ޔޫޖެނިކްސް: ﷲ ޚަލްޤުކުރައްވާފައިވާ ގޮތަށް ވުރެ ފުރިހަމަ އިންސާނެއް އުފެއްދުމުގެ ނަމުގައި ޑޮކްޓަރުންނާއި ސައިންސުވެރިން މެދުވެރިކޮށް ކުރިއަންގެންދާ އާބާދީ ދުއްވާލުމުގެ ޖެނެޓިކްސްގެ ނަސްލީ އިމްތިޔާޒުގެ ހަރަކާތް

ޔޫޖެނިކްސް އަކީ ކޮބާ ހެއްޔެވެ؟ ޔޫޖެނިކްސް (eugenics) މި އިނގިރޭސި ނަމަކީ ޔޫނާނީ (ގްރީކް) ބަހެއް ކަމުގައިވާ ޔޫޖެންސް (eugenes) އިން ނެގިފައިވާ ބަހެކެވެ. ޔޫޖެންސްގެ މާނައަކީ މަތިވެތި ނަޞްލަކުން “ރަނގަޅު އުފަން ވުމަކުން އުފަންވެފައިވާ” ފަރާތެވެ. ޔޫ (eu) އަކީ “ރަނގަޅު ނުވަތަ ހެޔޮ” އަދި ޖެންސް (genes) އަކީ “އުފަންވުން” މިއެވެ. މިބަސް ކިޔާ އުޅެނީ “ޔޫޖެނިކްސް” މި ފަދައިން ނެވެ.

ފޮޓޯ: ފޮޓޯގައި ތިޔަ ފެނިވަޑައިގަންނަވަނީ ބޭސްވެރިކަމާއި، ސާޖަރީ އާއި، ޖެނެޓިކް އާއި، ބަޔޮލޮޖީ އާއި، ސިޔާސަތާއި، ސްޓަޓިސްޓިކް އާއި، ތާރީޚާއި، ފިޒިއޮލޮޖީ އާއި، ސައިކޮލޮޖީއާއި، ސައިކޭޓްރީ އާއި، ސޯޝިއޮލޮޖީ އާއި، ޤާނޫނާއި، ޖިއޮލޮޖީއާއި، އިޤްދިޞޯދީ އިލްމާއި އަދިވެސް އެނޫން ފަންނުތައް މޫތަކެއްގެ ގޮތުގައި ބޭނުންކޮށްގެން އިންސާނާގެ ބަޔޮލޮޖިކަލް ދިރުމުގެ ޞިފަތައް ބަދަލުވެ ފުރިހަމަވެ އެ މޫތަކުން ނުކުންނަ ގަސް ނުވަތަ މޭވާގެ ނަމަކީ “ޔޫޖެނިކްސް” ކަމުގައި ދައްކުވައިދޭ ތާރީޚީ ފޮޓޯ އެކެވެ. މި 1900 އިގެ ފޮޓޯގައި ލިޔެފައިވަނީ “ޔޫޖެނިކްސް އަކީ އިންސާނީ ދަރިފަސްކޮޅުގެ ޞިފަ ބަދަލުވުމުގެ (ނުވަތަ އިންސާނީ އިވޮލިއުޝަންގެ) މިސްރާބު އަމިއްލަ ގޮތުން ބަދަލުކުރުން” ކަމުގަ އެވެ.

މަޝްހޫރު ރަދީފް ތަކުން ޔޫޖެނިކްސްގެ މާނަ:

އެޓިމޮލޮޖީ ޑިކްޝަނަރީ: ޔޫޖެނިކްސް އަކީ އިންސާނީ ނަސްލާއި ޘަޤާފަތުގެ ސިފަ ބަދަލުވެ (އޮވޯލްވުވެ) ކުރިއަރައިގެން ދިއުމާއި މެދު ޤަބޫލުކުރާ އަޤީދާ (ނުވަތަ ޑޮކްޓްރައިން) އެކެވެ. [1]

ނިއު ކެތޮލިކް ޑިކްޝަނަރީ (1910): ޔޫޖެނިކްސް އަކީ ކުރިއަށް އަންނަން އޮތް ޖީލުގެ ނަފްސާނީ އަދި ޖިސްމާނީ ސިފަތައް އިތުރަށް ރަނގަޅު ކުރުމުގެ މަޤުޞަދުގައި ވެއްޓާއި އަދި ވިރާޘަތުގެ ޒަރީޢާއިން (ދަރި ދަރިކޮޅުން ވާރުތައިން) އަންނަ އަޘަރުތައް ކިޔެވުމުގެ ފަންނެވެ. [2]

ވެބްސްޓާސް ޑިކްޝަނަރީ (1910): ޔޫޖެނިކްސް ނަމަކީ އިންސާނުން ނުވަތަ ޖަނަވާރުންގެ ދަރިފަސްކޮޅު (ނުވަތަ ހަރުމުދާ) އިތުރަށް ރަނގަޅު ކުރުމުގެ ފަންނެވެ. [3]

ކެތޮލިކް އެންސައިކްލޮޕީޑިއާ (1914): ބަހުގެ ގޮތުން ޔޫޖެނިކްސް ގެ މާނައަކީ “ހެޔޮ/ރަގަނޅު ދަރިމައިވުން (ގުޑް ބްރީޑީން)” މިއެވެ. ޔޫޖެނިކްސް އަކީ އިޖުތިމާޢީ ކޮންޓްރޯލް ކުރުން ތަކުގެ ދަށުން ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އަންނަށް އޮތް ޖީލުގެ ނަޞްލީ ސިފަތައް އިތުރަށް ރަނގަޅު ކުރާ ނުވަތަ ގެއްލުންދީ ހަލާކު ކުރާ އެޖެންސީތައް (އަމަލުކުރެވޭ ގޮތްތައް، އަދި މާއްދާތައް) ކިޔަވާ ފަންނެވެ. [4]

ސައިންސުގެ އިސްތިލާހުގައި ޔޫޖެނިކްސްގެ މާނަ އަކީ ކޮބައިކަން ބަޔާންކޮށް ޔޫޖެނިކްސްގެ ބައްޕަ ފްރެންސިސް ގޮލްޓޮން ބުނެފައިވެ އެވެ.

ގޮލްޓޮން: “ޔޫޖެނިކްސް އަކީ އިޖުތިމާޢީ ކޮންޓްރޯލް ކުރުން ތަކުގެ ދަށުން ޖިސްމާނީ ގޮތުން ނުވަތަ ނަފްސާނީ ގޮތުން އަންނަށް އޮތް އިންސާނީ ޖީލުގެ އުފަންވުމުގެ (ޖެނެޓިކް) ސިފަތައް އިތުރަށް ރަނގަޅު ކުރާ ނުވަތަ ގެއްލުންދީ ހަލާކު ކުރާ އެންމެހައި އެޖެންސީތައް (އަމަލުކުރެވޭ ގޮތްތައް އަދި މާއްދާތައް) ކިޔަވާ ފަންނެވެ.” (ޔޫޖެނިކްސް ޖާނަލް، އޮގަސްޓު 1929)

1800 ކައިގެ ފަހުކޮޅުގައި “ސައިންސުގެ ފަންނެއް” ގެ ގޮތުގައި “ޔޫޖެނިކް ސައިންސް” ދުނިޔެއަށް ތަޢާރަފުކުރީ އިވޮލިއުޝަން ނަޒަރިއްޔާގެ ވެރިޔާ ޗާލްސް ޑާވިން ގެ ދެބެއިންގެ ދެދަރި ފްރެންސިން ގޮލްޓެން (1822-1911) އެވެ. ގޮލްޓޮން އަކީވެސް ޑާވިން ފަދައިން އިވޮލިއުޝަނިސްޓެކެވެ.

ގޮލްޓޮން: “އިންސާނީ އިއުޖެނިކްސް ތަހުޤީޤު ކުރުމަކީ އެ ޝަރުތެއް ނުވަތަ އެ ހާލަތެއްގެ ދަށުން މަތިވެރި ބާވަތުގެ އިންސާނެއް އުފެއްދޭނެ ގޮތެވެ.”  (އިންކުއަރީސް އިންޓު ހިއުމަން ފެކަލްޓީ އެންޑް އިޓްސް ޑިވެލޮޕްމެންޓް 1883)

މި ފަންނު ސައިންސުގެ ފަންނެއް ގޮތުގައި ނަންދީ ފަރުމާކުރި މީހަކީ ގޮލްޓޮން ކަމުގައި ވުމުން އޭނާއަށް ޔޫޖެނިކްސް ބައްޕަގެ ނަމުން ނަން ދެވިފައިވެ އެވެ. މި ފަންނުގެ އެއް މުހިންމު ބައިވެރިޔާ އަދި މި ފަންނުގެ މައިގަނޑު އަޞްލަކީ ޗާލްސް ޑާރވިން (1882-1809) އަދި އޭނާގެ ޚުރާފީ އިވޮލިއުޝަން ނަޒަރިއްޔާ އެވެ. ޔޫޖެނިކްސް ގެ މުލަކީ ޑާވިންގެ އިވޮލިއުޝަން ނަޒަރިއްޔާ ކަމުގައިވާ “ސަވައިވަލް އޮފް ދި ފިޓެސްޓު ނަޒަރިއްޔާ” އެވެ. އެބަހީ، ދުނިޔޭގެ ބަޔޮލޮޖިކަލް ދިރުންތަކުގެ ނިޒާމަކީ އެންމެ ފިޓު އަދި އެންމެ ފުރިހަމަ އެއްޗެހި ވެގެން ނިކަމެތި އަދި ބާރު ދަށް އެއްޗެހި ނައްތާލައިގެން، އެ އެއްޗެހީގެ ދިރުން ސަލާމަތްކޮށް، އޭގެ ދިރުން ދަމަހައްޓައި، ދިރުމުގެ ސިފަ ބަދަލު ކުރުވާ ނިޒާމެއްގެ ދަށުން ހިނގާ ކަމެއް ކަމުގައި ބުނާ ނަޒަރިއްޔާ އިން ފާޅުވެގެން އައި ފިކުރެކެވެ.

މި ނަޒަރިއްޔާގެ ދަށުން، 1903 ގައި އުފެއްދި “އެމެރިކަން ބްރީޑާސް އެސޯސިއޭޝަން” އަކީ އެމެރިކާގެ އެންމެ ފުރަތަމަ ޔޫޖެނިކްސް ޖަމާޢަތް އެވެ. ބްރީޑާސްއޭ ކިޔަނީ ޔޫޖެނިސްޓުންނަށް ނުވަތަ އެމީހުންދެކޭ ފަދަ މާތް ގޮތުގައި އިންސާނުން ދަރިމައިކުރާ މީހުންނަށެވެ. 1914 ގައި މި ޖަމާޢަތުގެ ނަން “އެމެރިކަން ޖެނެޓިކް އެސޯސިއޭޝަން” އަށް ވަނީ ބަދަލުކޮށްފަ އެވެ. މިކަމުން އެކަނި ވެސް ޖެނެޓިކްސް އާއި ޔޫޖެނިކްސް އާއި މެދު އޮތް ގުޅުން ހާމަވެގެން ދެ އެވެ. ޖީން އާއި، ޖެނެޓިކްސް އާއި، ‘ޖީން ޕޫލް’ ‘ޑީއެންއޭ’ ‘އާރްއެންއޭ’ ފަދަ ބަސްތަކަކީ ހައްތަހާވެސް މި ޖަމާޢަތުގެ އަހުލުވެރި އެބަސް ތަކެއްގެ ފަހަތުގައި ފޮރުވިގެން އެކި އެކި ޔޫޖެނިކްސް ހަރަކާތްތައް ހިންގަން ބޭނުންކުރާ ބަސްތަކެވެ.

1910 ގައި މި އެސޯސިއޭޝަނުން އުފެއްދި “ޖާނަލް އޮފް ހަރެޑީޓީ” ކިޔާ ސައިންސުގެ ޖާނަލްއެއް މިއަދާއި ހަމައަށްވެސް މިޖަމާޢަތުގެ ފަންނުތައް ނެރުމަށް ބޭނުންކުރެވެމުން ދެ އެވެ. ހަރެޑީޓީ (ނުވަތަ ވިރާޘީ ވާރުތަވުން) މިއީ ޔޫޖެނިސްޓުން ޔޫޖެނިކްސް އަށް ބޭނުންކުރި ލަފްޒެކެވެ. ޔޫޖެނިކްސް ނުވަތަ ހަރެޑީޓީ ފަހުން މަޝްހޫރުވެގެން އައީ ޖެނެޓިކްސް މި ނަމުގަ އެވެ.

Eugenics Record Office - Alchetron, The Free Social Encyclopedia

1910 ގައި އެމެރިކާގެ ނިއުޔޯކް ގައި “ކާނިގީ އިންސްޓިޓިއުޓް އޮފް ވޮޝިންޓަން ސްޓޭޝަން ފޯ އެކްސްޕްރިމެންޓަލް އިވޮލިއުޝަން” ގެ ޑިޕާޓްމެންޓެއް ގޮތުގައި “ޔޫޖެނިކްސް ރެކޯޑް އޮފީސް” ނަމުގައި މުއައްސަސާ އެއް ޤާއިމް ކުރެވުނެވެ. މި މުއައްސަސާއަށް ފަންޑު ކުރީ ރޮކްފެލާ ފައުންޑޭޝަން އާއި ކާނިގީ އިންސްޓިޓިއުޓް އޮފް ވޮޝިންޓަން އިން ނެވެ. [5] މި މުއައްސަސާގެ މަޤްޞަދަކަށްވީ އިންސާނުންގެ ދަރިފަސްކޮޅުގެ މައްޗަށް އެކިއެކި ކެމިކަލް މާއްދާތައް ޓެސްޓުކޮށް އެތެރެކުރުމަށް ފަހު ތަހުލީލުތައް ހިންގައި އިންސާނުން މިއަށްވުރެ ފުރިހަމަ އިންސާނެއްގެ ގޮތުގައި ބަދަލު ކުރުމަށް ދިރާސާތައް ކުރުމެވެ. ރެކޯޑު އޮފީހުން ކުރިކަމަކީ މިބައިމީހުން އެބަޔަކީ ފުރިހަމަ އިންސާނުން ކަމުގައި ދެކޭ މީހުން ގެ ރެކޯޑުތައް ނަގައި، އެމީހުން ފުރިހަމަ އިންސާނުންނަށް ވީ ކީއްވެ އަދި ކޮން މާއްދާއެއްގެ ސަބަބުން ތޯ ބެލުމަށް ދިރާސާތައް ކުރިއަށް ގެންދިޔަ އެވެ.

1912 ގައި އެންމެ ފުރަތަމަ ދުނިޔޭގައި ބައިނަލް އަޤްވާމީ ޔޫޖެނިކްސް ގެ ކޮންގްރެސްއެއް (އެބަހީ ރަސްމީ ބައްދަލުވުމެއް) ބޭއްވީ އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް ލަންޑަން ގަ އެވެ.  މި ބައްދަލުވުމުގެ ރައީސް އަކީ ޗާލްސް ޑާވިންގެ ދަރި ލިއޮނާޑް ޑާވިން އެވެ. މިއިން ވެސް ޔޫޖެނިކްސްގެ ފިކުރާއި ޑާވިން އާއި އޮތް ގުޅުން ވަރަށް ސާފުކޮށް އެނގިގެން ދެއެވެ.

1928 އާއި ހަމައަށް އައިއިރު، 376 ކޮލެޖެއްގައި ސައިންސުގެ ފަންނެއް ގޮތުގައި ޔޫޖެނިކްސް ކިޔަވައި ދީފައިވެ އެވެ. 1914 އާއި 1948 ގެ މެދުގައި ނެރެފައިވާ ސައިންސު ސުކޫލް ޓެކްސް ފޮތްތަކަށް ނަޒަރު ހިންގާލާއިރު ގިނަ ފޮތްތަކުން ވަނީ ޔޫޖެނިކްސް އަކީ ބަލައިގަނެފައިވާ ސައިންސުގެ ފަންނެއް ގޮތުގައި ކިޔަވައި ދީފަ އެވެ. އަދި މީގެ މައްޗަށް އެތަކެއް ބަޔަކު ވަނީ ތަރުބިއްޔަތުކޮށް މުޖްތަމަޢަށް ނެރެފަ އެވެ. [6]

ހަޤީޤަތުގައި ޔޫޖެނިކްސް އަކީ ”ނަސްލީ އިމްތިޔާޒު” ގެ ފަލްސަފާއެކެވެ. މި ފަލްސަފާ ގައި ޚާއްޞިއްޔަތު ކަމެއް ދެނީ އޭނާ އުފަންވި ޖީން ޕޫލް (ގުރޫޕް) އަށެވެ. މި ފިކުރުގެ އަހުލުވެރިން ޤަބޫލުކުރާ ގޮތުގައި ބުއްދިވެރިކަމާއި، ރިވެތި އަޚުލާޤާއި ސުލޫކާއި މާތްކަމަކީ ރަނގަޅު ދަރިމައި ވުމަކުން (އެބަހީ، ބުއްދިވެރި އަދި ފެންވަރު ރަނގަޅު ފަރާތަކުން ދަރިފަސްކޮޅު އުފެދިގެން އައިސް) ވިރާޘީގޮތުން ވާރުތަވާ ކަންކަމެވެ. އެބަހީ ބުއްދިވެރިކަން އިންސާނަކަށް ލިބެނީ އޭނާގެ މައިން ބަފައިންގެ ދަރިމައިވުމުގެ ގުޅުމުގެ (ނުވަތަ ބްރީޑިންގެ) ރަނގަޅުކަމުން އެކަންޏެވެ. އަދި ނުރަނގަޅު، ބުއްދި ނެތް، މޮޔަ ދަށް ފަންތީގެ އިންސާނުން ވެސް އެފަދައިން ވަނީ އެމީހުންގެ މައިންގެ ދަރިމައިވުމުގެ ގުޅުމުގެ ނުބައިކަމާއި ދެރަކަމުން ކަމުގައި މި މީހުން ދެކެ އެވެ. ސަބަބަކީ ދެރަ ނިކަމެތީން ދަރިމައި ވަނީ އަނެއްކާވެސް އެހެން ފަގީރު ދަށް ފަންތީގެ ޖީންގެ ގޮތުން ދެރަ މީހުންނާއި އެކު ބާއްވާ ދަރިމައި ކުރުވުމުގެ ގުޅުމަކުން ކަމުގައިވާތީ އެވެ. މިހާރުވެސް، މި ނަޒަރިއްޔާގެ އަހުލުވެރިން މީގެ ދަށުން ހިނގާ ހަރަކާތްތައް އިންތިހާއަށް ގިނަ އެވެ. މިހާރު މި ނަޒަރިއްޔާ ޤަބޫލުކުރާ މީހުން މި ނަޒަރިއްޔާގެ ހަރަކާތްތައް ހިންގަނީ ފާޅުގައި ސިއްރިޔާތުގަ އެވެ.

ޔޫޖެނިކްސް ގެ ހަރަކާތްތައް މައިގަނޑު ގޮތެއްގައި ކުރިއަށްގެންދާ ކަފިތައް:

ފުރަތަމަ ކަފި: ޔޫޖެނިސްޓުން އެބަޔަކީ ފުރިހަމަ ޖީން އެއް ލިބިގެންވާ މީހުން ކަމުގައި ޤަބޫލުކުރާ މީހުންގެ ދަރިފަސްކޮޅު އެކަނި ކުރިއަރުވަން މަސައްކަތް ކުރެ އެވެ. މި ހަރަކާތުގެ ދަށުން އެމީހުންގެ އަމިއްލަ ޖީން ބޭނުންކޮށް އެމީހުން އެދޭ އެހެން އިންސާނުން އެމީހުންގެ ލެވެލްއަށް ގެންނަން އެމީހުންގެ ޖީންއަށް ބަދަލުގެންނަށް މަސައްކަތް ކުރެ އެވެ. މިގޮތުން “މޮޅު ނަޞްލުގެ މީހުންގެ ޖީން އެއްކޮށް ތައްޔާރުކޮށްފައިވާ އެއްޗެހިން” އެހެން ދެރަ ނިކަމެތި ޖީން ލިބިގެންވާ އިންސާނުންގެ ޖީން އާއި ކުޅެގެން ފެންވަރު ރަނގަޅު މީހުންގެ ނަޞްލުގެ އެމީހުންނާ އެއްފަދަ އަކުން އިވޯލްވު ކޮށް ކުރި އަރުވާލެވި ދާނެ ކަމުގައި މި ކަފިން ދެކެ އެވެ. ޖެނެޓިކް އިންޖިއަރިން އާއި ވެކްސިން ފަދަ ބަޔޯ-ކެމިކަލް ދިޔަ ތަކަކީ މި ހަރަކާތުގެ މަސައްކަތްތަކެވެ. ޔޫޖެނިސްޓުން ދެކޭ ގޮތުގައި ޢާންމު އިންސާނުން އުފަންވެފައި ވަނީ އެހާމެ ދެރަ އަދި ނިކަމެތި ގޮތެއްގަ އެވެ. ޔޫޖެނިސްޓުން ދެކޭ ގޮތުގައި މިބައިމީހުންގެ ބުއްދިއާއި ފަންނުން އިންސާނުންނަކީ އަދި މިއަށްވުރެ ފުރިހަމަ ބައެއް ކަމުގައި އިވޯލްވުވެ ބަދަލު ކުރެވިގެންދާނެ އެވެ.

ދެވަނަ ކަފި: ޔޫޖެނިސްޓުން އެބަޔަކީ ދެރަ ނިކަމެތި ތާކުންތާކު ނުޖެހޭ ޖީން އެއް ލިބިގެންވާ އިންސާނުން ކަމުގައި ޤަބޫލުކުރާ މީހުންގެ ކުރިއަށް އޮތް ޖީލުގެ ދަރިފަސްކޮޅު ނައްތާން މަސައްކަތް ކުރެ އެވެ. މި ހަރަކާތުގެ ދަށުން، ޖެނެޓިކްލީ ދަށް ނަސްލުތަކުގެ މީހުންގެ ޖީން އާއި ކުޅެ އެމީހުންނާއި އެމީހުންގެ ދަރިފަސްކޮޅު ދުނިޔެއިން ނައްތާން މަސައްކަތް ކުރެ އެވެ.

ޔޫޖެނިސްޓުން ދެކޭ ގޮތުގައި ދުނިޔޭގައި ތިބި ޖެނެޓިކްލީ “މޮޅު ގޮތުގައި އުފަންވެފައިވާ” ނަޞްލުގެ މީހުންގެ އާބާދީ ދަމަހައްޓައި “ފީބަލް-މައިންޑެޑް” (ނުވަތަ ބޭކާރު ތާކުންތާކު ނުޖެހޭ މޮޔަ ގޮތުގައި އުފަންވެފައިވާ) ނަޞްލުގެ މީހުން ނައްތާން ކޮންމެހެން ޖެހެ އެވެ. އާބާދީގެ ދެރަނިކަމެތި ނަޞްލުގެ މީހުން ނައްތާން ޔޫޖެނިސްޓުން ރިވެތި ނަންނަމުގައި އެކި އެކި ޝިޢާރުތައް ބޭނުން ކުރެ އެވެ. މި މީހުން ބޭނުންކުރާ އާންމު އެއް ދަޢުވާ އަކީ “ސްކެއަރސިޓީ އޮފް ރިސޯސެއްގެ ދަޢުވާ” އެވެ. އެބަހީ، ދުނިޔެގައި ބޭނުންކުރަން ހުރި އެއްޗެހިތަކުގެ މަދުކަމުގެ ޝަކުވާކޮށް އިންސާނުން ގެ އާބާދީ މަދުކުރަން ވަކާލާތު ކުރުމެވެ. މި މީހުން ދެކޭ ގޮތުގައި ދުނިޔޭގެ ރިސޯސަސް ތައް ދަށް ފަންތީގެ މީހުން ބޭނުންކޮށް ހުސްކުރަން ދޫކޮށްލައިގެން ނުވާނެ އެވެ. އަދި ދުނިޔޭގެ ހަރުމުދާ ފުރިހަމަ ގޮތުގައި ބޭނުން ކުރަންޖެހޭނީ ހަމައެކަނި ޖެނެޓިކްލީ ފުރިހަމަ މީހުން އެކަންޏެވެ. އެއީ ދުނިޔެ އިވޯލްވުވެ ތަރައްޤީ ވާނީ މި ގޮތުގައި ޢަމަލުތައް ބަހައްޓައިގެން ކަމުގައި ދެކޭތީ އެވެ.

ޔޫޖެނިސްޓުން ދެކޭ ގޮތުގައި ފުރިހަމަ ގޮތުގައި އެންމެ ފުރިހަމަ އިންސާނުންނަށް އިންސާނީ ދަރިފަސްކޮޅަށް ވެވޭނީ ބޭކާރު މީހުން ދުނިޔެއިން ނައްތާލައިގެންނެވެ. މިސާލަކަށް ބޮޑު ހަނގުރާމައިގެ ދުވަސްވަރު ނުކުތް ޔޫޖެނިސްޓުންގެ ބޮޑެއް ކަމުގައިވާ ޖޯޖް ބްރަނާޑް ޝާވް ފަދަ ޔޫޖެނިސްޓުން ވަނީ މުޖްތަމަޢަށް ފާއިދާ ނުކުރާ މީހުން ގެނެސް އޭނާ ދުނިޔޭގެ ވުޖޫދުގައި ބެހެއްޓުން ނުވަތަ މަރާލުމުގެ އިޚްތިޔާރު ދައުލަތަށް ނެގުމަށް ގޮވާ ލާފަ އެވެ.

ޖޯޖް ބްރަނާޑް ޝާވް ބުނެފައިވެ އެވެ. “އަހަރެން އެބަޔަކު ޤަތުލުކުރަން ބޭނުންވާ އެތައް ބަޔަކު އެބަތިއްބެވެ. އެއީ އޯގާތެރިކަން ނެތިގެން ނުވަތަ ޒާތީ ރޫޙެއްގަ އެއް ނޫނެވެ. އެހެނަސް، ތި އެންމެނަށް ފެންނާނެ ފަދައިން، އެންމެ މަދުވެގެން އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ މިދުނިޔެއަށް އެއްވެސް ބޭނުމެއް ޖެހިގެންވާ ބައެއް ނޫނެވެ. އެމީހުންނަކީ އެމީހުންގެ އަގަށްވުރެ އުދަގޫ ބޮޑު ބައެކެވެ. އަދި އަހަރެން ދެކޭ ގޮތުގައި، މިފަދަ އެންމެން ސަރުކާރުން ކަނޑައަޅާފައިވާ ފުރިހަމަ ބޯޑެއްގެ ކުރިމަށްޗަށް ގެނެސް، އެއީ އިންކަމް ޓެކްސް ކޮމިޝަނަރު ކުރިމަށްޗަށް ގެނެވޭ ގޮތަށް، ކޮންމެ ފަހެއް ނުވަތަ ހަތް އަހަރަކުން އޭނާ އެތަނަށް ގެނުވައި ސުވާލު ކުރަންވީ “އޭ ބޭފުޅާ ނުވަތަ ކަނބުލޭގެ އާ އެވެ. ކަލޭ މިހާރު ވުޖޫދުގައި ބަހައްޓަން ޖެހެނީ ކީއްވެކަން ކިޔައިދެވިދާނެ ތޯއެވެ ؟”

މި ފިކުރުގެ މީހުން އެންމެ ފުރަތަމަ ދުވަހުއްސުރެ ވަކާލާތުކުރީ ދުނިޔެއަށް ބޭކާރު މީހުން ޤަތުލު ކުޅައުމަށެވެ. އެކަން އެ ގޮތުގައި ފާޅުކަން ބޮޑު ގޮތެއްގައި ކުރެވެން ނެތުމުން ދެން ވަކާލާތުކުރީ ސަރުކާރުގެ މަޖުބޫރު ކުރުމާއެކު އެފަދަ ދަށް ފަންތީގެ ޖީން ގުރޫޕަށް ނިސްބަތްވާ މީހުން ދަރިމައިނުވާ ގޮތް ހެދުމަށެވެ. އެއީ އެމީހުންގެ ދަރިފަސްކޮޅު ކުރިއަށް ދިއުން ހުއްޓުވުމަށެވެ. އެކަން ކުރެވޭނެ ދޮރު ބަންދުވުމުން، ދެން މި މީހުން ފެއްޓީ ނުސީދާ ގޮތުގައި މިހަރަކާތް އެހެން ނަންނަމުގައި ކުރިއަށް ގެންއިއުމެވެ.

ޔޫޖެނިކްސްގެ ތެރެއިން އުފެދިގެން އައި ހަރަކާތްތަކުގެ ތެރޭގައި ވެކްސިން ޖެހުން، އެބޯޝާން (ދަރިވެއްޓުން)، ސްޓްރިލައިޒްކޮށް ދަރިމައިވުން ހުއްޓުވުން، އާބާދީ ކޮންޓްރޯލް ކުރުން، ފެމެލީ ޕްލޭނިން ފަދަ ހަރަކާތްތައް ހިމެނެ އެވެ.

އެމެރިކާގައި އެންމެ ފުރަތަމަ ޔޫޖެނިކްސް ސްޓެރިލައިޒޭޝަން (ދަރިން ލިބުމުން މަހުރޫމު ކުރާ ގޮތް ހަދާ) ޤާނޫނެއް ފާސް ކުރެވުނީ 1907 ގައި އިންޑިއާނާ ސްޓޭޓް ގައެވެ. އެއަށްފަހު، މަދު އަހަރުތަކެއްގެ ތެރޭގައި އެމެރިކާގެ އެތަކެއް ސްޓޭޓެއް ގައި މުޖްތަމަޢަށް “ފިޓު ނޫން” މީހުން ހޯދައި ޤާނޫނީ ގޮތުން އެމީހުންގެ ރުހުމާއި ނުލައި ސްޓެރިލައިޒް ކުރަމުން ގެންދިޔަ އެވެ. ފިޓު ނޫން މީހުން ކަމުގައި ކަނޑައަޅަނީ ޔޫޖެސިންޓުން އެބަޔަކީ ފިޓު މީހުން ކަމުގައި ދެކޭ ބޮޑުން އިސްވެ އެވެ. އިންޑިއާނާ ގައި ހިންގި ސްޓެރިލައިޒް ކުރުމުގެ ޤާނޫނު 1921 ގައި ސްޕްރީމް ކޯޓުގެ ހުކުމަކުން ބާޠިލު ކުރެވުނެވެ.

އޭރު މުޅި ދުނިޔޭގައި އޮތް އެންމެ މުއްސަދި މަހުޖަނު އާއިލާ ކަމުގައިވާ ރޮކްފެލާއިންގެ އާއިލާ އިސްވެ ފަންޑުކޮށް ޔޫޖެނިކްސް ހަރަކާތްތައް ވަރުގަދަ ކުރުމަށް “އެމެރިކަން ޔޫޖެނިކްސް ސޮސައިޓީ” ނަމުގައި 1921 ގައި ޖަމާޢަތެއް އުފެއްދި އެވެ. މި ޖަމާޢަތަށް ޢާންމު ރައްޔިތުންގެ ފަރާތުން އައި އެކިއެކި ފާޑުކިއުން ތަކާއެކު މި ޖަމާޢަތުގެ ނަން “ސޮސައިޓީ ފޯ ދި ސްޓަޑީ އޮފް ސޯޝިއަލް ބަޔޮލޮޖީ” އަށް އޭގެ ދުވަސްކޮޅެއް ފަހުން ބަދަލު ކުރި އެވެ. މިޖަމާތުގެ މީހުން ފޮރުވެގެން މިއަދު ތިބީ “މައިކްރޯ ބަޔޮލޮޖީ” “ސޯޝިއަލް ބަޔޮލޮޖީ” “އިމުނޮލޮޖީ” “ވައިރޮލޮޖީ” ފަދަ ފަންނު ތަކުގެ ފަހަތުގަ އެވެ. އިމިއުނުލޮޖީ އާއި ވައިރޮލޮޖީ އަކީވެސް ރޮކްފެލާއިން ދުނިޔޭގެ ވުޖޫދަށް ގެނައި ޚިޔާނާތްތެރި ފަންނެކެވެ.

އެމެރިކަން ޔޫޖެނިކް ސޮސައިޓީގެ ބާނީ ކަމާއި، ޑިރެކްޓަރުކަން ކުރި މެޑިސަން ގްރޭންޓް 1915 ގައި ބުނެފައިވެ އެވެ. “އިލާހީ ޤާނޫނު ކަމުގައި ޤަބޫލުކުރެވިފައިވާ ކުށް ގޮތްތަކާއި، އިންސާނާގެ ދިރުން ރައްކާތެރިވެގެންވާ ކަމުގައި ޤަބޫލުކުރާ ޖަޒުބާތީ ޤަބޫލުކުރުންތަކުގެ ސަބަބުން ނުކުޅެދޭ ކުޑަކުދިން ނައްތާލުމަށާއި އަދި މުޖްތަމަޢަށް އެއްވެސް މަންފާއެއް ނުކުރުވާ އެފެދަ (ނުކުޅެދޭ، މޮޔަ) ބޮޑެތި މީހުން ދަރިމައި ނުވާ ގޮތް ހެދުމަށް (ސްޓެރިލައިޒްކުރުމަށް) ހުރަސް އެޅެއެވެ. ފިޓު އަދި ފުރިހަމަ ނޫން ފަރާތްތައް ނައްތާލުމަކީ ޤުދުރަތީ ޤާނޫނު ލާޒިމް ކުރާ ކަމެކެވެ. އިންސާނާގެ ދިރުމުގެ އަގެއް އޮތީ ހަމައެކަނި މުޖްތަމަޢަށާއި ނަސްލަށް ބޭނުން ހިފޭ ނަމަ އެވެ.”

އެމެރިކަން ޔޫޖެނިކް ސޮސައިޓީގެ މެންބަރު މާގްރެޓް ސެންޖާ 1921 ގައި “އެމެރިކަން ބާތް ކޮންޓްރޯލް ލީގް” ނަމުގައި ޖަމާޢަތެއް އުފެއްދި އެވެ. 1942 ގައި މި ޖަމާޢަތުގެ ނަން “ޕްލޭންޑް ޕޭރެންޓްހުޑް ފެޑަރޭޝަން އޮފް އެމެރިކާ” ނުވަތަ ކުރުކޮށް “ޕްލޭންޑް ޕޭރެންޓްހުޑް” މިނަމަށް މި ޖަމާޢަތުގެ ނަން ބަދަލު ކުރި އެވެ. މި ޖަމާޢަތަކީ އެބޯޝަންކޮށް ދަރިވައްޓައި މެރުމަށްޓަކައި އުފެއްދި ކްލިނިކްތަކެވެ. މާގްރެޓް ސެންޖާ މި ޖަމާޢަތް އުފެއްދީ ރޮކްފެލާއިންގެ ފަންޑު ކުރުމުގެ ދަށުން ނެވެ. އެމެރިކާގައި އެންމެ ފުރަތަމަ ދަރިވައްޓާ މެރުމަށް ބާތް ކޮންޓްރޯލް ނުވަތަ އެބޯޝަން ކްލިނިކްތައް ހެދުމުގައި އިސް ސަފުގައި ހުރީ މީނާ އެވެ.

މާގްރެޓް ސެންޖާ 1925 ގައި ބުނެފައިވެ އެވެ. “އަހަރެން ޤަބޫލު ކުރާ ގޮތުގައި މިހާރު އަހަރެމެންގެ އާބާދީގެ ޑިސްޖެނިކް (ޖީންގެ ގޮތުން ދެރަ އަދި ދަށް ނަޞްލުގެ) މީހުން ސްޓެރިލައިޒް ކުރުމުގެ (ދަރިން ލިބުމުން މަހުރޫމު ކުރުމުގެ) ޤައުމީ ފެންވަރުގެ ހަރަކާތެއް (ދަވްލަތުގެ ބާރާއި އެކު) ފައްޓަން ޖެހެއެވެ.”

މާގްރެޓް ސެންޖާ 1957 ގައި ބުނެފައިވެ އެވެ. “އަހަރެން ދެކޭ ގޮތުގައި އެންމެ ބޮޑު ފާފަ އަކީ ބަލި ޖެހިފައިވާ ކުއްޖެއް ނުދިޔެއަށް އުފަން ކުރުމުގެ ފާފަ އެވެ.” [7]

1927 ގައި، އެމެރިކާގެ ވާޖިނިއާ ސްޓޭޓްގައި ގަދަބާރުން މީހުން ސްޓެރިލައިޒްކޮށް ވެކްސިން ޖެހުމަށް ސުޕްރީމް ކޯޓުގެ ގާޒީ، ޔޫޖެނެސިސްޓު ވެންޑެލް ހޯލްމެސް ޙުކުމް އިއްވި އެވެ. އޭނާ މި ޙުކުމުގައި ބުނެފައިވެ އެވެ. “ނުކުޅެދޭ ދެރަ ދަރިފަސްކޮޅުން ކުށެއް ކޮށްގެން އެމީހުން ދަންޖައްސަން މަޑުކުރުމަށްވުރެ، ނުވަތަ އެމީހުންގެ މޮޔަކަމުން ބަޑަށްޖެހުމަށްވުރެ، މުޅި ދުނިޔެއަށް މިގޮތް (ސްޓެރިލައިޒްކުރުން) ހެޔޮވެގެންވެ އެވެ. މި މީހުންގެ ނަޞްލުގެ ވައްތަރު ކުރިއަށް ގެންދިއުމަށް ފިޓު ނޫން މީހުންގެ ކިބައިން މުޖްތަމަޢު ސަލާމަތް ކުރެވިދާނެ އެވެ. މީހެއްގެ ފެލޯޕިއަން ޓިއުބު ބުރި ކޮށް ލުމާއި ހިސާބަށް މަޖުބޫރުކުރުމާއި ހަމައަށް ވެކްސިން ޖެހުމުގެ އުޞޫލު ފުޅާވެގެން ވެއެވެ. ތިން ޤަރުނުގެ ފީބަލް މައިންޑެޑް މޮޔައިން އަހަރުމެންނަށް ފުދިއްޖެ އެވެ.” [8]

މި ކޯޓު ކޭސް އަށް ފަހު، ވަގުވަގަށް ސިއްރިޔާތުގައި ހިންގި ސްޓެރިލައިޒޭޝަން ޕޮރުގުރާމުތައް ފާޅުގައި ޢާންމު ކަމާއެކު ކުރަން ފެއްޓުނެވެ. އަދި މިވާހަކަތައް ބޮޑާ ވެރި ކަމާއި އެކު ރިޕޯޓު ކުރެވެން ވެސް ފެއްޓުނެވެ. މިގޮތުން އެތައް ހާސް ބަޔަކު އެމީހުންގެ ރުހުމާއި އިޚްތިޔާރާއި ނުލައި ސްޓެރިލައިޒް ކުރެވުނެވެ. ފުރަތަމަ މި ފިކުރުގެ ދަށުން ފެއްޓީ ސަރުކާރުގެ ބާރާއި ނުފޫޒުން ޤާނޫނުތައް ހަދައި ޤައުމުގައި ތިބި ނުކުޅެދޭ އަދި ނަސްލީގޮތުން ދަށް މީހުންނަށް ދަރިން ނުލިބޭ ގޮތް ހެދުމަށެވެ.

އެހެނަސް، ޔޫޖެނެސިސްޓުންނަށް މިވަރު ނުފުދުނެވެ. އެއީ މި ގޮތަށް ސްޓެރިލައިޒް ކުރެވެނީ މަދު ބަޔަކަށް ވާތީ އެވެ. އެހެންވެ، މިނޫން އެހެން ގޮތެއް މިކަމަށް ހޯދަން ޔޫޖެނިސްޓުން މަސައްކަތް ކުރި އެވެ. ފާޅުގައި ޖެނެޓިކްލީ ދަށް ފެންވަރުގެ އިންސާނުންގެ އާބާދީ ދުނިޔެއިން ނައްތާން ވަކާލާތު ކުރުމުގެ ހަރުކަށި ވާހަކަތަކުން ނަޞްލީ އިމްތިޔާޒުތަކުގެ މައްޗަށް އުފެދިގެން އައި ނަފްރަތާއި ދެކޮޅުވެރި ކަމާއިއެކު، އެހެން ކޮންމެވެސް ގޮތަކަށް މިކަން ކުރުމަށް މި ޖަމާޢަތުން ގަސްތު ކުރި އެވެ. އެ ގޮތުން، ސީދާ ސަރުކާރުގެ ބާރުގެ ދަށުން މަޖުބޫރުކޮށްގެން ދަރިމައިވުން މަނާ ކުރުމާއި، ސްޓްރިލައިޒޭޝަން އަށް ސީދާ ވަކާލާތު ކުރުމުގެ ބަދަލުގައި އެހެން ބަސްތަކަކާއި ޝިޢާރު ތަކެއް ބޭނުންކޮށްގެން މި ހަރަކާތް ކުރިއަށް ގެންދިއުމަށް މި މީހުން ރޭވުންތައް ރާވައި ނިންމި އެވެ.

(ނުނިމޭ)

ޔޫޖެނިސްޓުން ރޭވި ރޭވުންތަކާއި މި ޤަރުނުގެ ޔޫޖެނިސްޓު ހަރަކާތުގެ މަހުޖަނު ބޮޑުންނަކީ ކޮބައިކަން ބަޔާންކޮށް ކުރިއަށް އޮތް ލިޔުންތަކުގައި ކަޝްފުކުރެވިގެންދާނެ އެވެ.


[1] https://www.etymonline.com/word/eugenics

[2] http://www.studylight.org/dictionaries/web/view.cgi?n=36228

[3] http://www.studylight.org/dictionaries/web/view.cgi?n=36228

[4] http://www.studylight.org/encyclopedias/tce/view.cgi?n=4223

[5] http://eugenicsarchive.ca/discover/connections/5328893f132156674b00029e

[6] http://www.eugenicsarchive.org/html/eugenics/essay6text.html

[7] https://www.youtube.com/watch?v=HsrOPDdbTzM

[8] https://supreme.justia.com/cases/federal/us/274/200

4 thoughts on “ޔޫޖެނިކްސް: ﷲ ޚަލްޤުކުރައްވާފައިވާ ގޮތަށް ވުރެ ފުރިހަމަ އިންސާނެއް އުފެއްދުމުގެ ނަމުގައި ޑޮކްޓަރުންނާއި ސައިންސުވެރިން މެދުވެރިކޮށް ކުރިއަންގެންދާ އާބާދީ ދުއްވާލުމުގެ ޖެނެޓިކްސްގެ ނަސްލީ އިމްތިޔާޒުގެ ހަރަކާތް

Leave a Reply