އަމިއްލަ ޞިއްޙަތު މުހިންމީ ކީއްވެ؟

އަމިއްލަ ޞިއްޙަތަކީ ތިޔައިން ކޮންމެ ބޭފުޅެއްގެ އަމިއްލަ ހަށިގަނޑުގެ މިނިވަންކަމަށް ވަކާލާތުކޮށް، އަމިއްލަ ހަށިގަނޑުގެ ޞިއްޙަތާއި މިނިވަންކަމާއި ބާރުވެރިކަން ދަމަހައްޓައި، ދިރިހުރުމުގެ ހައްޤާއި، ޞިއްޙަތުގެ ހައްޤާއި، މައުލޫމާތު ލިބުމުގެ ހައްޤާއި، ބޭސްފަރުވާއަށް ރުހުން ދިނުމުގެ ހައްޤު ޙިމާޔަތް ކުރުމަށްޓަކައި މިނިވަންކަމާއެކު ޚިޔާލު ފާޅުކުރަން ނުކުމެތިބި މިނިވަން ދިވެހިންގެ އިއްތިހާދަކީ މެވެ.

އަމިއްލަ ޞިއްޙަތުގެ ޝިޢާރު: މަގޭ ހަށިގަނޑު، މަގޭ ޞިއްޙަތު، މަގޭ އިޚްތިޔާރު، މަގޭ މިނިވަންކަން

އިންސާނީ ކަރާމާތާއި އިންސާނީ ހައްޤާއި އަސާސީ މިނިވަންކަން:

އިންސާނީ ކަރާމާތާއި އިންސާނީ ހައްޤުތަކާއި އަސާސީ މިނިވަންކަމަކީ ކޮންމެ ފަރާތަކުންމެ، އެއަށް ފުރިހަމައަށް އިހުތިރާމު ކުރަންޖެހޭ ކަންކަމެވެ. ވަކި ފަރުދެއްގެ ދުޅަހެޔޮ ކަމާއި އާފިޔަތާއި ޞިއްޙަތުގެ މުހިންމުކަން މުޅި މުޖުތަމަޢުގެ ފާއިދާތަކާއި މުހިންމުކަމާއި އަދި ސައިންސުގެ މުހިންމުކަމުގެ މައްޗަށް އިސްވެގެން ވެއެވެ. މުޖުތަމަޢަށްޓަކާ ކަމުގައި ބުނެ ވަކި ފަރުދެއްގެ އަމިއްލަ ޞިއްޙަތެއް ޤުރުބާކޮށް ނުލެވޭނެ އެވެ. އިންސާނުންގެ ކިބައިގައި ހުންނަ ޒާތީ ބަލިކަމާއި އިންސާނީ ޒާތީ ކަރާމާތް ކޮންމެހެން ޙިމާޔަތް ކުރަން ޖެހޭނެ އެވެ. އެކި މީހުންނަކީ އެކިއެކި ޒާތީ ބަލިކަމާއި ކަންކަން ހުންނަ މީހުން ކަމުގައިވީ އިރު، ޞިއްޙީ އަމަލުތަކާއި ސައިންސުގެ ޢިލްމުގެ ޢަމަލުތައް އިންސާނުންގެ މައްޗަށް ތަންފީޒު ކުރާ އިރު، ވަކި ފަރުދުންގެ ހުންނަ މިފަދަ ކަންކަމުގެ މައްޗަށް ރައްކައުތެރިވާން ޖެހޭނެ އެވެ. އެކި އިންސާނުންނަކީ އެކި ބަލިކަމާއި އުނިކަން ހުންނަ ފަރާތްތައް ކަމުގައި ވާއިރު އެންމެން އެއް އެއް ތައްގަނޑަކަށް އަޅައި ޝާމިލުކޮށް މަޖުބޫރުކުރެވޭ ފަދަ ބޭސް ފަރުވާގެ ޢަމަލެއް ތަންފީޒުކޮށްގެން ނުވާނެ އެވެ. އެފަދަ ކޮންމެ ޢަމަލަކީ ބަޔޯ-ޑައިވާސިޓީއާއި އިންސާނީ ދިރުންތަކުގެ ތަފާތުކަން ބަލައިގަތުން ނައްތާލާފައިވާ ޢަމަލެކެވެ. މިފަދަ ޝާމީލު ޢަމަލުތަކަކީ އިންސާނީ ކަރާމާތާއި އަސާސީ މިނިވަންކަމާއި ހައްޤުތައް ނިގުޅައިގަންނަ ކަމެކެވެ.

ދިރިހުމުގެ ހައްޤު:

ކޮންމެ މީހަކަށްމެ، ދިރިހުރުމުގެ ހައްޤާއި، އަމިއްލަ މިނިވަންކަމާއި، ނަފްސު ރައްކާތެރި ކުރުމުގެ ހައްޤު ލިބިގެންވެ އެވެ. ހަމަ ހުރެފައި މީހެއްގެ ދިރުމެއް ނަގައި ނުލެވޭނެ އެވެ. އަމިއްލަ ހަށިގަނޑުގެ މިނިވަންކަމާއި، ބޭސްފަރުވާއަށް ރުހުން ދިނުމުގެ މިނިވަންކަން ނިގުޅައިގަތުމަކީ ދިރިހުރުމުގެ ހައްޤު ނިގުޅައި ގަތުމެވެ. އެހެނީ، އަމިއްލަ ހަށިގަނޑުގެ މިނިވަންކަމަކީ ދިރިހުރުމުގެ ހައްޤާއި ޞިއްޙަތުގެ ހައްޤުގެ އެންމެ އަސާސީ ބައެވެ. އިންސާނަކަށް އެ ޞިއްޙީ ޢަމަލެއްގެ ސަބަބުން ދިގު މުއްދަތެއްގައި އަނިޔާއެއް ލިބިދާނެ ނުވަތަ އެ ޞިއްޙީ ޢަމަލެއްގެ ސަބަބުން އިންސާނެއްގެ ފުރާނަ ދުއްވާލުން އެކަށީގެންވާ ޢަމަލެއް އިންސާނެއްގެ މައްޗަށް މަޖުބޫރު ކުރުމަކީ އަސާސީ ޙައްޤުތަކާއި ދެކޮޅު، އިންސާނީ ހައްޤުތަކާއި އިންސާނީ ކަރާމާތް ނިގުޅައިގަތުމުގެ ޢަމަލެކެވެ.

ޞިއްޙަތުގެ ހައްޤު:

ކޮންމެ މީހަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމުގެ ހައްޤު ލިބިގެންވާ ފަރާތެކެވެ. އަމިއްލަ ޞިއްޙަތު ހެޔޮ ގޮތުގައި ދަމަހައްޓަން މީހަކު ކުރާ މަސައްކަތަށް ހުރަސް އެޅުން އެކަކަށް ވެސް ހުއްދަވެގެން ނުވެ އެވެ. މީހާގެ އަމިއްލަ ހަށިގަނޑާއި އަމިއްލަ ޞިއްޙަތު ކޮންޓްރޯލް ކުރުމުގެ ބާރުވެރިކަމާއި މިނިވަންކަމުގެ ހައްޤު ލިބިފައިވުމާއި، އޭނާގެ ޞިއްޙަތާއި ހަށިގަނޑުގެ މައްޗަށް އެހެން މީހުންގެ ބާރާއި ނުފޫޒު ފޯރު ކުރުމުން މިނިވަންކަން ލިބިފައިވުމުގެ ހައްޤު ލިބިފައި ވުމާއި، މީހާގެ ނުރުހުމުގައި ބޭސް ފަރުވާ ނުކުރުމުގެ މިނިވަންކަމުގެ ހައްޤު ލިބިފައި ވުމަކީ ޞިއްޙަތުގެ ހައްޤު ތެރެއިންވާ އެންމެ އަސާސީ ކަންކަމެވެ. މިއިން މިނިވަންކަމަކުން މަޙުރޫމު ކުރެވިފައިވާނަމަ އެވަނީ ޞިއްޙަތުގެ ހައްޤު ނިގުޅައިގަނެ ފައެވެ. ވަކި ބޭސް އުފައްދަ ކުންފުންޏެއްގެ ވަކި ބޭސްފަރުވާ އެއް ފުރިހަމަ ނުކޮށްގެން، ބޭސްފަރުވާ ދިނުމާއި ލިބިގަތުމުގައިޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމާއި ލިބިގަތުމުގައި އެއްވެސް މީހަކަށް ތަފާތުކުރުމަކީ ސިއްޙަތުގެ ހައްޤު ލިބިޤަތުމުން މަޙުރޫމު ކުރުމުގެ ޢަމަލެކެވެ. ވަކި ބޭސް އުފައްދަ ކުންފުންޏެއްގެ ވަކި ބޭސްފަރުވާ އެއް ފުރިހަމަ ނުކޮށްގެން، އެހެނިހެން އަސާސީ ހައްޤުތައް ނިގުޅައިގަތުމަކީ ޞިއްޙަތުގެ ހައްޤު ލިބިގަތުމުން މަޙުރޫމް ކުރުމުގެ ޢަމަލެއްގެ އިތުރުން، އިންސާނީ ހައްޤުތަކަށް ވެސް އަރައިގަތުމުގެ ޢަމަލެކެވެ. ސަބަބަކީ އަސާސީ ހައްޤުތައް ނިގުޅައިގަތުމަށް މަގުފަހިކުރުވާ ކޮންމެ ކަމަކީ އިންސާނީ ހައްޤު ނިގުޅައިގަތުމެކެވެ.

ހަށިގަނޑުގެ ބާރުވެރިކަމާ މިނިވަންކަމުގެ ހައްޤު:

އަމިއްލަ ހަށިގަނޑުގެ މިނިވަންކަން އަދި ބޭސްފަރުވާގެ އަމަލަށް ރުހުން ދިނުމަކީ އެތައް އެތައް ބައިނަލް އަޤްވާމީ މުއާހަދާ އަކާއި ދިވެހިރާއްޖެ ސޮއިކޮށްފައިވާ ކަމެކެވެ. އަދި މިއާ ޚިލާފުވުމަކީ އެ މުއާހަދާތަކާ ވެސް ދެކޮޅު ކަމެކެވެ. އަމިއްލަ ހަށިގަނޑުގެ މިނިވަންކަމަކީ އެންމެ އަސާސީ މިނިވަންކަމެވެ. މިފަދަ މިނިވަންކަމެއް އެއްވެސް ހާލަތެއްގައި ނިގުޅައި ގެނެވިގެން ނުވާނެ އެވެ. ކޮންމެ މީހަކީ އެމީހެއްގެ ހަށިގަނޑުގެ ބާރުވެރިކަމާއި މިނިވަންކަން ކަށަވަރުވެފައިވާ ފަރާތެކެވެ. އެހެން، އެއްވެސް ފަރާތަކުން މި ބާރުވެރިކަމާއި މިނިވަންކަމަށް ހުރަސް އަޅައިގެން ނުވާނެ އެވެ.

ބޭސްފަރުވާ އާއި ބޭހޭ ފުރިހަމަ މައުލޫމާތު ލިބުމުގެ ހައްޤު:

ޞިއްޙަތުގެ ޙައްޤުގެ އެންމެ މުހިންމު ބަޔަކީ ކޮންމެ ބޭސް ފަރުވާ އަކަށް ވިޔަސް އެއާ ބެހޭ އެންމެ ފުރިހަމަ މައުލޫމާތު ލިބުމުގެ ޙައްޤެވެ. މައުލޫމާތު ލިބުމުގެ ޙައްޤަކީ ފަރުވާ އަކުން ލިބޭ ގެއްލުމާއި ކުރާނެ މަންފާގެ ފުރިހަމަ މަޢުލޫމާތު ލިބުމުގެ ޙައްޤެވެ. ބޭސް ފަރުވާގެ ޢަމަލާއި ބެހޭ ގޮތުން ފުރިހަމަ މައުލޫމާތު ނުދީ ކުރާ ކޮންމެ ކަމަކީ، މީހާގެ ދިރިހުރުމުގެ ހައްޤާއި ޞިއްޙަތުގެ ހައްޤާއި، އަމިއްލަ ހަށިގަނޑުގެ މިނިވަންކަމާއި، ބޭސް ފަރުވާއަށް ރުހުން ދިނުމުގެ ހައްޤު ނިގުޅައިގަތުމުގެ ޢަމަލެކެވެ. ބޭސް ފަރުވާގެ ފުރިހަމަ މައުލޫމާތު ލިބުމަށް ފަހުގައި މެނުވީ މައުލޫމާތުގެ މައްޗަށް ބިނާކުރެވޭ ބޭސް ފަރުވާއަށް ރުހުން ދިނުމާއި ނުދިނުމުގެ ފުރިހަމަ މިނިވަން ނިންމުމެއް ނުނިންމޭނެ އެވެ. އެހެންކަމުން، ބޭސް ފަރުވާ ފޯރުކޮށްދޭ ފަރާތުން އެ ފަރުވާއެއް ލިބިގަންނަ ފަރާތަށް އޭގެ އެންމެ ފުރިހަމަ ތެދު މައުލޫމާތު ފޯރުކޮށް ދިނުމަކީ ފަރުވާއެއް ނުވަތަ ޞިއްޙީ ޚިދުމަތެއް ފޯރުކޮށްދޭ ކޮންމެ ފަރާތެއްގެ ޒިންމާއެކެވެ. އެ ޒިންމާ އަދާ ނުކުރުމަކީ އެފަރާތެއް ފަރުވާ ހޯދާ މީހާގެ ޞިއްޙަތުގެ ހައްޤާއި ދިރިހުރުމުގެ ޙައްޤަށް އަރައިގަނެ ކޮށްފައިވާ އަނިޔާވެރިކަމުގެ ލާއިންސާނީ ޢަމަލެކެވެ.

ބޭސްފަރުވާ އަށް ރުހުން ދިނުމުގެ ހައްޤު:

ކޮންމެ ބޭސްފަރުވާ އަކަށްވީ ނަމަވެސް، އެއިން ލިބޭ ގެއްލުމާއި ކުރާނެ މަންފާގެ ފުރިހަމަ މަޢުލޫމާތު ލިބުމަށްފަހު، ވަކި ގޮތަކަށް ޢަމަލުކުރުމަށް މަޖުބޫރު ކުރުވުމެއް ނެތި، ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން ނޭދެވޭ ފިޔަވަޅަކާ ކުރިމަތިލާން ޖެހުމެއް ނެތި، އެމީހަކު އެ ބޭސްފަރުވާ އަކަށް ރުހުން ދިނުން ނުވަތަ ނުދިނުމަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްޤެކެވެ. އެމީހެއް ނުވަތަ އެމީހެއްގެ ދަރިޔަކަށް ބޭސްވެރިކަމުގެ ޚިދުމަތެއް ލިބިގަތުމުގައި އެމީހެއްގެ ރުހުން ދިނުމާއި ނުދިނުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެކެވެ. އަދި އެފަދަ ޙިކުމަތަކާ ބެހޭގޮތުން ސުވާލު ކުރުމާއި އެއާ ބެހޭގޮތުން މަޢުލޫމާތު ހޯދުމަކީ ވެސް އެމީހަކަށް ލިބިގެންވާ ހައްޤެ ކެވެ. ރައްކާތެރިވުމަށް ނުވަތަ ފަރުވާދިނުމަށް ޞިއްޙީ ގޮތުން ކުރެވޭ ޢަމަލެއް ބޭނުންކޮށް މީހެއްގެ ދިރިއުޅުމުގެ ތެރެއަށް ވަދެވޭނީ އޭގެ ކުރިން އެމީހާއަށް އެ ޞިއްޙީ ޢަމަލަކާއި ބެހޭ ފުރިހަމަ މައުލޫމާތު ދިނުމަށް ފަހު، އެކަމުގައި އޭނާގެ ރުހުން ހޯދައިގެން ނެވެ. ރުހުން ދިނުމަށް ފަހުވެސް، ކޮންމެ ސަބަބަކާއި ހުރެ ވިޔަސް އެމީހާގެ ރުހުން އެކަށިގެންވާ ތަނެއްގައި ނަގައިގަތުމަކީ އެމީހަކަށް ލިބިގެންވާ އަސާސީ ހައްޤެކެވެ. ރުހުން ނުދިނުމުގެ ސަބަބުން ގެއްލުމާއި ކުރިމަތިލަން ޖައްސައި އިޖުތިމާޢީ ޚިދުމަތް ދިނުމުގައި ތަފާތުކޮށް އެކިއެކި ބިރު ދައްކައި ނުފޫޒު ފޯރުވުމަކީ ޢާންމު ޞިއްޙީ މިންގަނޑުތަކާއި އަދި މެޑިކަލް އެތިކްސް އާއި ޚިލާފު އަނިޔާވެރިކަމުގެ ޢަމަލެކެވެ.

އަމިއްލަޞިއްޙަތު ޓީމް:

އިތުރު ލިޔުންތައް ކިޔާ ލުމަށް މިތަނަށް ކްލިކް ކޮށްލައްވައިގެން އަޅުގަނޑުމެންގެ ޓެލެގްރާމް ޗެނަލް އަށް ވަދެ ލައްވާށެވެ. އަމިއްލަޞިއްޙަތު ވެބްސައިޓް ގައި ޞިއްޙަތާއި ގުޅުންހުރި ލިޔުންތައް ޝާޢިއު ކުރުމަށް ލިޔުންތައް amillasihhath@gmail.com  އަށް މެއިލް ކޮށްލަ ދެއްވާށެވެ.

2 thoughts on “އަމިއްލަ ޞިއްޙަތު މުހިންމީ ކީއްވެ؟

Leave a reply to އަލީ Cancel reply