެ ގޮތުގައި އެތެރެކުރެވިދާނެ ހާ ކެމިކަލް މާއްދާ ތަކެވެ. ކުއީން މެޓްރެސްއެސްގައި 1.5 ޕައުންޑާ ގާތްކުރާ އަދަދެއްގެ ކެމިކަލްތައް ގޮދަޑީގެ މަތީގައި ހުރެ ދާނެ އެވެ. ނިއުޒިލެންޑުގައި 2000 ވަނަ އަހަރުގައި ހެދި ސިއްޙީ ހޯދުމެއްގައި Sudden infant death syndrome (SIDS) ކުޑަކުދިންގެ ގޮތް ނޭގޭ މަރު ބޭބީ މެޓްރެސް އިން ނުކުތް ގޭސްއަށް ނިސްބަތް ކޮށްފައިވެ އެވެ.

ގޮދަޑިއެއް ގަންނަންޏާމު GOTS certified (ނުވަތަ Global Organic Textile Standard) ގޮދަޑި ގަންނާށެވެ. މި ސެޓޭޏްޑަޑްގެ ގޮދަޑީގައި މަތީގައި ބަޔާންކުރެވުނު އެއްވެސް ކެމިކަލްއެއް ބޭނުން ކުރުން ހުއްދައެއް ނުކުރެއެވެ. ގޮދަޑިއެއް ހޯދަންޏާމު ސިންތެޓިކް ކެމިކަލްއާއި އަލިފާން ރޯކުރުން ހުއްޓުވާ ކެމިކަލް އަޅާފައިނުވާ ގޮދަޑިއެއް ހޯދާށެވެ. އޭގެ ތެރޭގައި ނެޗުރަލް ލެޓެކް ފޯމް، ވޫލް، އޮގަނިކް ކޮޓޮން މެޓްރެސް ގޮދަޑި ހިމެނެ އެވެ. މިފަދަ ތިމާވެއްޓާއި ރައްޓެހި ރައްކާތެރި ގޮދަޑިއެއްގެ ބްރޭންޑެއްގެ ގޮތުގައި ނޭޗާޕެޑިކް “Naturepedic” ގޮދަޑި މަޝްހޫރުވެގެން ވެ އެވެ.

(ށ) ފަރުނީޗަރު: އަދި ގެއަށް ވައްދާ އެދާއި ފަރުނީޗަރު ސެޓަކީ ހަރު ލަކުޑިން ހަދާފައިވާ އެއްޗެއް ކަމުގައި ހަދާށެވެ. ޕާޓިކަލް ބޯޑާއި ފައިބާ ބޯޑުން ހަދާފައިވާ އެދާއި ފަރުނީޗަރަކީ އެއިން ވިހަ ގޭސްތައް ނެރޭ އެއްޗެސްތަކެކެވެ.

ގޭތެރޭގެ ވައި ސާފުކުރުމަށް ކުރެވިދާނެ ބައެއް ކަންތައްތައް

ޕޮލިއުޝަން ކުޑަކުރުމަށްޓަކައި ގައުމީ ފެންވަރެއްގައި ކުރާކަންކަމުގެ އިތުރުން ފަރުދީ ފެންވަރެއްގައި ވަރަށް ގިނަ ކަންތައްތަކެއް ކުރަން އެބަޖެހެ އެވެ. އަމިއްލަ ބާރު ނުފޯރާ ތަންތަނުގައި ވައި ސާފުކުރުމަށް މާ ބޮޑު ކަމެއް ނުކުރެވިދާނެ އެވެ. އެހެނަސް، ބާރުވެރިކަން އޮތް ތަންތަނުގައި މިސާލަކަށް އަމިއްލަ ގޭގެ މާޙައުލަށް ހެޔޮ ބަދަލެއް ގެނެވިދާނެ ނޫންތޯ އެވެ! އެ ގޮތުން ގޭތެރޭގެ ވައިގެ ސާފުކަން ދަމަހައްޓަން މިކަންތައްތައް ކުރެވިދާނެ އެވެ.

ވެންޓިލޭޝަން ޕޮލިސީ: ގޭގައި ފަސޭހައިން ވައިދައުރުވާ ގޮތް ހެދުން

ގޭތެރޭގެ ވައިގެ ތަޣައްޔަރުކަން ފިލުވައި ވައި ސާފުކުރުމަށް ރަނގަޅު ވެންޓިލޭޝަންގެ ނިޒާމެއް ޤާއިމްކޮށްފައި ބެހެއްޓުން ވަރަށް މުހިންމެވެ. ކުޑަދޮރުތައް ހުޅުވޭގޮތަށް ބަހައްޓައި ގޭތެރޭގެ ހުންނަ ވައި ދައުރުވާ ގޮތަށް ބަހައްޓާށެވެ. ގޭތެރޭގައި ވައި ދައުރުވާ ގޮތް (ސާފު ވައި ވަދެ ނުކުންނަ ގޮތް) ހެދުމަކީ ވައި ސާފުކުރަން އެންމެ މުހިއްމު އެއް ކަންތަކެވެ. ފާޚާނައިގެ ނަރުދަމާއިން ބޭރުކުރާ ވިހަ ގޭސްތައް ބޭރުކުރާނެ ނިޒާމެއް ޤާއިމްކޮށްފައި ބެހެއްޓުން ކޮންމެހެން މުހިންމެވެ. ބަދިގޭގައި ކައްކާއިރު ނެރެދޭ ގޭސްތައް ބޭރުކުރާނެ ނިޒާމެއް ޤާއިމްކޮށްފައި ހުންނަން ޖެހެ އެވެ. މުޅި ގޭގެ ކޮންމެ ކޮޓަރިއަކީ ސާފުވައި ދައުރުވާ ތަނެއް ކަމުގައި ހެދުމަކީ ކުރުން އެންމެ މުހިންމު ކަމެވެ.

ކެއްކުމުގެ ޕޮލިސީ: ކައްކާގެއިން ރައްކާތެރިކަން ހޯދުން

ކައްކާ ގެއަކީ އެތަނެއްގައި އަންހެން ބޭފުޅުން އެތައް ވަގުތެއް ހޭދަ ކުރާ ތަނެކެވެ. އެތަނަކީ އެ މީހުންނަށް ރައްކައުތެރި މާޙައުލެއް ކަމުގައި ކޮންމެހެންވެސް ހަދަން ޖެހެ އެވެ. އެ ގޮތުން ކުރެވިދާނެ ކަންތައް ތަކުގެ ތެރޭގައި ކައްކާ ގެޔާއި ދިރި އުޅޭ ތަނަކީ ވަކި ތަނަކަށް ހެދިދާނެ އެވެ. ނޫނީ ބޭރު އޯޕަން އެއާގައި ކޮންމެވެސް ވަރަކަށް ހިޔާކޮށްފައި ހުންނަ ތަންކޮޅެއް ކައްކާ ގެއަށް ބެހެއްޓިދާނެ އެވެ. ނުވަތަ ކައްކާގޭގައި ކުޑަ ދޮރުތައް ހުޅުވާފައި ބެހެއްޓޭ ސާފު ވައި ވަންނަ ގޮތައް، ވައި ބޭރުވާ ގޮތަށް ހަދާފައިވާ ތަނަކަށްވެސް ހެދި ދާނެ އެވެ. ކައްކާ ގޭގައި ހުޑެއް ބެހެއްޓި ދާނެ އެވެ. ބަންދު ގޮޅި ތަކުގައި ދުމުގެ ތެރޭގައި ކެއްކުމަކީ އެތަގެއް ގެއްލުމެއް ޞިއްޙަތައް ކުރިމަތި ކުރުވާ ކަމެކެވެ.

ނޯ ސުޕްރޭ ޕޮލިސީ: ނުރައްކާތެރި ވިހަ ގޭސް ޖެހުން ހުއްޓާލުން

ގޭތެރޭގެ ވައި ބަންދުކޮށްގެން ބަހައްޓައި އެކި ވިހަ ކެމިކަލް ސުޕްރޭތަކާއި ސެންޓާއި އެއްޗެހި ޖެހުން އާދައަކަށް ހެދުން ހުއްޓާލަން ޖެހެ އެވެ. ދިވެހިންގެ ބައެއް ގެތަކުގައި މީރުވަސް ދުއްވުމުގެ ގޮތުންނާއި، ދިރޭ ސޫއްޕާއިސޫފި ނައްތާލަން ގޭތެރެއަށް ފާޑު ފާޑުގެ ސުޕްރޭތައް ޖެހުމަކީ ފެންތައްޓެއް ބޯލާހެން އެއްވެސް ވިސްނާލުމެއް ނެތި ކުރެވޭ ވަރަށް ދެރަ ކަމެކެވެ. ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ މީރުވަސް ދުއްވާ ސްޕްރޭތަކާއި، ބޮޑީ ސުޕްރޭ އާއި، އެއާ ފްރެޝްނާ، ފްރޭގްރަންސް، ޕެސްޓިސައިޑް އަދި ބައެއް ކުލަ ޕެއިންޓު ތައްޔާރު ކޮށްފައި ވަނީ އިންސާނުންގެ ސިއްޙަތައް ނުރައްކާ އެތަކެއް ވިހަ ކެމިކަލް މާއްދާތަކެއް އަޅާފަ އެވެ. މި ތަކެތި ބޭނުން ކުރުމުގެ ކުރިން އޭގައި އެކުލެވިގެންވަނީ ކޮން މާއްދާތަކެއްތޯ ބެލުން މުހިންމެވެ. މި ކަމަކީ އާދައިގެ ކަމެއްގެ ގޮތުގައި ދެކުން ހުއްޓާލަން ޖެހެއެވެ.

ސޯލާ ޕޮލިސީ: ސޯލާއިން ކަރަންޓު ލިބޭ ގޮތް ހެދުން

ގޭތެރޭގައި ވައި ނުސާފުކުރާ އެކައްޗަކީ ބޭރުތެރޭގެ ނުސާފު ވަޔެވެ. ބޭރު ތެރޭގެ ވައި ނުސާފުކުރުމުގައި ބޮޑު ދައުރެއް އަދާކުރާ އެއް ތަނަކީ އިންޖީނުގެތަކުގައި ތެޔޮ އަންދާ އެންދުމެވެ. މިއަށް ބަދަލެއް ގެނައުމަށް އަމިއްލަ ގޭގައި ބޭނުންކުރާ ކަރަންޓަކީ ސޯލާ ނިޒާމަކުން ހޯދާ އެއްޗެއްގެ ގޮތުގައި ހެދިދާނެ އެވެ. އޭރު ދައްކަން ޖެހޭނެ ކަރަންޓު ބިލެއްވެސް ނޯންނާނެ ނޫން ތޯއެވެ. އިމާރާތްކުރާ އިރު މިކަމަށް ވިސްނައި މަސައްކަތް ކޮށްފި ނަމަ މިއީ ނުކުރެވޭނެ ކަމެއް ނޫނެވެ.

ގެވެށި ފެހި ޕޮލިސީ: ގޭތެރޭގައި ގަސް އިންދުން

ގަސްގަހާގެއްސާ އެއިން ނުކުންނަ މޭވާ އާއި އެއިން އުފައްދާ ވަޔަކީ އެއާއެކު މެނުވީ އިންސާނުންނަށް ދިރި ނުތިބެވޭނެ ފަދަޔަކުން ﷲ ތަޢާލާ ޚަލްޤު ކުރައްވާފައިވާ މަޚްލޫޤެކެވެ. އިންސާނުން ނޭވާލާއިރު ބޭރުކުރާ “ކާބަންޑައިއޮކްސައިޑް” އިންސާނުން ނޭވާލުމަށް ބޭނުންވާ “އޮކްސިޖަން” އަށް ބަދަލުކުރުމުގެ ގާބިލްކަން ގަސްގަހާގެއްސަށް ދެއްވާފައިވާ ކަމުގައި ސައިސުވެރިން ބުނެ އެވެ. އޭގެ އިތުރުން ގަސްގަހާ ގެއްސަކީ ވައި ތަޣަޔަރުކުރާ އެކިއެކި ވިހަ ގޭސްތައް ނައްތާލައި ވެށި ސާފުކޮށްދޭ އެއްޗެކެވެ.
ގޭތެރޭގައި ގަސް އިންދުމަކީ ވައިގެތެރޭގައި ދައުރުކުރާ ގޭހެއް ކަމުގައިވާ އޯޒޯން (O3) ދަށްކޮށްދޭ އެއްޗެއް ކަމުގައި ސައިންސުގެ ފަންނީ ހޯދުންތަކުންވަނީ ދައްކާފަ އެވެ. އާންމުކޮށް ގޭތެރޭގައި ބޭނުންކުރާ ގަސްތަކެއް ބޭނުންކޮށް އެމެރިކާގެ ޕެންސިލްވޭނިޔާ ސްޓޭޓް ޔުނިވާސިޓީ ގެ ދިރާސާކުރާ ފަރާތްތަކުން ހެދި ފަންނީ ތަހުލީލަކުން ދައްކާ ގޮތުގައި އޯޒޯން ގޭސްގެ މިންވަރު ގޭތެރޭގައި ހައްދާ ގަސްތަކުން ދަށްކޮށްލަ އެވެ. މި ހޯދުމުގައި ބޭނުން ކުރެވުނީ ސްނޭކް ޕްލާންޓާއި، ސްޕައިޑާ ޕްލާންޓާއި އަދި ގޯލްޑެން ޕޮތޯސް ނަމަކަށް ކިޔާ 3 ވައްތަރު ގަސްގަހެވެ.

އެހެނިހެން ދިރާސާތަކުން ދައްކާގޮތުގައި ކޮޓަރީގައި ގަހެއް އިންދާފައި ހުރެއްޖެ ނަމަ އެމީހެއްގެ ލޭގެ ޕްރެޝަރު، ގަހެއް އިންދާފައި ނެތް ކޮޓަރިއެއްގައި އޮތް މީހެއްގެ ލޭގެ ޕްރެޝަރަށް ވުރެ ދަށް ކަމެވެ. އަދި ގޭތެގޭގައި ގަސް އިންދުމަކީ ގެއަށް އާރޯކަމާއި ހިތްގައިމުކަން ގެނެސްދޭ ކަމެކެވެ. ގޭތެރޭގައި ގަސް އިންދުމަކީ ހިތްދަތިކަމާއި ހާސްކަން ފިލުވައިދީ މީހާ ހިތްނުތަނަވަސްކަމުން ދުރުކޮށްދޭ ކަމެއް ކަމުގައި ދިރާސާތަކުންވަނީ ދައްކާފައެވެ. ގަސްތަކުގެ ފެހިކަން ފެންނަން ހުރުމަކީ ހިތްހަމަޖެހުން ގެނުވައިދީ މޫނުމައްޗަށް އުފާވެރިކަމާއި ހިނިތުންވުން ވެރިކުރުވާ ކަމެއް ކަމުގައި އިންސާނީ ތަޖުރިބާއިންވެސް އެނގެއެވެ. ގޭތެރޭގައި ގަސް އިންދާފައި ބެހެއްޓުމަކީ ނިދަން ފަސޭހަ ކޮށްދީ މީހާއަށް އަރާމު ނިންޖެއް ނިދާލުމަށް މަގުފަހިކޮށްދޭ ކަމެކެވެ.

ގޭތެރޭގައި ހައްދާލަން ރަނގަޅު ގަސްތަކެއް

ތިރީގައިވާ މި ގަސްތަކަކީ ގޭތެރޭގައި ހައްދާލަން ފަސޭހަ އަދި ގޭތެރޭގައި ހުންނަ އެކިއެކި ވިހަ މާއްދާތައް ނަތާލައި ގޭތެރޭގެ އޮކިސިޖަން ލެވެލް ރަނގަޅުކޮށް ވައި ސާފުކޮށްދޭ ގަސްތަކެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ގަސްތަކެކެވެ.

ޕޮތޮސް ނުވަތަ ގޯލްޑެން ޕޮތޮސް

ސްޕައިޑާ ޕްލާންޓް

ްރަބާ ޕްލާންޓ

އެލޮވޭރާ

ސްނޭކް ޕްލާންޓް

އަރެކަ ޕާމް

މަތީގައި ދެންނެވިފައިވާ ފަދަ އެކިއެކި ގަސްތައް އިންދައިގެން އަހަރެމެންގެކޮންމެ ގެއަކީ ގަސް ޓުކުރިން ޒީނަތްތެރިވެފައިވާ ގެތަކެއް ކަމުގައި ހަދަމާތޯ އެވެ.އަހަރެމެންނަކީ ވެށީގެ ވައި ތަޣައްޔަރުކަން ކުޑަ ކުރުމަށް ފަރުދީ ގޮތުންމަސައްކަތް ކުރާ ބައެއް ކަމުގައި ވަމާތޯ އެވެ. މިއީ ލުއި މަސައްކަތަކުން އަމިއްލަޞިއްޙަތަށް ވަރަށް ބޮޑު ހެޔޮ ބަދަލުތަކެއް ގެނެވިދާނެ ކަމެކެވެ.

2 thoughts on “ކޮންމެ އަހަރަކު 7 މިލިއަން މީހުން އެއާ ޕޮލިއުޝަން އިން މަރުވާ ކަމުގައި ޑަބްލިއުއެޗްއޯ އިން ބުނާއިރު އިންޖީނުލީ އުޅަދުތައް ލޮކްޑައުން ކުރަން ނުގޮވަނީ ކީއްވެ؟

Leave a Reply