11 އޮކްޓޯބަރ 2020
އިނގުރު ނުވަތަ އިނގިރޭސި ބަހުން ޖިންޖަރ އަދި އަރަބި ބަހުން ޒަންޖަބީލު އޭ މިކިޔާ އެއްޗަކީ ރާއްޖޭގެ ގިނަ ރައްޔިތުން ކާއެއްޗެއް ގޮތުގައި ބޭނުންކުރާ އެއްޗެކެވެ. އާންމު ގޮތެއްގައި އިނގުރު ބޭނުންކޮށް އުޅެނީ ބަދިގޭގައި ކާ އެއްޗެހީގެ ރަހަ މީރު ކުރުމަށެވެ. އިނގުރު ސަޔަކީ ރޯގާގެ އުނދަގުލުން ސަލާމަތްވުމަށް ގިނަ ދިވެހިން ބޮއެ އުޅޭ އެއްޗެކެވެ. އެހެނަސް، މި ބޭނުންކުރަންޖެހޭ އެންމެ ފުރިހަ ގޮތާއި މީގެ ފައިދާތައް ގިނަ މީހުންނަށް ނޭނގެއެވެ. އިނގުރަކީ ގިނަ އަދަދަކަށް ވިޓަމިން ސީ އާއި މެގްނީސިއަމް ފަދަ މުހިންމު މިނަރަލްސް އެކުލެވިގެންވާ، ސިއްޙަތަށް ފައިދާހުރި އެއްޗެކެވެ.
އިމާމް އިބްނު އަލް-ޤައްޔިމް: އިނގުރަކީ ހަޖަމުކުރުމާއި، ލޮލުގެ ފެނުމަށް އަދި މޭނުބައި ކުރުމަށް ފައިދާކުރާ އެއްޗެއްގެ އިތުރުން އެހެނިހެން ބަލިތަކުގެ ވެސް ފަރުވާއެއް[1]

އިމާމް އިބްނު ޤައްޔިމް ލިޔުއްވި “ނަބަވީ ބޭސްވެރިކަން” މި ފޮތުގައި އިނގުރާއި ބެހޭ ގޮތުން ބަޔާންކުރައްވާފައި ވަނީ އެއީ ހަށިގަނޑު ވިހައިން ސާފުކޮށްދޭ ކާނާއެއްގެ އިތުރުން ގިނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެއް ގޮތައެވެ.
- ހަށިގަނޑަށް ހޫނުކަން ލިއްބައިދޭ އަދި ހަޖަމްކުރުމަށް އެހީވެދޭ
- ފުރަމޭ (ލިވާ) ގެ އުނދަގޫތަކަށް ފައިދާ ކުރޭ
- ގްލަކޯމާ ފަދަ ބަލިތަކާއި ލޮލުގެ ފެނުން ފުސް ވުމަށް ފަރުވާއެއް، ކާއެއްޗެއް ގެ ގޮތުގައި ބޭނުންކޮށްގެން ނުވަތަ އަނދުން ގޮތުގައި ބޭނުންކޮށްގެން
- ޤުދުރަތީ ހަކުރާއި ފެނަށް އިނގުރު އެއްކޮށް ބުއިމުން ލޭ ގަނޑުވުން (ނުވަތަ ބްލަޑް ކްލޮޓް ވުން) ކުޑަ ކޮށްދޭ
- ހޮޑުލެވޭ ގޮތްވުމާއި މޭނުބައި ވުމަށް ފަރުވާއެއް ގޮތުގައި ބޭނުން ކުރެވިދާނެ އެއްޗެއް
- އަނގައިގެ ވަސް ރަނގަޅުކޮށް ތާޒާ ކޮށްދޭ އެއްޗެއް
- ހަނދާން ހުރުމުގެ ބާރު ގަދަ ކޮށްދޭ އެއްޗެއް
އިނގުރަކީ ސުވަރުގޭގެ އަހުލުވެރިންނަށް ދެވޭ ހިއްގައިމު ބުއިމުގެ ތެރެއިން އެއްޗެއް ކަމުގައި ޤުރުއާނުގައި މާތް ﷲ ޒިކުރު ކުރައްވާފައިވެ އެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. وَيُسْقَوْنَ فِيهَا كَأْسًا كَانَ مِزَاجُهَا زَنجَبِيلًا “އަދި އެތާނގައި އެއުރެންނަށް އިނގުރު (ޒަންޖަބީލް) އެއްކުރައްވާފައިވާ ރާތަށްޓެއް ބުއިމަށް ދެއްވާނެތެވެ.” (سورة الانسان 17)[2]
ދިސާރާ 1: އިނގުރަކީ ކޮލޯން ކެންސަރ ނުވަތަ ގޮހޮރުގެ ކެންސަރުން ދުރުކޮށްދޭ އެއްޗެއް

އެމެރިކަން އެސޯސިއޭޝަން ފޯ ކެންސަރ ރިސާރޗްގެ މެޑިކަލް ޖާނަލް އެއް ކަމުގައިވާ “ކެންސަރ ރިސާޗް ޕްރިވެންޝަން” ގައި 2011 ގައި ނެރެފައިވާ ފަންނީ ދިރާސާ ގައި ބަޔާންކޮށްފައިވާ ގޮތުން އިނގުރު ސަޕްލިމެންޓަކީ ކޮލޯން ކެންސަރުން ރައްކައުތެރިކޮށްދޭ ބާރެއް އެކުލެވިގެންވާ މާއްދާއެއް އެކުލެވިގެންވާ އެއްޗެކެވެ. [3] އިނގުރަކީ ރޯގާއާއި، ކެއްސުމާއި، ބްރޮންކައިޓިސް އާއި، ކަރުތެރެ ސަކަރާތް ވުމާއި، މޭނުބައި ވުމަށް ފަރުވާ އެކުލެވިގެންވާ އެއްޗެކެވެ.[4]
ދިރާސާ 2: އިނގުރަކީ މާބަނޑުވުމާއި ގުޅިގެން މޭނުބައިކުރުމާއި ހޮޑުލެވުން ކުޑަކޮށްދޭ އެއްޗެއް

ޖާނަލް އޮފް އޯލްޓަރނޭޓިވް އަދި ކޮމްޕްލިމެންޓަރީ މެޑިސިންގައި 2009 ވަނަ އަހަރު ޝާއިއުކޮށްފައިވާ ދިރާސާއެއް ގައި ވާގޮތުން އިނގުރަކީ މާބަނޑު ދުވަސްވަރު އަންހެނުންނަށް ކުރިމަތިވާ މޭނުބައި ވުމުގެ އުނދަގުލުގެ ޢަލާމާތްތައް ކުޑަކޮށްދީ މާބަނޑު ދުވަސްވަރު ހޮޑުލެވުން މަދުކޮށްދޭ އެއްޗެކެވެ.[5] މި ހޯދުމުގެ ނިންމުމަކީ “އިނގުރަކީ މާބަނޑު ދުވަސްވަރު ހޮޑުލެވުމާއި މޭ ނުބައިވުން ކުޑަކޮށްދޭ ފަތްޕިލާވެލީގެ ޤާބިލު ފަރުވާއެކެވެ.”
Conclusion: Ginger is an effective herbal remedy for decreasing nausea and vomiting during pregnancy.
ދިރާސާ 3: އިނގުރަކީ ޑަކްޓަރީ ބޭހާއި އެއްވަރަށް މައްސަރު ކަންތަކުގެ ތަދު ފިލުވައިދޭ އެއްޗެއް

“ޕީރިއަޑްގެ ދުވަސްވަރަކީ ބައެއް ކަނބަލުންނަށް ވަރަށް ދަތި އުނދަގޫ ދުވަސްކޮޅެކެވެ. ކުއްލި ތަދު އެރުމަކީ ވެސް ބައެއް ކަނބަލުންނަށް އެ ދުވަސްވަރު ދިމާވާ ކަމެކެވެ. އިނގުރު ސައި ނުވަތަ އިނގުރު ފެނަކީ މިފަދަ ތަދުތައް ލުއިކޮށްލަދޭ އެއްޗެކެވެ.”[6] ޖާނަލް އޮފް އޯލްޓަރނޭޓިވް އަދި ކޮމްޕްލިމެންޓަރީ މެޑިސިން ގައި 2009 ވަނަ އަހަރު ޝާއިއުކޮށްފައިވާ އެހެން ދިރާސާއެއް ގައި ބަޔާންކޮށްފައިވާ ގޮތުން އިނގުރަކީ ޑަކްޓަރީ ބޭހާއި އެއްވަރަށް މައްސަރު ކަންތަކުގެ ތަދުތައް ފިލުވައިދޭ އެއްޗެކެވެ.[7] މި ހޯދުމުގެ ނިންމުމަކީ “އިނގުރަކީ މެފެނަމިކް އެސިޑް އަދި އައިބުޕްރޮފެން އާއި އެއްފަދައިން މައްސަރު ކަންތަކުގެ ތަދު ފިލުވައިދިނުމުގެ ޤާބިލުކަން ލިބިގެންވާ އެއްޗެކެވެ.”
Conclusion: Ginger was as effective as mefenamic acid and ibuprofen in relieving pain in women with primary dysmenorrhea.
އިނގުރަކީ ޤުދުރަތީ އެއްޗަކަށް ވެފައި، ތަދު ކެނޑުވުމަށްޓަކައި ޑަކްޓަރީ ގޮތުން ކާ ޕެއިންކިލާ ބޭހުން ލިބޭ ގެއްލުން ހަމަ ގައިމުވެސް އިނގުރުން ނުލިބޭނެ އެވެ. މިނޫންވެސް ގޮތް ގޮތުން ޤުދުރަތީ އުފެއްދުންތަކުގެ ފާއިދާ ބޮޑުކަން ގިނަ މީހުންނަށް ތަޞައްވަރު ނުކުރެވެ އެވެ.
ދިރާސާ 4: އިނގުރަކީ ހޯމޯން އުފައްދާ ނިޒާމަށް ފަރުވާ ކޮށްދޭ އެއްޗެއް

އެމެރިކަން ޖާނަލް އޮފް ޗައިނީސް މެޑިސިން ގައި 2011 ވަނަ އަހަރު ނެރެފައިވާ ދިރާސާއެއް ގައިވާ ގޮތުން އިނގުރަކީ އިންސާނާގެ ހޯމޯން ރެގިއުލޭޓްކޮށް ހަމައަކަށް އަޅުވައިދޭ ނިޒާމަށް ފިޒިއޮލޮޖިކަލް އަދި ތެރެޕެޓިކް ރޯލެއް އަދާކޮށްދޭ އެއްޗެއް ކަމުގަ އެވެ.[8]
ދިރާސާ 5: އިނގުރަކީ ކަނޑުމަތީގެ ބަލިކަން ކުޑަކޮށްދޭ އެއްޗެއް

1988 ހަދާފައިވާ ފަންނީ ދިރާސާއަކުން ދައްކާގޮތުން އިނގުރުން ކަނޑުމަތީގައި މޭ ނުބައިވުމާއި ހޮނޑުލެވުން ކުޑަކުރި އެވެ.[9] އިނގުރަކީ ކަނޑުމައްޗަށް އެރުމުން ހޮޑުލެވޭ މީހުންނަށް ވަރަށް ބޮޑަށް އެހީވެދޭ އެއްޗެކެވެ. އަދި އެނޫންވެސް ހާލަތްތަކުގައި ބޯގުޑުމާއި، ބޮލުގެ ރިހުމާއި، މޭނުބައިކުރުމަށް އިނގުރުން ފަރުވާ ލިއްބައިދޭ ކަމުގައި ފަންނީ ދިރާސާތަކުގައި ބަޔާންކޮށްފައިވެ އެވެ.
ދިރާސާ 6: އިނގުރަކީ ބޭރަށް ހިނގުމާއި ގޭހުގެ އުދަގުލަށް ފަރުވާއެއް

އެމެރިކަން ޖާނަލް އޮފް ފިޒިއޮލޮޖީ، ގޭސްޓްރޯ އިންޓެސްޓިނަލް އެންޑް ލިވަރ ފިޒިއޮލޮޖީ ޖާނަލްގައި 2003 ވަނަ އަހަރު ޝާއިއުކޮށްފައިވާ ދިރާސާއެއް ގައި ވާގޮތުން “އިނގުރަކީ ބޭރަށް ހިނގުމުގެ ފަރުވާއަށް މަސައްކަތް ކުރުން އެކަށީގެންވާ އެއްޗެކެވެ.” [10]
މުހަންމަދު ޝިފާއު ލިޔެފައިވާ ފަދައިން “ބޮޑުކަމު ދިއުމުގައި މައްސަލަ ޖެހޭ ބޭފުޅެއްނަމަ އިނގުރު ކާން ފަށާށެވެ. އެހެނީ އިނގުރު ކެއުމުގެ ސަބަބުން ތިމާގެ ހަޖަމު ކުރުމުގެ ނިޒާމަށް ވަރަށް ބޮޑަށް އެހީވެދެއެވެ. މިއީ އަޅުގަނޑުމެންގެ މި މުޖުތަމައުގައި މިހާރަކަށް އައިސް ވަރަށް ގިނައިން ޖެހޭ މައްސަލައެކެވެ.”[11]
ދިރާސާ 7: އިނގުރަކީ ހުޅުހުޅުގެ ރިހުމާއި މަސްގަނޑުގެ ތަދުތަކަށް ފަރުވާއެއް

އާތްރައިޓިސް އެންޑް ރުމޭޓިޒަމް ޖާނަލްގައި 2001 ވަނަ އަހަރު ޝާއިއު ކޮށްފައިވާ ދިރާސާއެއް ގައި ވާގޮތުން “ކަކޫ ހުޅުގެ ތަދު ކުޑަ ކުރުމުގައި މުހިންމު އަސަރެއް އިނގުރުން ކޮށްފައިވެ އެވެ.” [12]
މުހަންމަދު ޝިފާއު ލިޔެފައިވާ ފަދައިން “ކޮންމެ ދުވަހަކު އިނގުރު ކެއުމަކީ ތިމާގެ ހަށިގަނޑުގެ ހުޅުތައް ދުޅަވުން ތިރިކޮށްދޭ ކަމެކެވެ. ޚާއްސަކޮށް ދޮށީ އުމުރުގެ ބޭފުޅުންނަށް އިނގުރަކީ މިގޮތުގެ މަތިން ވަރަށް ބޭނުންތެރި އެއްޗެކެވެ. ކަށިތައް ވަރުގަދަ ކުރުމަށް ވެސް އިނގުރު ވަރަށް ބޮޑަށް އެހީވެދެއެވެ.” [13]
ދިރާސާ 9: އިނގުރަކީ ލޭގެ ހަކުރުގެ މިންވަރު ހިފަހައްޓާ އެއްޗެއް

2015 ގައި ތެހެރާން ޔުނިވާސިޓީ އޮފް މެޑިސިންގެ، ސުކޫލް އޮފް ނިއުޓްރިޝަނަލް ސައިންސާއި، ތެހެރާންގެ ޑައިބެޓިކް އެސޯސިއޭޝަން އިން ހަދާފައިވާ ފަންނީ ދިރާސާގައި ވާގޮތުން އިނގުރު ސަޕްލިމެންޓުން ފާސްޓިން ބްލަޑް ޝުގަރ 12 އިންސައްތަ ދަށް ކުރި އެވެ. އަދި ދިގު މުއްދަތުގައި ހަކުރު ލެވެލް 10 އިންސައްތަ ކޮންޓްރޯލް ކުރި އެވެ. [14]
މި ނޫނަސް އިނގުރުގެ ފާއިދާތައް ގިނަގުނަވެގެންވެ އެވެ. މެޑިކަލް ޑޮކްޓަރ ރީޗަލް ލިންކް އިނގުރުގެ 12 ފާއިދާއެއް ޒިކުރުކޮށް ލިޔުމެއް ޝާއިއުކޮށްފައިވެ އެވެ.[15]
އިނގުރު ބޭނުން ކުރުމާމެދު ބައެއް އިރުޝަދުތައް

އިނގުރު ބޭނުންކުރުމުގައި އެންމެ ރަނގަޅީ ތާޒާކޮށް އިނގުރު ބޭނުންކުރުމެވެ. ތާޒާ އިނގުރު ބެހަންޓަން ޖެހެނީ ރޫމު ޓެންޕަރޭޗަރ ގައެވެ. އިނގުރަކީ ހިކިކޮށް އަދި ޕައުޑަރ ނުވަތަ ކެޕްސުލެއްގެ ގޮތުގައިވެސް ލިބެންހުންނަ އަދި ބޭނުންކުރެވިދާނެ އެއްޗެކެވެ.
އިނގުރު ސައި ތައްޔާރު ކުރާނެ ގޮތް:
2 އިންޗުގެ އިނގުރުކޮޅެއް ސާފުކޮށް މަށާލުމަށް ފަހު ފޮތިފޮއްޗަށް ކޮށާލުމަށްފަހު، 2 ޖޯޑުގެ ފެން ހުންނަވަރަށް އިނގުރުކޮޅާ އެކު 10-20 މިނެޓް ވަންދެން ކައްކާލާށެވެ. އެއަށްފަހު، ބުއިމުގެ ކުރިން ބޭނުންނަމަ ފުރާނާލާށެވެ. އަދި ބުއިމުގައި ރަހަ މީރުކުރުމުގެ ގޮތުން ލުނބޯ ނުވަތަ މާމުއި ބޭނުން ކުރެވިދާނެ އެވެ. މި ދެ ބާވަތަކީ ވެސް އޭގެ ފާއިދާ ނުހަނަނު ބޮޑު ދެ ބާވަތެވެ.
އިނގުރު ޖޫސް ތައްޔާރު ކުރާނެ ގޮތް:

އިނގުރުކޮޅެއް ސާފުކޮށް މަށާލުމަށް ފަހު، ފޮތިފޮއްޗަށް ކޮށާ ލުމަށްފަހު، މިކުސަރެއް ނުވަތަ ފުޑް ޕްރޮސެސަރ އަކަށް ލުމަށްފަހު، ބޭނުންވާ ވަރަށް ފެން އަޅައި ގިރާލާށެވެ. ތައްޔާރު ކުރާއިރު އެއަށް ކުދީނާ ފަތް ( ޕެޕަމިންޓު) ނުވަތަ މާމުއި ފަދަ އެއްޗެއް ރަހަ މީރު ކުރުމަށް އެޅިދާނެ އެވެ.
އިނގުރު މިކްސް ފުރުޓް ޖޫސް ތައްޔާރުކުރާނެ ގޮތް:

އިނގުރު އެކި ފުރުޓާއި އެއްކުރުމަށްފަހު، މިކްސް ފުރުޓް ޖޫހެއް ވެސް ތައްޔާރު ކުރެވިދާނެ އެވެ. 1 އޮރެންޖުގެ ތޮށި ނަގައި، 6 ކެރެޓާއި، 1 ގަޑު އިނގުރާއި، 1 ކިއުކަންބާ ސާފުކުރުމަށްފަހު، ޖޫސަރަށް އެޅުމަށްފަހު ޖޫސް ތައްޔާރުކޮށްލާށެވެ.
ހަގީގަތުގައި މިފަދަ ބުއިން ތަކަކީ ތާއަބަދަށް އަޅުގަނޑުމެންގެ ސައިހޮޓާތަކާއި ރެސްޓޯރެންޓްތަކުން ލިބެން ހުންނަން ޖެހޭ ބުއިން ތަކަށް ހަދައި ހަކުރުން އެއްކިބާވެގެންވާ ދުޅަހެޔޮ ބުއިންތައް ބާޒާރަށް ނެރެން އެބަ ޖެހެ އެވެ. ނުވަތަ މިފަދަ ބުއިންތައް ގޭގައި ނުވަތަ އެނޫންވެސް ތަނެއްގައި ތައްޔާރުކޮށް ފިހާރަތަކުގައި ވިއްކަން ވެސް ބެހެއްޓިދާނެ އެވެ. މިފަދަ އުފެއްދުމެއް ވައިގަ ހިފައިފިނަމަ، އޭގެ ފައިދާ ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ކުރާނެ އެވެ.
އިނގުރު ބޭނުންކޮށްގެން މި ނޫނަސް ޞިއްޙަތަށް ފައިދާހުރި ގޮތުގައި އެކިއެކި ކާނާގެ ބާވަތްތައް ތައްޔާރު ކުރެވިދާނެ އެވެ. މި ލިޔުމުގައި ބަޔާންކޮށްފައިވާ މައުލޫމާތަކީ ކިއުންތެރިންނަށް ދުނިޔެއާއި އާޚިރަތުގައިވެސް މަންފާކުރާނެ މައުލޫމާތުތަކެއް ކަމުގައި ލެއްވުން އެދެމެވެ.
[1] Ibn al-Qayyim: Ginger is Beneficial for Digestion, Eyesight and Nausea Among Other Benefits https://www.healthymuslim.com/?bhyqy
[2] Ibn al-Qayyim: Ginger is Beneficial for Digestion, Eyesight and Nausea Among Other Benefits https://www.healthymuslim.com/?bhyqy
[3] Zick SM, Turgeon K, Vareed SK, et al. Phase II Study of the Effects of ginger Root Extract on Eicosanoids in Colon Mucosa in People at Normal Risk for colorectal cancer. Cancer Prev Res, October 11, 2011. https://pubmed.ncbi.nlm.nih.gov/21990307/
[4] Ginger Root Associated with Preventing Colon Cancer, Study https://www.healthymuslim.com/?scfdu
[5] Giti Ozgoli, Marjan Goli, Masoumeh Simbar. Effects of ginger Capsules on pregnancy, nausea, and Vomiting. Journal of Alternative and Complementary medicine. March 2009, 15(3): 243-246. https://pubmed.ncbi.nlm.nih.gov/19250006/
[6] އިނގުރު ސައި ނުވަތަ ފެން: މީރު ނޫނަސް މިފަދަ ގިނަ ފައިދާ ހޯދިދާނެ ބުއިމެއް https://dhen.mv/24330
[7] Comparison of effects of ginger, mefenamic acid, and ibuprofen on pain in women with primary dysmenorrhea https://pubmed.ncbi.nlm.nih.gov/19216660/
[8] Physiological and Therapeutical Roles of Ginger and Turmeric on Endocrine Functions https://www.worldscientific.com/doi/10.1142/S0192415X11008762
[9] Ginger root against seasickness. A controlled trial on the open sea https://pubmed.ncbi.nlm.nih.gov/3277342
[10] Effects of ginger on motion sickness and gastric slow-wave dysrhythmias induced by circular vection https://pubmed.ncbi.nlm.nih.gov/12576305/
[11] ހުއްޓުމެއްނެތި އެއްމަސް ވަންދެން ކޮންމެ ދުވަހަކު އިނގުރު ކައިފިނަމަ މިކަންކަމަށް ހައްލު ލިބިދޭ! https://dhen.mv/31822
[12] Effects of a ginger extract on knee pain in patients with osteoarthritis https://pubmed.ncbi.nlm.nih.gov/11710709
[13] ހުއްޓުމެއްނެތި އެއްމަސް ވަންދެން ކޮންމެ ދުވަހަކު އިނގުރު ކައިފިނަމަ މިކަންކަމަށް ހައްލު ލިބިދޭ! https://dhen.mv/31822
[14] The Effects of Ginger on Fasting Blood Sugar, Hemoglobin A1c, Apolipoprotein B, Apolipoprotein A-I and Malondialdehyde in Type 2 Diabetic Patients https://www.ncbi.nlm.nih.gov/pmc/articles/PMC4277626
[15] 12 Major Benefits of Ginger for Body and Brain https://draxe.com/nutrition/10-medicinal-ginger-health-benefit
