ކޮވިޑް-19 ވައިރަސް އައިސޮލޭޝަން ޚިޔާނާތުގެ ޚުލާސާ – ޑރ. ތޯމަސް ކޮވަން

ބައްޔެއް މުޖްތަމަޢުގައި ފެތުރި އެންމެނަށް އެއް ޢަލާމާތްތަކެއް ދިމާވުމަށް ކޮންމެހެން ވައިރަސް އޭ މި ކިޔާ އެއްޗެއް މުހިންމު ހެއްޔެވެ؟ ހީރޯޝީމާއަށް ނިއުކްލިއާ ހަތިޔާރު ބޭނުން ކުރުމުގެ ސަބަބުން އެތަނުގެ ރައްޔިތުން މިއަދާއި ހަމައަށް ވެސް ދަނީ އެކިއެކި ބަލިތަކާއި އަނިޔާތައް ތަހަންމަލު ކުރަމުންނެވެ. އެތަނުގެ ރައްޔިތުންގެ މެދުގައިވަނީ ނިއުކްލިއާ ރޭޑިއޭޝަންގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިފަ އެވެ. އެއީ ގައިމު ވައިރަހެއް ކަމަށް އެކަކުވެސް ނުދެކެ އެވެ. އެކަމަކު ހަމަ އެންމެންގެ ތެރޭގައި ވަނީ އެ ބަލި ފެތުރިފަ އެވެ. އެހެންކަމުން، އެންމެންގެ މެދުގައި ބައްޔެއް ފާޅުވާ އިރަށް އެއީ އަދި އައު ވައިރަސް އަކަށްވުން ކޮންމެހެން ލާޒިމު ނޫނެވެ. ބަލި ޖެހެން މެދުވެރިވާ ސަބަބުތައް ގިނަ ގުނަ އެވެ.

މައިގަނޑު ގޮތެއްގައި އިންސާނުން ބަލި ޖެހޭ ހަޤީޤީ ސަބަބުތައް:

  • ނިއުޓްރިޝަން: ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ނުވަތަ ކާނާ މަދުވުން ނުވަތަ ބޭނުންވާ ވަރަށްވުރެ އިތުރުވުން ނުވަތަ ބެލެންސް ގެއްލުން. މިއީ ވަރަށް ފާޅުކަންބޮޑު ގޮތުގައި އެނގޭ ފެކްޓް އެކެވެ.
  • ޓޮކްސިސިޓީ: ވިހަ ޒަހަރު މާއްދާއަކުން ހަށިގަނޑު ވިހަވުން. ޓޮކްސިކް ވިހަ މާއްދާއެއް ހަށިގަނޑަށް ފެނުގެ ޒަރީޢާއިން ނުވަތަ ވައިގެ ޒަރީޢާއިން ނުވަތަ ކާނާގެ ޒަރީޢާއިން ނުވަތަ އިންޖެކްޝަނެއްގެ ޒަރީޢާއިން ވާޞިލު ވިޔަސް މީހާ ބަލި ޖެހޭނެ އެވެ.
  • އިމޯޝަނަލް ސްޓްރެސް: ގިނަ ވަގުތަށް ދެމިގެންދާ ފިކުރުބޮޑުވުމާއި، ބިރުގަތުމާއި، ހާސްވުމާއި އެފަދަ ޖަޒުބާތީ ކަންކަން. ބިރުގަތުމާއި ހާސްވުން ފަދަ ޖަޒުބާތީ ސްޓްރެސް ތަކަކީ ހަށިގަނޑުގައި އެކިއެކި ކެމިކަލް މާއްދާތައް އުފަންކުރުވާ ކަމެކެވެ. މިސާލަކަށް ކާއެއްޗެއް ފެނުމުން ކުޅު ދިޔާވާ ފަދައިން ނެވެ. އިންސާނާގެ ވިސްނުމާއި ފިކުރަކީ އޭނާގެ ފިޒިކަލް ބޮޑީ އަށް އަސަރުކުރުވާ އެއްޗެކެވެ.
  • އިލެކްޓްރޯ މެގްނެޓިކް ރޭޑިއޭޝަން: ކަރަންޓާއި ދަގަތްފާނުގެ ބާރުން ދަތުރުކުރާ ކަރަންޓުގެ ޒަރީޢާއިން އިންސާނުން ބަލި ޖެހެ އެވެ. އިންސާނާ އަކީ ކަރަންޓުން މަސައްކަތްކުރާ ދިރުމަކަށް ވެފައި ވުމުން އިންސާނާގެ ކަރަންޓުގެ ފްލޯއަށް ބަދަލު އައުމުން ބަލި ޖެހެ އެވެ. މީހަކަށް ކަރަންޓު ޖެހުމުން އަނިޔާވާ ފަދައިން ލޮލަށް ނުފެންނަ ފަދައިން ދަގަތްފާނުގެ ބާރުން ދަތުރުކުރާ ކަރަންޓުގެ ވޭވްސް ތަކުން ވެސް އިންސާނާއަށް ބަލި ޖެހެ އެވެ.

ކޮބިވް-19 ޚިޔާނާތް އުފައްދައިގެން އުޅެނީ ކިހިނެއްކަމުގެ ޚުލާސާއެއް

ކޮވިޑް 19 އާއި އެޕިޑިމިއޮލޮޖިކަލް ހެކީގެ ހަޤީޤަތް

މިހާރު މާ މަޝްހޫރު ކޮށްގެން އުޅޭ އެޕިޑީމިއޮލޮޖިސްޓުން ނަކީ ކޮން ބައެއް ހެއްޔެވެ؟ އެޕިޑެމިއޮލޮޖިކަލް އޮބްޒަވޭޝަން ތަކަކީ ބަލި ފެތުރެނީ ކިހިނެއްކަން ދަނެގަނެވޭނެ ފަދަ ނަޒަރީ ޚިޔާލުތައް (ހައިޕޯތިސިސް ތައް) ގެނައުމަށް ކުރެވޭ ދިރާސާ ތަކެކެވެ. އެޕިޑިމިއޮލޮޖިކަލް އޮބްޒަވޭޝަން ތަކަކީ އޭގެ މައްޗަށް އެކަނި ބިނާކޮށް ބަޔަކު ވައިރަހަކުން ބަލި ޖެހިއްޖެކަން ދަނެގަނެވޭނެ ކަމެއް ކަމުގައި ޚުދު އެޕިޑީމިއޮލޮޖިސްޓުން ވެސް ނުދެކެ އެވެ. އެޕިޑިމިއޮލޮޖިކަލް އޮބްޒަވޭޝަން މިއަދު ވެފައި މިވަނީ ޕްރޮޕަގެންޑާއާއި ޚުރާފީ ޚިޔާލުތައް ފެތުރުމަށް ބޭނުންކުރާ ހަތިޔާރަކަށް ހަދާފަ އެވެ.

އެއްޗެއް އައިސޮލޭޓް ކުރުމަކީ ކޮބާ ހެއްޔެވެ؟

އާންމު މާނައިގައި އެއްޗެއް އައިސޮލޭޓް ކުރުމަކީ ނުވަތަ އެކަހެރި ކުރުމަކީ އެއްޗެއް އެހެން ހުރިހާ އެއްޗަކާއި ވަކިކޮށް އެކަހެރިކުރުމެވެ.

މިސާލަކަށް ކޮފީ ބީންސް ނުވަތަ ސައިފަތު ގައިވާ ކެފެއިން އަކީ ލޭ މައްޗަށް ދާ ބަލި ޖައްސާ އެއްޗެއް ކަމުގައި މީހަކު އެޕިޑިމިޔޮލޮޖިކަލީ ދަޢުވާކޮށް ނަޒަރީ ޚިޔާލެއް ހުށައެޅިއެވެ. އެހިސާބުން އޭނާ ކުރަންޖެހޭ ކަމަކީ ކޮފީ ބީންސް ނުވަތަ ސައިފަތުން ކެފެއިން ކިޔާ ކެމިކަލް މާއްދާ ވަކިކޮށް އައިސޮލޭޓް ކޮށް އެއިން އެ ބަލި ޖައްސާ ކަން ތަހުލީލުތަކުގެ އަލީގައި ސާބިތުކޮށް ދިނުމެވެ. ކޮފީ ބީންސް އަކީ ސާފު އަދި އައިސޮލޭޓްކޮށް ވަކިކުރެވިފައިވާ ކެފައިން އެއް ނޫނެވެ. ކޮފީ ބީންސް އިން މީހަކު ކެފައިން އައިސޮލޭޓްކޮށް ވަރިކުރިކަމަށް ދައްކަން އެ ފުޑުފުޑުކޮށް އުފައްދާ އުފެއްދުމަކީ އަދި އެއީ ކެފައިން އައިސޮލޭޓްކޮށް ވައިކުރުން ކަމުގައި ނުވާނެ އެވެ. އެހެނީ އޭގައި އެހެނިހެން އިތުރު އެތައް ކެމިކަލް މާއްދާތައް އެކުލެވިގެން ވެއެވެ. ކޮފީ ހުރިގޮތަށް ބޭނުންކޮށް ކެފެއިން އިން ލޭ މައްޗަށް ދާ ބަލި ޖައްސާ ކަން ސާބިތުކުރުމަށް ހަދާ ތަހުލީލަކީ އުނި ތަހުލީލެއް ކަމުގައި ނޫނީ ނުވާނެ އެވެ.

އެހެންކަމުން، އެމީހާ ކުރަންޖެހޭ ކަމަކީ ލެބޯޓަރީ ޓެކްނިކް ތަކުގެ އަލީގައި ސެންޓްރިފިއުޖް ކޮށް ކޮފީއިން ސާފު ކެފެއިން ވަކިކޮށް އައިސޮލޭޓް ކުރުމެވެ. މިކަން މިފަދައިން ކުރާތާ ވީ ޒަމާނެއް ވެއްޖެ އެވެ. އެހިސާބުން އޭނަ ޔަޤީން ކުރަން ޖެހެނީ އޭނާ ވަކިކޮށް ނެގި މާއްދާ އަކީ ސާފު ކިލަނބުކަމެއް އަދި ތަޣައްޔަރު ކަމެއް ނެތް ކެމިކަލް ކެފެއިން ކަމެވެ. އެއަށްފަހު، އެ ވަކިކުރި ކެފެއިން އެހެން ލެބޯރެޓަރީއަކަށް ފޮނުވައި އެއީ ހަމަ ކެފެއިން ތޯ ޑަބަލް ޗެކުކޮށް ޔަޤީން ކުރެވިދާނެ އެވެ. އަދި ޔަޤީންވުމުން ކެފެއިން ބޭނުންކޮށް ޖަނަވާރަކަށް އެ ހުށައަޅައި އެއިން ޖަނަވާރުގެ ލޭގެ ޕްރެޝަރު މައްޗަށްދާކަން، ފުރިހަމަ ކޮންޓްރޯލްތަކުގެ ދަށުން ބަލައި ހޯދިއްޖެ ނަމަ ޔަޤީން ކަމާއެކު ކެފެއިން އިން ޖަނަވާރުގެ ލޭގެ ޕްރެޝަރު މައްޗަށްދާކަން ސާބިތުވެ އެނގުނީ އެވެ. ކެފެއިން ކޮފީން ނުވަތަ އެހެން އެއްޗަކުން އައިސޮލޭޓްކޮށް ވަކިކުރުމުން ނޫނީ ކެފެއިން ވުޖޫދުގައިވާކަން ސާބިތު ނުކުރެވޭނެ އެވެ. އެ ވުޖޫދުގައިވާ އެއްޗެއް ކަމުގައިވާނީ އެ ވަކިކޮށް ހޯދުމުން ނެވެ.

ކޮވިޑް-19 ވައިރަސް ދުނިޔޭގެ އެއްވެސް ޤައުމަކުން އައިސޮލޭޓްކޮށް ހޯދާފައިނުވޭ!

މައުލޫމާތު ހޯދުމުގެ ހައްޤުގެ ޤާނޫނުގެ ދަށުން ދުނިޔޭގެ އެކި ޤައުމުތަކުގެ (އިނގިރޭސި ވިލާތް، ސްކޮޓްލެންޑް، ވޭލްސް، އަލެންޑް، ކެނެޑާ، ނިއުޒިލެންޑް، އޮސްޓޭލިއާ، ޑެންމާކް އަދި އެމެރިކާގެ) 38 މުއައްސަސާއަށް ހުށައެޅުނު 47 އާރްޓީއައިގެ ޖަވާބުގައި މި އެންމެހައި ތަނަކުން ބުނެފައިވަނީ ކޮރޯނާ ވައިރަސް އައިސޮލޭޓްކޮށް ހޯދިފައި ނުވާ ކަމުގަ އެވެ. އަދި އެފަދަ ލިޔުމެއް މިއިން އެއްވެސް މުއައްސަސާއެއްގެ އަތުގައި ނެތް ކަމުގަ އެވެ. ރާއްޖޭގެ އެޗްޕީއޭއިން ވެސް ބުނެފައިވަނީ އެމީހުންވެސް އެކަން ކޮށްފައި ނުވާ ކަމުގަ އެވެ.

ސާރސްކޮވް-2 (ކޮވިޑް-19 ވައިރަސް) އަދި ކީއްކުރަން ކޮރޯނާގެ އެއްވެސް ވައިރަހެއް އައިސޮލޭޓް ކޮށް ވަކި ހޯދިފައިވާ އެއްމެ ދިރާސާ ޕޭޕަރެއް ވެސް ނުވެ އެވެ. ހައްތަހާވެސް އޮތީ އައިސޮލޭޝަން ގެ މާނަ އޮޅުވާލައި އެހެން އެކިއެކި އެއްޗެއްސާއި އެއްކޮށް މަސްހުނިކޮށް ބަހައްޓައި ދޮގު ވެރިކަމާއެކު “އައިސޮލޭޓްކޮށް ވައިކުރި” ކަމުގައި ބަޔާންކޮށްފައިވާ ދިރާސާތަކެވެ. މި ކަމުގެ ހަޤީޤަތް ދިރާސާތައް ރަނގަޅަށް ކިޔާލުމުން އެނގިގެން ދެއެވެ.

ސުވާލަކީ މި އެންމެހައި ވައިރޮލޮޖިސްޓުން ދެން އެހެންވިއްޔާ މި ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އާ ވައިރަސް އެއް ހޯދާފައިވާ ކަމުގައި ބުނަނީ ކޮން ބުއްދީގެ ކޮން ސައިންސުގެ ހަމެއްގެ މައްޗަށް ބިނާކޮށްފައިތޯ އެވެ؟

ކޮފީގެ މިސާލަށް ޖެހިލާއިރު މިސާލަކަށް މީހަކު ކޮފީ ބީންސް ތައް ފުނޑުކޮށް އެ ފެނަށް އަޅައި އެޔަށް ކެފެއިން އެކުލެވޭ އެހެން ބާވަތްތައް ކަމުގައިވާ ސައިފަތް އަދި ޗޮކްލެޓް އަޅައި އެ ހެދި މަސްހުނި ގަނޑުން ކޮފީން އެއަށް އެޅިފައިވާ ކެފެއިން ކޮޅު ހޯދަން އުޅުނަސް އެކަމެއްވެސް ނުވާނެ ނޫންތޯ އެވެ؟ އެހެނީ އޭނާ ވަނީ އެހެން އެއްޗެއްސާއި އެ މަސްހުނިކޮށްފި އެވެ. މިއީ ވައިރޮލޮޖީ ގައި ކުރާ ބޮޑު ޚިޔާނާތްތެރި ވައްކަން ތިބާއަށް އަންގައި ދިނުމަށް ކިޔައިދިން މިސާލެކެވެ.

ކޮރޯނާ ވައިރަސް އައިސޮލޭޓް ކޮށް ވަކިކޮށް ހޯދާފައިވާ ކަމަށް ދަޢުވާކޮށްފައިވާ އެންމެހައި ޕޭޕަރު ތަކުގައިވަނީ މިފަދަ ހީލަތްތެރި ގޮތަކަށް ކަންކަން ކޮށްފަ އެވެ. އެއަށް މަކުނުގެ ކިޑްނީ ސެލްއާއި، ފުއްޕާމޭގެ ކެންސަރު ސެލްއާއި ތަފާތު ކެމިކަލްތައް އެޅުމަށްފަހު މި ބުނަނީ ވައިރަސް އައިސޮލޭޓް ކުރި ކަމުގަ އެވެ.

އެމީހުން ހަދާފައިވާ ގޮތަކީ އެ ކިޔާ ބައްޔެއް ހުންނަ (މިސާލަކަށް ކޮވިޑް އަކީ އޮތް ބައްޔެއް ކަމުގައި ބަލައި އެބަލި ޖެހިފައިވާ) މީހެއްގެ ނޭވާލާ ނިޒާމުގެ ދިޔަތައް ނަގަ އެވެ. ނެގުމަށް ފަހުގައި ކޮފީގައި ވެސް ޢަމަލުކުރި ފަދައިން އެ ދިޔައިން ބަލި ޖައްސާ އެއްޗެއް އައިސޮލޭޓް ކޮށް ހޯދަން ޖެހެ އެވެ. ވައިރަސް އޭ މި މީހުން މިޔާ އެއްޗަކުން ބަލި ޖެހޭ ކަމުގައި ޚިޔާލީ ގޮތުން ދެކެންޏާ އެ ޚިޔާލީ ނަޒަރިއްޔާގެ ހައިޕޮތެސިސް ސާބިތުކުރުމަށް އެ ވައިރަހެއް އައިސޮލޭޓް ކުރަން ޖެހެ އެވެ. އެކަން ކުރުމަށް އެ ދިޔަތަކުގައި ހުރި ވައިރަސް އޭ މިކިޔާ ޖެނެޓިކް ސެލް ފެރެގްމެންޓް ތަކަށް ވުރެ ބޮޑެތި އެންމެހައި މާއްދާތައް ފިލްޓަރ ކޮށް ވަކިކުރަން ޖެހެ އެވެ. އެންމެ ފުރަތަ އެމީހުން ކުރާ ކަމަކީ އޭގައިވާ ބެކްޓީރިޔާއާއި ފަންގަސް އެއިން ފުރާނައި ވަކިކުރުމެވެ. ސަބަބަކީ މިއީ ވައިރަސް އޭ އެމީހުން ކިޔާ އެއްޗެއްސަށް ވުރެ ބޮޑު ޖެނެޓިކް މާއްދާތައް ކަމުގައި ވުމުންނެވެ. މި ބުނި މާއްދާތައް ވަކިކުރުމަށްފަހު އެ ހިސާބުން ވައިރަސް އޭ ކިޔާއެއްޗެއް އައިސޮލޭޓް ކޮށް ޕިއުރިފައި ކޮށް ސާފުކުރުމުގެ މަސައްކަތް އެމީހުން ހުއްޓާލަ އެވެ. ވައިރަސް އައިސޮލޭޓްކޮށް ޕިއުރިފައިކޮށް ސާފު ކުރެވިފައިނުވާ އެއްކަލަ ދިޔައަށް ދެން އެމީހުން ޢާންމުކޮށް އަޅަނީ ވީރޯ ސެލްއެވެ. ވީރޯ ސެލްއަކީ މަކުނުގެ ކިޑްނީ ޓިޝޫ ތަކެވެ. ނުވަތަ ފުއްޕާމޭގެ ކެންސަރު ޖެހިފައިވާ މީހެއްގެ ކެންސަރު ސެލްތައް ވެސް އެޔަށް އަޅާލަ އެވެ. މިކަން މިގޮތަށް ކުރުމާއި ކޮފީ އަދި ސައިފަތް އަދި ޗޮކުލެޓުން ކޮފީގައި ހުރި ކެފެއިން ހޯދުމަށް މަސައްކަތް ކުރުމާއި ތަފާތެއް ނެތެވެ. އެހެނީ އޭގެން ކެފައިން ކޮޅެއް ހޯދުމަށް އެއީ ކޯއްޗަކުން އައި ކެފައިން އެއް ކަމެއް ނޭނގޭނެ އެވެ. ކެފައިންގެ އަޞްލަކީ ކޮން އެއްޗެއްކަން އޮޅޭނެ އެވެ. އެހެނީ މަކުނުގެ ކިޑްނީ ޓިޝޫގައި ވެސް ހުންނަ ޖެނެޓިކް މާއްދާތަކަކީ ހަމަ ވައިރަސް އޭ މިކާ އެއްޗެހީގެ ހުންނަ ޖެނެޓިކް މާއްދާތަކެވެ. ކެންސަރ ސެލް ތަކަކީ ވެސް މިފަދަ ޖެނެޓިކް މާއްދާތައް ބޭރުކުރާ އެއްޗެކެވެ. އިންސާނާގެ ހަށިގަނޑުން ނެގި ސާފު ކުރެވިފައިނުވާ ދިޔައަށް މަކުނުގެ ކިޑްނީ ޓިޝޫ އެޅުމުން އަދި އެވަރުން މަކުނުގެ ކިޑްނީ ޓިޝޫ ކުދިކުދިވެ ހަލާކުނުވެ އެވެ. މަކުނުގެ ކިޑްނީ ޓިޝޫ ހަލާކުކުރުމަށް މި ވައިރޮލޮޖިސްޓުން ކުރާ ކަމަކީ އެ މާއްދާތަކަށް ބޭނުންވާ ކާނާއިން އެ ދުރުކޮށް ބާކީކޮށް، އެބަހީ މިނިމަލް ނިއުޓްރިއެންޓްސް މީޑިއަމް އެއްގައި ބަހައްޓައި އެ ޖެނެޓިކް މާއްދާތައް މި މީހުން ވިހަ ކުރެ އެވެ. އެބަހީ އެ މާއްދާތަކަށް ގެއްލުންދީ ވިހަ ކުރާ ޒަހަރެއް އެޔަށް އަޅަ އެވެ. ވިހަ ކުރުމަށް އެމީހުން އަޅަނީ ނެފްރޯ ޓޮކްސިކް (ކިޑްނީ ވިހަ ކުރާ) ޒަހަރު ކެމިކަލް މާއްދާތަކެވެ. މިސާލަކަށް ޖެންޓަމައިސިން ފަދަ އެންޓި ބަޔޮޓިކް އެކެވެ. މި ވިހަ އެއަށް އެޅުމުން އޭގައި ހުރި ކިޑްނީ ޓިޝޫތައް ކުދިކުދިވެ ހަލާކުވެ ޑީޖެނެރޭޓްވާ މަރުހަލާއަކަށް ބަދަލުވެ އެވެ. މި މަރުހަލާގައި އެތައް އެތައް ޕާޓިކަލް ތަކަކާއި މައިކޮރޯ ވެއްސިކަލް ތަކަކަށް އެ ބަދަލުވެ އެވެ. ތެދުތެދަށް ބުނާނަމަ ކުންނަށް (ޑިބްރީސްއަށް) އެ ބަދަލުވެ އެވެ. މި މަރުހަލާގައި އޭގައި ހުރި ޖެނެޓިކް މާއްދާތައް އައީ ކޮންތާކުން ކޮން އެއްޗަކުން އައި އެއްޗެއްކަން ހަޤީޤަތުގައި ބުނަން ނޭނގޭނެ އެވެ. އެހެނީ އެޔަށް މަކުނުގެ ކިޑްނީ ޓިޝޫ ވެސް އެޅި އެވެ. ނުވަތަ ކެންސަރ ސެލްތައްވެސް އެޅި އެވެ. އެއަށް ލިބެންޖެހޭ ކާނާއިން މަޙުރޫމުކޮށް ވިހަ ކުރުމުން މި ދޭތިން ވެސް ނުކުންނާނީ ހަމަ ޖެނެޓިކް މާއްދާތަކެކެވެ. މިއަށްފަހު އެމީހުން ހަދާ ގޮތަކީ އެއިން ނުކުތް ކުނި ޖެނެޓިކް މާއްދާތައް ނުވަތަ ކުނި ޖެނެޓިކް ސެގްމެންޓު ތަކުން ކުޑަ އެތިކޮޅެއް ނަގައި ކޮންޕިއުޓަރުން އިންސިލިކޯ ޖީނޯމް ސީކުއެންސް އެއް ހަދަ އެވެ. އިންސިލިކޯ ޖީނޯމް އަކީ ނަޒަރީ ( ތިއޮރެޓިކަލް ) ނުވަތަ އެހެން ބަހަކުން ބުނާނަމަ ޚިޔާލީ ޖީނޯމް އެކެވެ. މި އިންސިލިކޯ ޚިޔާލީ ޖީނޯމް ނުވަތަ ޖެނެޓިކް ސީކުއެންސް ކުރިން ހަމަ މި ޕްރޮސެސް އިން ހޯދި އެންމެ ފުރަތަމަ ކޮރޯނާ ވައިރަސް އޭ ކިޔާ އެއްޗާއި އަޅުވާ ކިޔައި ޖެނެޓިކް މާއްދާތައް 80 ވަރަކަށް ޕަސެންޓު ދިމާވެއްޖެ މަނަ އެއީ އައު ކޮރޯނާ ވައިރަސް އެއް ކަމުގައި ނިންމާލަ އެވެ. އެންމެ ފުރަތަމަ ކޮރޯނާ ވައިރަހޭ ކިޔާފައި ހޯދާއިގެން އުޅޭ އެއްޗަކީވެސް ހަމަ މިފަދައިން އައިސޮލޭޓްނުކޮށް އޭގެ އަޞްލު ނޭގޭ ފަދަ އަކުން ހޯދާފައިވާ އެއްޗެކެެވެ.

ކޮރޯނާ ވައިރަސް އޭ ކިޔައިގެން ހޯދާފައިވާ ސީކުއެންސަކީ އިންސާނުންނާއި އެތައް ޖަނަވާރެއްގައި ހުންނަ ސީކުއެންސް އެކެވެ. ޖެނެޓިކް ޑޭޓާބޭސް އެއްގައި ސާރސްކޮވް 2 އޭ ކިޔައިގެން މި އުޅޭ އެތީގެ ސީކުއެންސް މި ޑޭޓާބޭސްގައި ހޯދުމުން އިންސާނުންގެ 93 ޖެނެޓިކް ސީކުއެންސާއި ދިމާވާ ސީކުއެންސް ފެނިފައިވެ އެވެ. އަދި އެހެން 91 ދިރުމެއްގެ ޖެނެޓިކް ސީކުއެންސާއި މި ދިމާވެ އެވެ. މި ސަބަބަށްޓަކައި ފަޅޮލާއި ބަކަރި ޕީސީއާރު ޓެސްޓަށް ޕޮޒިޓިވް ވެއެވެ. ކޮރޯނާ ވައިރަސް އޭ ކިޔައިގެން ހޯދާފައިވާ “ވައިރަސް” އަކީ ވަކި އައު އެއްޗެއް ނުވަތަ ތަފާތު ޖެނެޓިކް މާއްދާއެއް ނޫނެވެ. އެމީހުން ޕީސީއާރް ޓެސްޓު ހަދަނީ ހަޤީޤަތުގައި އޭގެ އަޞްލު ޔަޤީން ކުރެވިފައި ނުވާ ޖެނެޓިކް އާރުއެންއޭ މާއްދާ އަކަށެވެ. އެއީ އިންސާނުން ނާއި ޖަނަވާރުންގެ ވެސް ހަށިގަނޑުގައި ޤުދުރަތީ ގޮތުން ހުންނަ މާއްދާ އެކެވެ.

ކޮރޯނާ ވައިރަސް ފުރިހަމަ ގޮތުގައި އައިސޮލޭޓްކޮށް ވަކިކޮށް ހޯދައި އޭގެ ސީކުއެންސް ހަދާފައިވާ އެއްވެސް ދިރާސާއެއް މި ބިންމައްޗަކު ނުވެ އެވެ. ކޮފީއާއި ކެފައިންގެ މިސާލު ފަދައިން ކޮރޯނާ ވައިރަސް އައިސޮލޭޓްކޮށްފައިނުވާ ނަމަ އެއީ އިންސާނަލަށް ބަލި ޖައްސާ މާއްދާއެއްކަން ހޯދިފައި ނުވާނެ އެވެ. އައިސޮލޭޓް ކުރުމަކީ އެންމެ ފުރަތަ ތަޅުދަނޑި އެވެ. އައިސޮލޭޓް ނުކުރާނަމަ ކޮރޯނާ ވައިރަސް އަކީ ވުޖޫދުގައި ވާއެއްޗެއް ނޫނެވެ. ވުޖޫދުގައި ނުވާ އެއްޗަކުން މީހަކު ބައްޔެއް ނުޖެއްސޭނެ އެވެ. ބަލި ނުޖެއްސޭ އެއްޗަކުން މީހަކު މަރެއް ނުވާނެ އެވެ. އެފަދަ އެއްޗަކަށް ހަދާނެ ވެކްސިނެއް ނޯންނާނެ އެވެ. އެހެންކަމުން ކޮވިޑް މަރޭ މިކިޔާ މަރުތަކަކީ ހަޤީޤަތުގައި ކޮންމެވެސް އެހެން ގޮތަކުން މަރުވެފައިވާ މަރުރަތަކެއް ކޮވިޑް މަރު ގޮތުގައި ނިންމައި ޚިޔާލީ ދުނިޔެ އެއްގައި ކޮވިޑް ބިރުވެރިކަން ފަތުރަން ނިންމާފައިވާ މަރުތަކެކެވެ.

One thought on “ކޮވިޑް-19 ވައިރަސް އައިސޮލޭޝަން ޚިޔާނާތުގެ ޚުލާސާ – ޑރ. ތޯމަސް ކޮވަން

Leave a Reply