ވޭތުވެދިޔަ 10 އަހަރު ރާއްޖޭގައި ވެކްސިން ޖަހައިގެން ލިބުނު އަނިޔާގެ މައުލޫމާތު ހޯދުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން ހާމަ ކުރުމަށް އެދި ޢާންމު ފަރުދަކު އާރްޓީ އައި އެއް ހުށައެޅުމުން އެޗްޕީއޭ ގެ ޖަވާބަކަށް ވީ ވެކްސިން އިން ދިވެހިންނަށް ވޭތުވެދިޔަ 10 އަހަރުގައި ލިބިފައިވާ އަނިޔާ ހާމަކޮށްފި ކަމުގައިވާނަމަ ވެކްސިން އަށް އޮންނަ އިތުބާރު ގެއްލި ދާނެ ކަމުގަ އެވެ. މި ޖަވާބުން އެނގިގެން ދަނީ މި ބޭފުޅުން ޙިމާޔަތް ކުރަން އުޅެނީ ޢާންމު ސިއްހަތެއް ނޫން ކަމެވެ. ޙިމާޔަތް ކުރަން އުޅެނީ ވެކްސިން ވިޔަފާރި މުދަލެވެ. އެ ވިޔަފާރި އަށް ކިރިޔާވެސް ބުރުލެއް އަރާ ކަމެއް އެއަށް ހުދު ފޮތި ވެފައި ތިބޭ މީހުން ނުމެ ކުރާނެ އެވެ. ވެކްސިން އަނިޔާ ބަލަން އެމެރިކާގައި ވަކި ޚާއްސަ ފެޑެރަލް ކޯޓެއް ޤާއިމް ކޮށްފައިވާކަން ދަންނަނީ އަހަރެމެންގެ ތެރެއިން މަދު ބަޔަކަށްވެ. އެމެރިކާގައި ވެކްސިން އަނިޔާ ރިޕޯޓުކުރާ ނިޒާމެއް ޤާއިމް ކުރެވިފައިވެ އެވެ. އަދި މިހާތަނަށް 4 ބިލިޔަން އަށްވުރެ ގިނަ އެމެރިކާ ޑޮލަރު ވެކްސިން ޖަހައިގެން އަނިޔާ ލިބުނު އެކި ފަރާތްތަކަށް އެމެރިކާ ސަރުކާރުން އެ ޤައުމުގެ ރައްޔިތުންނަށް ދީފައިވެ އެވެ. ރާއްޖޭގައި މި ފަދަ އަނިޔާ ބަލާނެ ނިޒާމެއް ނެތެވެ. އެފަދަ ބަދަލު ދިނުމުގެ ޕޮރުގުރާމެއް ނެތެވެ. އެފަދަ ރިޕޯޓިން މެކޭނިޒަމް އެއް ނެތެވެ. އެޗްޕީއޭ ޖަވާބު ދާރީ ކުރާނެ މަގެއް ޢާންމު ރައްޔިތުންނަކަށް ނެތެވެ. އެބޭފުޅުންގެ ފަރާތުން މުޅިންވެސް ފެންނަނީ ޚުދުމުޚުތާރު ވެރިކަމާއި ޑިކްޓޭޓަރު ކަމެވެ. ފޮރުވުމާއި އޮޅުވާލުމެވެ. ޚިޔާނާތާއި ސިއްރު ކުރުމެވެ.
އެޗްޕީއޭ ގެ މި ޚުދުމުޚުތާރު ވެރިކަމާއި ގުޅިގެން އެޗްޕީއޭ ޖަވާބުދާރީ ކުރުވުމަށް އަމިއްލަ ޖަމްޢިއްޔާއަކުން އިސް ނަގައިގެން ވެކްސިން ޖަހައިގެން ލިބިދާނެ އަނިޔާތަކާއި، ވެކްސިން ރުހުން ނެތި ގަދަކަމުން މަޖުބޫރުކޮށް ޖެހުމާ ދެކޮޅަށް ރިޕޯޓެއް ނެރުމުން އެ ޖަމްޢިއްޔާ އުވާލީ އެވެ. މެޑިކަލް މާފިޔާއިންގެ ބާރު ހަމަ ގަދައީ އެވެ.
ޚިޔާލު ފާޅު ފާޅުކުރުމުގެ މިނިވަންކަން ވެސް ނިގުޅައިގަތީ އެވެ. އަޅުގަނޑުމެންގެ ތެރޭގައިވާ މިނިވަންކަމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދަޢުވާކުރާ މީހުން ދަޢުވާ ކުރަނީ ނަމެއްގައި ތޯ އެވެ؟ އަޅުގަނޑުމެން ވަކަވެފައި ތިބި ޚިޔާލު ނޫން ތަފާތު ޚިޔާލެއް އެހެން ބަޔަކު ގެންނަ އިރަށް އެބަޔަކު އަގަ ބަންދުކޮށް ބޭން ކުރުން އެއީ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދަޢުވާ ކުރާ ބޭފުޅުންގެ ރިވެތި އުޞޫލު ތޯ އެވެ؟ އެއީ މަދަނީ ޖަމްޢިއްޔާތަކާއި ސިވިލް ސޮސައިޓީ ބާރުވެރި ކުރުން ތޯ އެވެ؟
އިންސާނާގެ އެންމެ އަސާސީ ޙައްޤަކީ އަމިއްލަ ހަށިގަނޑުގެ މިނިވަންކަމެވެ. މި މިނިވަންކަން ނެތް ނަމަ، ދެން އޮންނާނީ ކޮން މިނިވަންކަމެއްތޯ؟
ހެލްތް ޑިފެންސް މޯލްޑިވްސް ގެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓު “ބޮޑިލީ ސަވަރިންޓީ – އަ ލޫތާ ކޮންތިނޫއަ” އަކީ އަމިއްލަ ހަށިގަނޑުގެ މިނިވަންކަމާއި، ބޭސްފަރުވާގެ ކޮންމެ އަމަލަކަށް ރުހުން ދިނުމާއި ޞިއްޙީ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ބައިނަލް އަޤްވާމީ ޤާނޫނުތަކުން ވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެއް ކަމަށްވުމާއެކު މި ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތާ ރައްކާތެރިކުރުމަކީ މުހިންމު އަދި ކުރަންޖެހޭނެ ކަމެއް ކަމަށް ދެކި ތައްޔާރުކޮށްފައިވާ ރިޕޯޓެކެވެ.

ވެކްސިން ދިނުމުގެ އަމަލަކީ އެއިން ވެސް އެތައް އަނިޔާތަކެއް ކުރިމަތިކުރުވާ އަދި މަރުވުން ވެސް އެކަށީގެންވާ ބޭސްފަރުވާގެ އަމަލަކަށް ވުމާއެކު، ބޭސްފަރުވާގެ ކޮންމެ އަމަލެކޭ އެއްފަދައިން ވެކްސިން ދިނުމުގައި ވެސް އެއިން ލިބޭ އަނިޔާއާއި ފައިދާގެ ފުރިހަމަ މަޢުލޫމާތު ލިބި ރުހުން ދިނުން އޮންނަން ޖެހޭނެ ކަމަށް މި ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މިގޮތުން، ފަންނީ ދިރާސާތަކުގެ އަލީގައި އަދި ބައިނަލް އަޤްވާމީ ޖަމުޢިއްޔާތަކުން ބަޔާންކޮށްފައިވާ ފަދައިން ވެކްސިން ގެ އަމަލަކީ އެއިން ލިބިދާނެ އަނިޔާތައް އެދެވޭ މިންވަރަށް ވެސް ބެލިފައިނުވާ އެއްޗެއްކަން މި ރިޕޯޓުން ހާމަކޮށްފައިވެ އެވެ. އަދި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ އާއި އެމެރިކާގެ ސީ.ޑީ.ސީ ފަދަ ފަރާތްތަކުގެ ސިއްރު ބައްދަލުވުންތަކުގައި ވެކްސިން ޖެހުމުގެ ސަބަބުން ކެންސަރު، އޯޓިޒަމް، އޭ.ޑީ.އެޗް.ޑީ އަދި އެކި އެކި ނިއުރޯ ބަލިތައް ކުރިމަތިވާ ކަމަށް އެއްބަސްވެ ދައްކާފައިވާ ވާހަކަތަކުގެ ޔައުމިއްޔާ ވެސް މި ރިޕޯޓުގައި ގެނެސްދީފައިވެ އެވެ.
ވެކްސިން ގައި އެކުލެވިގެންވާ އެލުމިނިއަމް، ދިރޭރަހަ، ބަނޑުގައި އޮންނަ ދަރި ވައްޓާލައިގެން އެކުއްޖާގެ ގުނަވަންތައް ބޭނުންކޮށްގެން ހަދާ ވެކްސިންގައި އެކުއްޖާގެ ޑީ.އެން.އޭ، ޖަނަވާރުންގެ ޑީ.އެން.އޭ، އެކި ކަހަލަ ވައިރަސްތައް މިއީ އެތައް ބައްޔެއް ކުރިމަތިކުރުވާ އަދި އަނިޔާ ލިބިދޭ މާއްދާތަކެވެ. މިއިން އެއްވެސް މާއްދާއެއް ވެކްސިންގައި ހިމެނުމުގައި ރައްކާތެރިކަން ދައްކުވާ އެއްވެސް ފަންނީ ތަހުލީލެއް ހެދިފައި ނުވާކަން މި ރިޕޯޓުން ބަޔާންކޮށްދީފައިވެ އެވެ.

މި ރިޕޯޓުން ފާހަގަ ކޮށްލެވޭ ބައެއް މުހިންމު ކަންތައްތައް:
- ކުޑަކުދިންނަށް ދެވޭ ވެކްސިންގައި އެކުލެވިގެންވާ ނިއުރޯޓޮކްސިކް މާއްދާ އެލުމިނިއަމް ގެ ރައްކާތެރިކަމުގެ ދިރާސާ ކޮށްފައިނުވާ ކަމަށް އެމެރިކާގެ އެފް.ޑީ.އޭ ގެ ލިޔުން.
- އެމް.އެމް.އާރ ވެކްސިންގައި ކެންސަރު ޖެހިދާނެ ވައިރަސް އެއް ހުރިކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ބަލާފައިވާ ކަން އަދި މިއާ ގުޅޭގޮތުން އިތުރު ފިޔަވަޅެއް އަޅާފައިނުވާކަން
- – 2، 4 އަދި 6 މަހުގައި ދޭ ޕެންޓަވޭލަންޓް ވެކްސިން ގެ ސަބަބުން އޭޝިއާގެ އެތައް ގައުމަކުން ކުދިން މަރުވެފައިވާކަން އަދި މިކަން ސިއްރުކުރުމުގައި ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން މަސައްކަތްކޮށްފައިވާ ކަން
- ޑީ.ޕީ.ޓީ ވެކްސިން ދިނުމުން ބަލިން ރައްކާތެރިކުރާ މިންވަރަށް ވުރެ ކުދިން މަރުވާ މިންވަރު އިތުރުކަމަށް ދައްކުވާ 30 އަހަރުގެ ދިރާސާ
- ބަނޑުގައި އޮންނަ ދަރިވައްޓާލައިގެން އެކުއްޖާގެ ގުނަވަންތައް ބޭނުންކޮށްގެން ހަދާ އެމް.އެމް.އާރ ފަދަ ވެކްސިންތަކުގެ ސަބަބުން އޯޓިޒަމް ޖެހުމާ ގުޅުން ހުރިކަމަށް އެތައް ގައުމެއްގެ މަޢުލޫމާތު ހޯދައިގެން ސައިންޓިސްޓެއް ހަދާފައިވާ ދިރާސާ
- ތަރައްގީ ވެފައިވާ ގައުމުތަކުގައި ދެވޭ ވެކްސިން އިން ދިރޭރަހަ ނަގާފައިވާ އިރު، މި ނުރައްކާތެރި މާއްދާ އެހެން ގައުމުތަކުގައި އަދިވެސް ބޭނުންކުރާ ކަން.
އަމިއްލަ އަދި ދަރިންގެ ހަށިގަނޑުގެ ރައްކާތެރިކަން ހޯދުމަށް މަޢުލޫމާތު ލިބި މަސައްކަތްކުރުމަކީ މުހިންމުކަމެއް ކަމަށް މި ފަރާތްތަކުން ގޮވާލައެވެ.
7 އޭޕްރީލް 2021 ގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ގެ ފަަރާތުން ނެރުނު ބަޔާނެއްގައި ވަނީ ވެކްސިންއާ ދެކޮޅު ޖަމުޢިއްޔާއެއް ކަމަށް ބުނެ ހެލްތް ޑިފެންސް މޯލްޑިވްސް އުވާލާފަ އެވެ. ވެކްސިން ގެ އަނިޔާއެއް ބަޔާން ކުރުމަކީ ވެކްސިން އާއި ދެކޮޅުވުންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުން ނެވެ. އަދި މި ޖަމްޢިއްޔާ އުވާލީ ހެލްތު މިނިސްޓްރީގެ މެންޑޭޓް ތެރެއަށް ވަންނަ ކަމުގައި ބުނެ އެވެ. އެހެން ވިއްޔާ، ކުޅިވަރު ޖަމްއިއްޔާތައް ކުޅިވަރު މިނިސްޓްރީގެ މެންޑޭޓް ތެރެއަށް ވަންނަ ކަމުގައި ބުނެ އުވާލަންވީ ނޫން އެވެ؟


