ބޭބީ ފުޑްސް އުފެއްދުންތައް އުފައްދާ މައި ކުންފުނިތަކުން ވިހަ ހެވީމެޓަލް ކެމިކަލް މާއްދާތައް އިންތިހާއަށް މަތި މިންވަރަށް ހުރި އުފެއްދުންތައް އެނގިހުރެ ވިއްކަމުން ދިޔަކަން އެމެރިކާގެ ކޮންގްރެޝަނަލް ތަޙުޤީޤަކުން ފަޅާއަރުވާލައިފި

މުހިންމު ހަޤީޤަތްތައް:

  • ތުއްތު ކުދިންނާއި ބޮޑެތި މީހުން ކާން ބާޒާރުގައި ވިއްކާ އެއްޗެހީގައި އިންތިހާއަށް ނުރައްކާތެރި ބަލި ޖައްސާ ކެމިކަލް ޒަހަރު ވިހަ މާއްދާތައް އިންތިހާއަށް މައްޗަށް ހުންނަ ކަމަކީ ހަޤީގަތެއް
  • ކާއެއްޗެހީގެ އުފެއްދުން ތަކުގައި ހުންނަ ވިހަ ކެމިކަލް މާއްދާތައް މަދުކުރުމަށް ހައްލެއް ގެނައުމަށް އެފްޑީއޭ އަދި އެޗްޕީއޭ ކަހަލަ ރެގިއުލޭޓަރީ އެޖެންސީތައް ވަނީ ނުކުޅެދިފައި ކަން އަދި މިކަމަށް އެބޭފުޅުން މާބޮޑު އަޅާލުމެއް ނުބަހައްޓާ ކަން
  • ކޮންމެ މަޔަކު އަދި ބަފަޔަކު އެމީހެއްގެ ދަރިއަކަށް ކެމިކަލް ވިހަ މާއްދާތަކުން ރައްކާތެރިކުރެވިފައިވާ ދުޅަހެޔޮ ކާނާ ދިނުމަކީ ޒިންމާއެއްކަން އަދި ރައްޔިތުން މި ފަދަ ޒަހަރުން ޙިމާޔަތް ކުރުމަކީ މިއީ ދަވްލަތުގެ ވެސް ޒިންމާއެއް
  • މިއީ ވެސް ޕަބްލިކް ހެލްތަށް ނުވަތަ ޢާންމު ޞިއްޙަތަށް އިންތިހާއަށް ނުރައްކާ ކަމެއް ކަމުގައިވީ ހިނދު ވެސް މިއާއި ގުޅިގެން ލޮލަށް ނުފެންނަ ވައިރަލް ބިރުގެންނެވުމާއި ގުޅިގެން އަޅާ ހަރުކަށި ފިޔަވަޅުތައް މިއަށް ހައްލެއް ގެނައުމަށް ނާޅާ ކަމަކީ ވެސް ހަޤީގަތެއް

-ވޮޝިންޓަން ޑީސީ، އެމެރިކާ، 4 ފެބުރުއަރީ 2021

އެމެރިކާގެ ކޮންގްރެޝަނަލް އިންވެސްޓިގޭޓަރުން ވަނީ “އިންތިހާއަށް ނުރައްކާތެރި މިންވަރަށް ވިހަ ޓޮކްސިކް ހެވީ މެޓަލް” މާއްދާތައް ބޭބީ ފުޑްސް އުފެއްދުންތަކުގައި ހުރިކަން މި ބޭފުޅުން އެތައް ކުންފުނިތަކެއްގެ އުފެއްދުންތަކުގެ މައްޗަށް ކުރި ތަޙުޤީޤަކުން ހޯދާފަ އެވެ. މި ރިޕޯޓްގެ މައުޟޫ އަކީ “އިންތިހާއަށް ނުރައްކާތެރި ލެވެލްއަކަށް މާރކިޔުރީ، ކެޑްމިއަމް، ލެޑް އަދި އާރސިނިކް ވަނީ ބޭބީ ފުޑަށް ތަޣައްޔަރު ކުރެވިފައި” މިއެވެ. (ރިޕޯޓް ކިޔާލުމަށް[1])

މި ތަހުޤީޤު ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ މަޝްހޫރު ބޭބީ ފުޑްސް (ނުވަތަ ތުއްތު ކުދިން ކާއެއްޗެހި) އުފައްދާ ކުންފުނިތައް ކަމުގައިވާ ނާރޗަރ، ހެޕީ ބޭބީ، އާތްސް ބެސްޓް، ޕްލަމް، ޕޭރެންޓްސް ބެސްޓް ޗޮއިސް، ހެއިން ސެލެސްޓިއަލް ގްރޫޕް، ބީޗް-ނަޓް ނިއުޓްރިޝަން އަދި ނެސްޓްލޭ ގެ ޔުނިޓެއް ކަމުގައިވާ ގާރބާ ފަދަ ކުންފުނިތަކުގެ މައްޗަށެވެ. އަދި ވޯލް މާރޓް އައިއެންސީ، ސެމްޕްބެލް ސޫޕް ކޯ އެންޑް ސްޕްރައުޓް އޯގަނިކް ފުޑް އިން މި ތަޙުޤީޤަށް އެއްބާރުލުން ދިނުމަށް ދެކޮޅު ހަދާފައި ކަމުގައި ބުނެ އެބޭފުޅުން ވަނީ “ވަރަށް ބޮޑަށް ކަންބޮޑުވުން” ފާޅުކޮށްފަ އެވެ. އެމެރިކާގެ ބޭބީ ފުޑްސް ނުވަތަ ތުއްތު ކުދިންގެ ކާނާގެ މާކެޓަކީ 8 ބިލިއަން އެމެރިކާ ޑޮލަރުގެ އަގު ހުރި އިންޑަސްޓްރީ އެއްކަން ޔޫރޯމޮނީޓާރ ގެ 2020 ވަނަ އަހަރުގެ އަންދާޒާތަކުން ވަނީ ދައްކާފަ އެވެ.

މި ކުންފުނިތަކުގެ އިންޓާނަލް ސްޓޭންޑަރޑްތަކުން ވަނީ “ނުރައްކާ މިންވަރަށް މަތީ ލެވެލް ގައި ވިހަ ޓޮކްސިކް ހެވީ މެޓަލްއަށް މާއްދާތަކަށް ހުއްދަދީ އަދި މި ލެވެލްއަށް ވުރެ ވެސް މައްޗަށް ހުރި ކާއެއްޗެހި ކުންފުނިތަކުން ވިއްކާ” ކަމުގައި ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

“އިންއޯގަނިކް އާރސެނިކް (INORGANIC ARSENIC)، ލެޑް (LEAD)، ކެޑްމިއަމް (CADMIUM) އަދި މާކިޔުރީ (MERCURY) އަކީ ޚާއްސަކޮށް ތުއްތު ކުދިންނާއި ކުޑަކުދިންނަށް ނުރައްކައުތެރި އެއްޗެއްކަން އެފްޑީއޭއިން ވަނީ ކަނޑައަޅާފަ” ކަމުގައި ވެސް ރިޕޯޓްގައި ބުނެފައިވެ އެވެ.

މި ރިޕޯޓް ނެރުނު ޕެނަލްގެ ޗެއާރ ކުރައްވާ ރާޖާ ކްރިޝްނަމޫރްތީ ވިދާޅުވީ އެބޭފުޅުންނަށް ތަޙުޤީޤުން އެނގުނު ގޮތުގައި “މި ކާއެއްޗެހި އުފައްދާ ކުންފުނިތަކުން އެނގިހުރެ މަތީ މިންވަރަކަށް ހެވީ މެޓަލް ވިހަ ހުރި ބޭބީ ފުޑްސް ވިއްކާ” ކަމުގައެވެ. އަދި “މިއީ އަހަރެމެން ކުރިއަށް އޮތް ޖީލުތަކަށް ޓަކައި ކާއެއްޗެހި އުފެއްދުމުގެ ރަނގަޅު ސްޓޭންޑަރޑްތަކެއް އުފެއްދުން މިހުންމު ވަޤުތެއް” ކަމުގައި އެބޭފުޅާވަނީ ފާހަގަކޮށްފަ އެވެ.

ރާޖާ ކްރިޝްނަމޫރްތީ ވިދާޅުވީ “ނުރައްކާތެރި ލެވެލްއަކަށް ވިހަ ޓޮކްސިކް މެޓަލް ކަމުގައިވާ އާރސިނިކް، ލެޑް، ކެޑްމިއަމް އަދި މާރކިޔުރީ ބޭބީ ފުޑްސް ގައި ފަންނީ މާހިރުންނާއި އަދި ގަވަރނިންގބޮޑީ ތަކުން ހުއްދަކޮށްފައިވާ މިންވަރަށްވުރެ އެތައް ގުނައެއް މައްޗަށް” ހުރި ކަމުގަ އެވެ.

އާރސިނިކް، ލެޑް، ކެޑްމިއަމް އަދި މާރކިޔުރީ އަކީ ތުއްތުކުދިންނާއި ކުޑަކުދިންނަށް ނުރައްކާ 10 ކެމިކަލް ކޮންޕައުންޑް ގެ ތެރޭގައި ދުނިޔޭގެ ޞިއްޙަތުގެ ޖަމްޢިއްޔާއިން ބަޔާންކޮށްފައިވާ ކޮންޕައުންޑު ތަކުގެ ތެރޭގައި ހިމެނޭ 4 ބާވަތެކެވެ.

މާރކިޔުރީ:

އެމެރިކާގެ އީޕީއޭ ނުވަތަ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ އިން ބޯ ފެނުގައި މާރކިޔުރީ އެންމެ ގިނައިން ހުރުން ހުއްދަކޮށްފައިވާ މިންވަރަކީ 2 ޕީޕީބީ (ޕާޓްސް ޕާ ބިލިޔަން) އެވެ. އެފްޑީއޭ އިން ބޭބީ ފުޑްސް ގައި މި ފެނުނީ 10 ޕީޕީބީ (ޕާޓްސް ޕާ ބިލިޔަން) އެވެ. އެހެނަސް، އަޖައިބު އަންތަރީވެ ކަންބޮޑުވާން ޖެހޭ ކަމަކީ އަހަރެމެން ތުއްތު ކުދިން ގަޔަށް ގަދަކަމުން ޖަހާ ބައެއް ވެކްސިން ތަކުގައި 50،000 ޕީޕީބީ (ޕާޓްސް ޕާ ބިލިޔަން) ލެވެލްއަށް މާރކިޔުރީ ހުރެ އެވެ. އެހެނަސް، އެކަމާއިމެދު ކަންބޮޑުވާ ފަރާތެއް ނުވެ އެވެ. އެންމެން ތިބެނީ ބަލިތަކުގެ ބިރުވެރިކަން ދައްކައި އެއަށް ދެލޯ ކަނު ކޮށްގެނެވެ.

މިހާރު ނޫސް: ކުޑަކުދިންގެ ކާނާގައި ކެމިކަލް ގިނަ – (29 އޮކްޓޯބަރ 2017)[2]

” ކުޑަކުދިންނަށް ޚާއްސަކޮށް ތައްޔާރުކޮށްފައި ހުންނަ ވަރަށް ގިނަ ބާވަތްތަކުގެ ކާނާގައި ނުރައްކާތެރި ކެމިކަލްތައް ހުންނަ ކަމަށް ފަހުގެ ހޯދުމަކުން ހާމަވެއްޖެ އެވެ.

އިންޑިޕެންޑެންޓްގައި ޝާއިއުކޮށްފައިވާ ރިޕޯޓެއްގައި ބުނީ ކޮންސިއުމާ ޓްރާންސްޕޭރަންސީ އަށް ވަކާލާތުކުރާ “ދަ ކްލީން ލޭބަލް ޕްރޮޖެކްޓް” ކިޔާ ޖަމިއްޔާއަކުން ކުރި ޓެސްޓުތަކުގެ ނަތީޖާއިން، ކުޑަކުދިންގެ ކާނާގެ އުފެއްދުންތަކުގައި ލެޑް، ކެޑްމިއަމް އަދި އެކްރިލަމައިޑް ހުންނަކަން ވަނީ އެނގިފަ އެވެ.

މިފަހަރުގެ ހޯދުމުގައި ރިސާޗަރުން ވަނީ ކުޑަކުދިންނަށް ޚާއްސަކޮށް އުފައްދާފައިވާ 530 ވައްތަރެއްގެ ލުއިކާނާ، ސީރިއަލްސް، ފޯމިއުލާސް އަދި ބުއިންތައް ޓެސްޓްކޮށްފަ އެވެ. މި ތަކެއްޗަކީ މި ޓެސްޓް ހެދުމަށްޓަކައި، މީގެ ފަސް ވަރަކަށް މަސް ދުވަސް ކުރިން ފެށިގެން ގަނެފައި ހުރި ތަކެއްޗެވެ.

ރިސާޗަރުންނަށް ހޯދުނު ގޮތުގައި ޓެސްޓްކުރި، ތުއްތު ކުދިންނަށް ކާން ދޭން އުފައްދާފައިވާ ކާނާގެ ތެރެއިން 65 ޕަސެންޓް ތަކެތީގައި އާސެނިކް ހުއްޓެވެ. އަދި 58 ޕަސެންޓް ޕްރޮޑަކްޓްގައި ކެޑްމިއަމް ހުރިއިރު 36 ޕަސެންޓް ތަކެތީގައި ލެޑް ހުއްޓެވެ. އަދި 10 ޕަސެންޓް ތަކެތީގައި އެކްރިލަމައިޑް ހުއްޓެވެ.

އިންފަންޓް ފޯމިއުލާ ސާމްޕަލްތަކުގެ ތެރެއިން 80 ޕަސެންޓް ސާމްޕަލްގައި އާސެނިކް ހުއްޓެވެ. އާސެނިކަކީ ވިހަ މާއްދާ އެކެވެ. ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި އާސެނިކް އެކުލެވޭ ތަކެތި ބޭނުންކުރުމުން ހިތާއި ސިކުނޑިއާ ގުޅިފައިވާ ނާރުތަކުގެ ނިޒާމުގެ ބަލިތަކާއި ހަކުރުބަލި އަދި ކެންސަރު ޖެހިދާނެ އެވެ.

ޓެސްޓްކުރި ކާނާގެ ގިނަ ބާވަތްތަކަކީ ކްރިސްޕްސް އާއި ޕަފްސް ކަހަލަ ހަނޑުލުން އުފައްދާފައި ހުރި ތަކެއްޗެވެ. މި ހޯދުމުގައި ބުނެފައިވާ ގޮތުން، ތުއްތު ކުދިންނަށް ދޭ ތައްޔާރީ ކާނާގައި އެކްރިލަމައިޑް ހުރި މިންވަރު ފްރެންޗް ފްރައިގައި އެވްރެޖްކޮށް ހުންނަ މިންވަރަށް ވުރެ ވެސް 70 ޕަސެންޓް އިތުރެވެ. އެކްރިލަމައިޑް އަކީ ސިކުނޑިއަށް ގެއްލުން ލިބުމާއި ދަރިމައިވުމުގައި ގޮންޖެހުންތައް ދިމާވާން މެދުވެރިވާ ކެމިކަލެކެވެ. މި ދިރާސާ ކުރި ފަރާތަށް އިތުރަށް ހޯދިފައިވާ ގޮތުގައި ބިސްފެނޯލް އޭ (ބީޕީއޭ) ފްރީ ކަމަށް ލޭބަލްކޮށްފައިވާ އުފެއްދުންތަކުގެ ތެރެއިން 70 ޕަސެންޓް އުފެއްދުންތައް ބީޕީއޭ އަށް ޕޮޒިޓިވް ވެފައިވެ އެވެ. ބިސްފެނޯލް އަކީ ޕްލާސްޓިކުން އެއްޗެހި އުފެއްދުމަށް ބޭނުންކުރާ އިންޑަސްޓްރިއަލް ކެމިކަލެކެވެ.” – މިހާރު ނޫސް


[1] Baby Foods Are Tainted with Dangerous Levels of Arsenic, Lead, Cadmium, and Mercury https://oversight.house.gov/sites/democrats.oversight.house.gov/files/2021-02-04%20ECP%20Baby%20Food%20Staff%20Report.pdf

[2] ކުޑަކުދިންގެ ކާނާގައި ކެމިކަލް ގިނަ https://mihaaru.com/lifestyle/25823

Leave a Reply