ފުރަތަމަ ސުވާލުގެ ޖަވާބަކީ މިކަންކުރީ އަހަރެމެން އަމިއްލަޔަށެވެ. މިކަން ކުރަން އެންގީ އަހަރެމެން ނިސްބަތްވާ ގައުމުތަކުން ނެވެ. އަހަރެމެން ސުވާލެއް ނުކުރަމެވެ. ދެވަނަ ސުވާލުގެ ޖަވާބު އަމިއްލަޔަށް ހޯދިނަމަ، ފުރަތަމަ ސުވާލު ކުރާނެ ފުރުސަތެއް ނެތެވެ. އަހަރެމެން ގޭބަންދުކުރީ، އަހަރެމެންގެ މިނިވަން ދިރިއުޅުން، “ބަޔަކަށް” ބަރޯސާވާ ބަޔަކަށް އަޅުވެތި ދިރިއުޅުމަކަށް ބަދަލުކުރުމަށެވެ.
ގޭބަންދުކުރަން ދެއްކި ސަބަބު:
ގޭބަންދު ކުރުމަށް ދެއްކީ ސާސް-ކޮވް-2 އޭ ކިޔުނު (އައިސޮލޭޓް ކޮށްފައިނުވާ) ވައިރަހެކެވެ. މި ވައިރަހަށް ބޭހެއް ފަރުވާއެއް ނެތް ކަމަށް ދަޢުވާކުރެ އެވެ. މީގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުކަން ދެއްކުމަށްޓަކައި ބުނަމުންދިޔައީ، މިވައިރަހަކީ ހަށިގަނޑުގައި ހުއްޓަސް އަލާމާތެއް ނުފެނި، އެތައް ބަޔަކަށް ފެތުރިގެންދާނެ ވައިރަސްއެއް ކަމަށެވެ. އެހެނަސް އެ ވައިރަސް ހުރި މީހާ ހުންނަކީ ޞިއްޙަތު ސަލާމަތް ކަންމަތީގަ އެވެ. އޭގެ ފަހުން މިބަލީގައި މީހުން މަރުވާނެ ޚިޔާލީ ޕްރޮޖެކްޝަންތަކެއް ހަދައި މީޑިއާއަށް ދޫކޮށްލިއެވެ. މިވައިރަހުން ރައްކާތެރިވެ ތިބުމަށް ކުރަންޖެހޭ ކަމަކީ ގޭބަންދުވެގެން ތިބުމާއި، ގޭގައި ތިބޭއިރުވެސް ގައިދުރުކަން (3 ފޫޓާއި 6 ފޫޓް ދުރުމިން) ދެމެހެއްޓުމާއި މާސްކްއެޅުމެވެ. މިއީ ރަނގަޅު ސިއްހަތެއްގައި ހުރިމީހަކުވެސް ބަލިވެދާނެ ކަންތައްތަކަށްވާއިރު، މިކަމާ ސުވާލު ކުރުމެއްނެތެވެ. ސުވާލުކޮށްފި މީހަކު އެއީ ގަމާރެއްކަމަށް ލޭބަލް ކުރެއެވެ.
މިހިސާބުން ހިތުގައި އުފެދޭނެ ސުވާލަކީ ދުނިޔޭގެ އެންމެ ފަޤީރު ގައުމުތަކުން ފެށިގެން އެންމެ ބާރުގަދަ މުއްސަނދި، ވަޞީލަތްތައް ހުރި ގައުމުތަކުގައިވެސް ވައިރަސް ފެތުރި، ސަލާމަތް ނުވެގެން އެއުޅެނީ މިކަމުގައި ހަގީގަތެއް އޮތީމަ ނޫންހެއްޔެވެ. ގައުމުތަކު ރައީސުންނާއި ބޮޑުވަޒީރުންނާއި ޝާހީ އާއިލާތަކުގެ ބޭފުޅުންނަށް މިބަލިޖެހި، މިކަމުގެ ހާސްކަމާއި ބިރުވެރިކަން ކޮންމެ ދުވަހަކު ގައުމުތަކުގެ ވެރިން ކިޔާދެމުން އެދަނީ ހަގީގީ ނުރައްކަލެއް މިކަމުގައި އޮތީމަ ނޫންހެއްޔެވެ؟ ތެދެކެވެ. ދިވެހިރާއްޖޭގައި ވެސް މިކަން މިބީދައިން ކުރަމުން އެބަދެއެވެ. ދެއިރު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ ބިރުވެރިކަމުގެ ވާހަކަދައްކާ، ގޭގައި ތިބުމަށް އިލްތިމާސް ކުރެއެވެ. ކަމާއިބެހޭ ފަރާތްތަކުން އަންގާ އެންގުންތަކަށް ތަބާނުވާ މީހުންނާދޭތެރޭ ފިޔަވަޅު އަޅަމުންދެއެވެ. ވައިރަސް އަށް ޕޮޒިޓިވް ވާމީހުންނާއި، އެމީހުންނާއި ބައްދަލުވެފައިވާ މީހުން ބަންދުކޮށް ފަރުވާދިނުމުގެ ނަމުގައި ތަންތަން ހަދާ، އެތަންތަނުގައި މީހުން ބަންދުކޮށް ބައިތިއްބައިގެން އެތައް މިލިޔަނުން ޚަރަދުކުރަމުން އެބަދެއެވެ. އަހަރެމެން މިތިބީ ބުނީމަ ބުނިގޮތަށް ހަދައިގެން ގޭގައި އަމިއްލަޔަށް ބަންދުވެގެންނެވެ.
ހުރިހާ ގައުމުތަކުގެ ސަރުކާރުތަކުން މިކަމުގައި އެއްގޮތަކަށް އަމަލު މިކުރަނީ ކީއްވެހެއްޔެވެ؟ މިކަމުން އޮތް ފައިދާއަކީ ކޮބައިހެއްޔެވެ؟
އެއްވެސް ޝައްކެތްނެތްގޮތުގައި ޖުމްލަކޮށް ބަލާލާއިރު ދަވްލަތަކުން މިކަމުން ކުރާނެ ފައިދާއެއް ނެތެވެ. އެހެން ނަމަވެސް، މިކަން ދެމެހެއްޓުމަށް އިސްސަފުގައި މަސައްކަތްކުރާ މުއައްސަސާތަކުގެ ވެރިންނަށް މާލީ ގޮތުން ފައިދާ ވާނެއެވެ. ފުލުހުންނާއި ސިފައިންނާއި، ސިއްހީ ދާއިރާގެ އިތުރުން ހިލޭ ސާބަހަށް މަސްކަތްކުރާ މީހުންނަކީ އަމިއްލަ ފުރާނައަށް ބެލުމެއްނެތި މަތިވެރި ޖިހާދެއް ކުރަމުންދާ ބައެއްކަމަށް ދެއްކުމުން މުޖުތަމައުގައި އެމީހުންގެ އަގު މަތިވާނެއެވެ. މިއީ ހުރިހާ ގައުމުތަކުގައި ވެސް މިކަން އޮތްގޮތެވެ. އެހެންކަމުން، މިއީ ހަގީގަތެއްނެތް ވައިރަހެއް ކަމާއި، ހަގީގަތެއް ނެތް ބިރުވެރިކަމެއްކަން ގަބޫކުރުމަކީ އުނދަގޫ ކަމަކަށްވާނެއެވެ. ހަގީގަތުގައިވެސް މިކަމުން އެއްވެސް ގައުމެއްގެ ސަރުކާރަކަށް ކުރާނެ ފައިދާއެއް ނެތެވެ. މިކަމުން ފައިދާ ކުރާނީ ހިޔަނީގައި ހިންގަމުންދާ ދުނިޔޭގެ ސަރުކާރަށެވެ. މިސަރުކާރަށް ޑީޕް ސްޓޭޓޭވެސް ކިޔައި އުޅެއެވެ.
ޑީޕްސްޓޭޓް އަދި ޗައިނީސް މޮޑެލް
ޑީޕް ސްޓޭޓްގެ ވާހަކަ ފަހަށް ބޭއްވުމަށްފަހު، ދުނިޔޭގެ ގައުމުތަކުން ކޮރޯނާ ވައިރަހާއި ގުޅިގެން އަމަލުކުރަން ފެށިގޮތް ބަލާލުން ރަނގަޅެވެ. މިވައިރަސް ފުރަތަމަ ފެނުނުކަމަށްބުނާ ޗައިނާއަކީ، ކޮމިއުނިސްޓް ގައުމެކެވެ. ހުރިހާ ރައްޔިތުންނަކީ ސަރުކާރުގެ އަޅުންނެވެ. އެގައުމުގެ ރައްޔިތުންނާމެދު ހިންގާ ލާއިންސާނީ އަމަލުތައް ކޮންމެވެސް ވަރަކަށް އާންމުވާތީ، ދުނިޔޭގެ ގިނަ ގައުމުތަކުން ޗައިނާއިން ކުރާ ކަންކަމަށް އެހާ ބޮޑަކަށް ތައުރީފެއް ނުކުރެއެވެ. ނަމަވެސް ކޮރޯނާ ކަންތަކުގައި ޗައިނާއިން އަމަލުކުރިގޮތް މޮޅުވެގެން އެގޮތަށް އަމަލުކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގައުމުތަކަށް އިރުޝާދު ދިނެވެ. އަދި ގައުމުތަކު އާއްމު ރައްޔިތުންވެސް އެކަމަށް ގޮވާލަމުން އެބަގެންދެއެވެ. މިގޮވާލުންތަކާއި އެއްގޮތަށް ވޫހާން ލޮކްޑައުން ކުރިގޮތަށް ގައުމުތައް ލޮކްޑައުންކޮށް، އެކި ޒާތްޒާތުގެ ކުއްލި ނުރައްކާ އިއުލާންކޮށް، މީހުންގެ އާންމު ދިރިއުޅުން ހުއްޓުވާ ގޭބަންދުކޮށްފިއެވެ. މޯބައިލް ފޯން ބޭނުންކޮށްގެން “ކޮންޓެކްޓް ޓްރޭސިން” ހޯދަން ފަށައިފިއެވެ.
ވައިރަސްއިން ސަލާމަތްވުމަށް ޗައިނާގެ މޮޑެލްއަށް ދާން ވަކާލާތުކުރާއިރު، ޗައިނާގެ ވޫހާންގެ ލެބޯޓަރީ ތަކުގައި ކުރާ ތަހުލީލްތަކާއި، އެސިޓީގެ ކާރުޚާނާތަކުން ބޭރުކުރާ ވިހަ ގޭސްތަކުން އެހިސާބުގެ ޖައްވު ނުސާފުވެފައިވާ މިންވަރާއި، ޓެކްނޮލޮޖީގެ ޒަރިއްޔާއިން ޗައިނާގެ ރައްޔިތުން މޮނިޓަރ ކުރާ މިންވަރާއި، ސަރުކާރުން އަންގާ އެންގުންތަކަށް ބޯނުލަނބާ، ސަރުކާރު ނުރުހޭ ގޮތަކަށް ކަމެއްކޮށްފިނަމަ، “ސޯޝަލް ސްކޯ” ދައްވެ، އަޅަމުންދާ ތަފާތު ފިޔަވަޅުތަކާމެދު ވިސްނާލުމެއް ނެތެވެ. ކޮވިޑް 19 ސަލާމަތްވުމަށް ޗައިނާ މޮޑެލްއަށް ދިވެހިރާއްޖެވެސް ހިމެނޭ ގޮތަށް ގައުމުތަކުން މަސައްކަތް ފަށާފައިވާއިރު، ޗައިނާއިން ހޯދި ކާމިޔާބަކީ އެއީ ޗައިނާއަށް ލިބުނު ކާމިޔާބެއް ނޫނެވެ. ވަކިން ޚާއްސަކޮށް އެއީ ޗައިނާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބެއްވެސް ނޫނެވެ. އެއީ ޗައިނާގެ މޮޑެލް އަށް ވާގިވެރިވާ ޑީޕް ސްޓޭޓަށް ލިބުނު ކާމިޔާބެކެވެ. މިއަދު ޗައިނާއިން ކުރާ ކޮންމެ ކަމަކީ މާދަމާ މުޅި ދުނިޔޭގެ “ނިއު ނޯމަލް” އެވެ. އައިޑީ 2020 (ޑިޖިޓަލް އައިޑެންޓިފިކޭޝަން) އަކީ އެއީއެވެ.
ޑީޕް ސްޓޭޓުން (ދުނިޔޭގެ ބަދަލުނުވާ ސަރުކާރު) ގައުމުތަކުގެ ސަރުކާރަށް ނުފޫޒު ފޯރުވަނީ ކިހިނެއް؟
ހުރިހާ ގައުމުތަކުން ކޮންމެވެސް ސިފައެއްގައި ޕާޓީ އޭ އާއި ޕާޓީ ބީގެ މެދުގައި އިންތިޚާބުތައް ބާއްވައިގެން ނޫނީ އެނޫންވެސް ގޮތަކުން ވެރިކަން ޕާޓީ އޭ އާއި ޕާޓީ ބީގެ މެދުގައި ބަދަލުކުރަމުން ދެއެވެ. އެއްޕާޓީއަކުން ވެރިކަން ކުރިޔަސް ވެރިކަން ކުރާ މީހާ ބަދަލުކުރެއެވެ. މިހެން ބަދަލުވާ ކޮންމެ ފަހަރަކު އަހަރެމެން ހީކުރަނީ ގައުމުގެ ވަރަށް ގިނަ ކަންކަން ބަދަލުވާނެ ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ގައުމުގެ ރައީސް ބަދަލުވިޔަސް އަދި ގައުމު ހިންގުމުގައި ހިމެނޭ މުހިއްމު މުއައްސަސާތަކުގެ (ސަލާމަތީ ބާރުތަކާއި، ތައުލީމާ ސިއްހީ ނިޒާމް، ބޭންކިން އާއި ވިޔަފާރި، މުއާސަލާތާއި ޚަބަރު ފެތުރުން) ވެރިން ބަދަލުވިޔަސް، މިދާއިރާތަކުގެ ކޮންޓްރޯލް ގައުމުގެ ރައީސަކަށް ހަޤީޤަތުގައި ނޯވެއެވެ. ބައިނަލް އަޤްވާމީ އެކިއެކި މުއާހަދާތަކާއި އެއްބަސްވުންތަކުގެ ތެރެއިން މިދެންނެވި މުއައްސަސާތަކުން ދޭ ޚިދުމަތްތަކާއި ގުޅޭ ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލްތައް އޮންނަނީ ލިޔެވިފައެވެ.
މިހާރުގެ ހާލަތައް ބަލައި މިސާލެއް ނަގާނަމަ ޑަބްލިއު އެޗްއޯގެ މެމްބަރަކަށްވީމަ ޑަބްލިއު އެޗްއޯގެ ގައިޑްލައިންތަކަށް ތަބާވާންޖެހެއެވެ. ޑަބްލިއު އެޗްއޯއަށް އެންމެ ގިނައިން ޚަރަދު ކުރަނީ ބިލިނިޔަރު ބިލްގޭޓް އެވެ. ބިލްގޭޓް އަކީ ވެކްސިންގެ ތެރެއިން ދުނިޔޭގެ އާބާދީ ކޮންޓްރޯލް ކުރުމަށް ފާޅުގައި ގޮވާލާ މީހެކެވެ. ކޮވިޑް-19 އަށް ވެކްސިންއެއް އުފައްދާ ދުނިޔޭގެ 7 ބިލިޔަން މީހުން ގަޔަށް ވެކްސިން ޖެހުމަކީ މަޖްބޫރު ކަމެއް ކަމަށް ކަނޑައަޅަން އޭނާ އެދަނީ ގޮވާލާ އެކަމަށް މަސައްކަތް ކުރަމުންނެވެ. ވެކްސިންގެ ޒަރިއްޔާއިން އިންސާނާއަށް ނުރައްކާތެރި އެތަކެއް ބަލި ޖައްސާއިރުވެސް، ރާއްޖޭގައި ވެކްސިން ޖަހަން ދެކޮޅު ހެދުމަކީ ގާނޫނީ ކުށެއްކަމަށް ވަނީ ކަނޑައަޅާފައެވެ.
ކޮވިޑް ކެންޕޭން ނިމޭއިރު؛
7 ބިލިޔަން މީހުން ގަޔަށް ވެކްސިންޖަހާނެ އެވެ.
ކޮވިޑް ވެކްސިނާއެކު ތައާރަފްކުރާ ޑިޖިޓަލް އައިޑީ ޗިޕް ލެއްވުމަށްޓަކާ، އެމީހަކު ނިސްބަތްވާ ގައުމަށްކަށް އެމީހަކު އެނބުރި ދާންޖެހޭނެ. ކާކުކަން އެނގޭނެ ލިޔުމެއް ނެތި ގައުމުތަކުގައި އުޅޭ މީހުންނަށް އެގައުމުތަކުން ސިޓިޒަންޝިޕް ދީގެން ޑިޖިޓަލް އައިޑީ ޖެނެރޭޓްކޮށް މޮނިޓަރ ކުރެވޭނެ.
ފައިސާއަކީ ނެތް އެއްޗަކަށްވެ، އެއީ ހަމައެކަނި ލިޔެވޭ އަދަދުތަކަށް ވާނެ.
ޑިޖިޓަލް އައިޑީގެ ތެރެއިން ދިރިހުރުމާއި ދިރިއުޅުމާއި ގުޅިފައިވާ ހުރިހާ ހައްގުތަކާއި މިނިވަންކަން ސަރުކާރުތަކުން މޮނިޓަރކުރާނެ. ސަރުކާރަށް ބޯލަނބާ ކިޔަމަންވާ މިންވަރަކުން ސޯޝަލް ސްކޯ އިތުރު ކުރެވޭނެ. ސަރުކާރަށް ތަބާނުވާނަމަ ސޯޝަލް ސްކޯ ދަށްކުރެވި، ހަރުކަށި ފިޔަވަޅުތައް އެޅޭނެ. މީގެ ތެރޭގައި ދަތަރުފަތުރު ކުރުން މަނާކުރުމުން ފެށިގެން ކަންމަތީ ފިހާރައިން ގަނެވޭނީ ކޯންޗެއް ކިހާވަރަކަށްކަންވެސް ކަނޑައެޅި ހިފެހެއްޓިގެންދާނެ.
ބާޓާ ސިސްޓަމް ވިޔަފާރި މަނާ ކުރެވޭނެ. ޑިޖިޓަލް އައިޑީ ނެތް އެއްވެސް މީހަކަށް އެއްވެސް ތަނަކުން އެއްޗެއް ގަނެ ނުވިއްކޭނެ. ހުރިހާ ވިޔަފާރިއެއްވެސް ކުރެވޭނީ ޑިޖިޓަލް އައިޑީގެ ތެރެއިން.
ޑީޕް ސްޓޭޓުން ހާސިލްކުރަން ބޭނުންވާ ގްލޯބަލް އެޖެންޑާއަކީ މިއީއެވެ. އެއްވެސް ހަގީގަތެއްނެތް ކޮވިޑް-19 ގެ ބޭނުމަކީ މިއެޖެންޑާ ތަންފީޒުކުރުމެވެ.
