03 އޮކްޓޯބަރ 2020
އަހަރެމެން ކައިބޮއެ ހަދާ އެއްޗަކާއި، އޭގެ މިންވަރާއި ފެންވަރަކީ އަހަރެމެން ބަލިތަކުން ރައްކައުތެރިކޮށް ދުޅަހެޔޮ ސިއްޙަތެއްގައި ދެމެހެއްޓުމަށްޓަކައި މުހިންމު އެއްޗެއްކަން ތިބާ ދަންނަމު ތޯ އެވެ؟ އިސްރާފު ކުރުމާއެކު ކެއުން ހުއްޓާލައި، ކެއުން މަދުކޮށް، ފެންވަރު ރަނގަޅު ދުޅަހެޔޮ ކާނާ ހެޔޮ މިންވަރަށް ކައިގެން ދުޅަހެޔޮކަން މަތީގައިވާ ދިގު އުމުރެއް ހޯދިދާނެ ކަން ތިބާ ދަންނަމު ތޯ އެވެ؟ ވަކި ސަބަބު ތަކެއްގައި ހިފައިގެން ނުވަތަ ވަކި ސަބަބުތަކެއް ދޫކޮށްލައިގެން މީހަކަށް އޭނާގެ ހަޔާތުގެ ނުވަތަ އޭނާގެ އުމުރުގެ ދިގުމިނާއި ދުރުމިނަށް ބަދަލު ގެނެވިދާނެ ގޮތްތަކާއި މަގުތަކެއް ﷲ ތަޢާލާ ވަނީ ޤަދަރުގައި ލިޔުއްވައި މިންވަރު ކުރައްވާފަ އެވެ. މިސާލަކަށް މީހަކު ނުރައްކާތެރި ކާއެއްޗެހި (މިސާލަކަށް ޒަހަރެއް) އެތެރެކޮށް ނުރައްކާތެރި ދިރިއުޅުމެއް އުޅޭ ކަމުގައި ވާނަމަ އޭނާގެ އުމުރު ކުރުވެ އަވަހަށް މަރުވާނެ އެވެ. ހަމަ އެފަދައިން، ކެއުމުގެ މިންވަރާއި ފެންވަރު ހިފެހެއްޓުމަކީ ބަލިތަކުން ރައްކާތެރިވެ ޞިއްޙަތު ސަލާމަތްކަން މަތީ ދެމި ހުރުމަށް ހިފަންޖެހޭ ސަބަބު ތަކުގެ ތެރެއިން ސަބަބެކެވެ. އެ ގޮތުން، ތިބާ ކާ ކާއެއްޗެހިން ތިބާގެ ޙަޔާތުގެ މައްޗަށް ދެ ނަތީޖާ އެއް ނޫނީ ނެރެ ނުދެ އެވެ. އެއް ގޮތަކީ ތިބާ ކާ އެއްޗެއްސަކީ ބޭހެއް ކަމުގައި ވުމެވެ. އެހިނދު އެ ކާއެއްޗިއްސަކީ ބަލި ތަކުގެ ފަރުވާ އެކެވެ. އަނެއް ގޮތަކީ ތިބާ ކާ އެއްޗަކީ ވިހަ އެއް ކަމުގައި ވުމެވެ. އެހިނދު އެ ކާ އެއްޗަކީ ބައްޔެކެވެ. މި ދެ ގޮތް ނޫން ގޮތެއް ކާ އެއްޗާއި މެދުގައި ނެތެވެ.
މި ޒަމާނުގެ ބައެއް ބޭސްވެރިންގެ ބޭސްވެރިކަން ހުއްޓިފައިވަނީ ބަލިތަކުގެ ޢަލާމާތްތައް ނެތި ކުރުމަށް ފަރުވާ ދިނުމުގެ މައްޗަށެވެ. އެއްބަޔަކު ވަނީ ހަޤީޤީ ފަރުވާ އަކީ މީހާ ކާ ބޭސް ގުޅަ ކަމުގައި ހަދާފަ އެވެ. އަދި އަސްލު ބަލީގެ މަތިން އެބަޔަކު ވަނީ ހަނދާން ނައްތާލާފަ އެވެ. އަސްލު ބައްޔަކީ ތިބާގެ ހަށިގަނޑަށް ތިބާ އެތެރެކުރާ ވިހަ މާއްދާތަކާއި އެއްޗެހި ތަކެވެ. މިއަދުގެ އުނި ބޭސްވެރިކަމުގެ ނިޒާމުގައި މި އެއްޗެހި ތަކުގެ އަޞުލު ހޯދުމެއް ނެތެވެ. އަދި އެއަށް ސަމާލުކަމެއް ދިނުމެއް ވެސް ހަޤީޤަތުގައި ނެތެވެ. އަދި މި ހުޅަނގުގެ ބޭސްވެރިކަމުގެ ނިޒާމުން ސަމާލުކަން މުޅިއެކުހެން ދެވެނީ އަޞްލު ސަބަބު ދޫކޮށްލައި މީހާގެ ކިބައިން ފެންނަ އެކިއެކި ޢަލާމާތްތަކުގެ މައްޗަށް ވަގުތީ ފަރުވާ ފޯރުކޮށް ދިނުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 30 ޑިސެންބަރ 2018 ގައި ވިދާޅުވެފައިވެ އެވެ. “ބޭސްފަރުވާއަކީ، ދުޅަހެޔޮ ޞިއްޙަތެއްގެ އެއް ފަރާތް. އޭގެ އަނެއް ފަރާތަކީ، ދިރިއުޅުމުގެ ރަނގަޅު އާދަތަކާއި ޞިއްޙަތަށް ފައިދާހުރި ކާނާ. އަޅުގަނޑުމެން އެންމެ ބޮޑަށް އިސްކަން ދޭންޖެހޭނީ ދިރިއުޅުމުގެ ރަނގަޅު އާދަތަކަށާއި ޞިއްޙަތަށް ފައިދާހުރި ކާނާއަށް. އެއީ، ބޭސްފަރުވާއަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމެއް. ރާއްޖެ ތަރައްޤީވަމުންދާ ވަރަކަށް ދިރިއުޅުމުގެ ވައްޓަފާޅިއާގުޅޭ ބަލިތައްވެސް އަންނަނީ އިތުރުވަމުން. ހަކުރު ބައްޔާއި، އޮބޭސިޓީ، އަދި ކެންސަރު ބައްޔާއި، އެކިއެކި މިފަދަ ބަލިތައް ޖެހޭ މިންވަރު ރާއްޖޭގައި އިތުރުވެއްޖެ. އެހެންކަމުން، ޞިއްޙީ ދާއިރާގައި ޚިދުމަތްކުރާ ހުރިހާ ފަރާތްތައްވެސް މިކަމާމެދު ވިސްނަން މިއަދު އެބަޖެހޭ. މިފަދަ ބަލިތައް އިތުރުވާ ސަބަބުތަކާއި، އެކަންކަމަށް ޙައްލު ހޯދޭނެ ގޮތްތައް ދެނެގަތުމަކީ މިއަދު ކުރަންޖެހިފައިވާ ކަމެއް. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވަށްޓަފާޅިއަށް އެފަދަ ހެޔޮ ބަދަލުތަކެއް ގެނެވިއްޖެނަމަ ދުޅަހެޔޮ، ހަށިހެޔޮ މުޖުތަމަޢެއް ބިނާކުރެވިދާނެ. އޯލްޓަރނޭޓިވް މެޑިސިންގެ ދާއިރާ ފުޅާކުރަންޖެހެނީ، މިފަދަ ބަލިތައް ޖެހުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރި ފިޔަވަޅުތައް އެޅުމަށްޓަކައި.
ޒަމާނީ ވަސީލަތްތަކާއި ޒަމާންވީ ބޭސްވެރިކަމުގެ ޢިލްމު އެކުވެ، އަޅުގަނޑުމެން ޞިއްޙަތާމެދު ދެކޭގޮތާއި، ބަލިވީމާ ދެން ކަންކުރަންވީ ގޮތްތައް ބަދަލު ކުރުމަކީ މުހިންމު ކަމެއްކަމުގައި އަޅުގަނޑު ދެކެން. ބަލިވުމުގެ ކުރިން ބައްޔަށް ފަރުވާތެރިވުމަކީ، މުޞްތަޤްބަލުގައި އެތައް ގުނައަކުން ވޭން ކުޑަކުރެވޭނެ ކަމެއް. މި ރާއްޖޭގެ ތާރީޚުން އެނގޭ ގޮތުގައި، ރާއްޖޭގައި މީހުން ވަޒަންވެރިވެ ދިރިއުޅެން ފެށީއްސުރެ، ދިވެހީންގެ ތެރޭގައި އޮތީ، ދިވެހި ބޭސްވެރިކަމާއި ޙަކީމީ ބޭސްވެރިކަން. ދިވެހި ބޭސްވެރިކަން ބިނާވެފައި އޮތީ، ރާއްޖޭގެ ބިމާއި، ކަނޑާއި، ފަޅާއި، ފަރުގައި ހިމެނޭ ދިރޭ ތަކެއްޗާއި އެނޫން ތަކެތީގެ މައްޗަށް. އޯލްޓަރނޭޓިވް ބޭސްވެރިކަމަކީ ވަށާޖެހޭ ފަރުވާ އިންސާނާއަށް ހޯދައިދިނުން. ބައްޔަކަށް ފަރުވާ ކުރުމުގައި އޯލްޓަރނޭޓިވް ނުވަތަ ކޮމްޕްލިމެންޓަރީ މެޑިސިންގައި އަމާޒުކުރަނީ، އެ ބަލިތަކުގެ ޢަލާމާތްތަކަށް އަދި އެ ބައްޔެއް އުފެދުމަށް މެދުވެރިވި ސަބަބުތަކަށް. ވިލާތުގެ ބޭސްވެރިކަމުން ދުނިޔޭގެ ޞިއްޙީ ނިޒާމު މުޅިން ބަދަލުވެއްޖެ. އެއީ، ކިތަންމެ މުޖައްރިބު ބޭސްވެރިކަމަކަށްވިޔަސް، ޙަކީމީ ބޭސްވެރިކަމާއި އޯލްޓަރނޭޓިވް ބޭސްވެރިކަމަށް އަލްވަދާޢުކީ ހަމަ އެންމެ ޤައުމެއްވެސް ނެތް. އޭގެ ބަދަލުގައި، ކޮންމެ ޤައުމެއްވެސް މަސައްކަތް ކުރީ، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ޙަކީމީ ބޭސްވެރިކަން ކުރިއަރުވައި އާލާކުރަން” [1]
ޝިފާ ޚަލްޤު ކުރައްވައި ޝިފާ ދެއްވާ ހަޤީޤީ ޠަބީބަކީ މާތް ﷲ އެވެ.
ހައްޤު ގޮތުގައި ޝިފާ ދެއްވަވާ އައް-ޝާފީ އަދި ހުރިހާ ފަރުވާއެއް ދެނެވޮޑިގެންވާ އައް-ޠަބީބް އަކީ މާތް ﷲ އެވެ. ނަބިއްޔާ صلى الله عليه وسلم ހަދީޘްފުޅު ކުރައްވާފައިވެ އެވެ. اللَّهُمَّ رَبَّ النَّاسِ أَذْهِبْ الْبَاسَ اشْفِهِ وَأَنْتَ الشَّافِي لَا شِفَاءَ إِلَّا شِفَاؤُكَ شِفَاءً[2] “މީސްތަކުންގެ ވެރި ރައްބު ޔާ ﷲ އެވެ! އަޅަމެންގެ ކިބައިން އުނދަގޫތައް ދުރުކުރައްވާން ދޭވެ! އަދި އަޅަމެންނަށް ޝިފާ ލައްވަވާން ދޭވެ! އިބަ އިލާހަކީ އައްޝާފީ (ޝިފާ ދެއްވަވާ) އިލާހެވެ.”
އައް-ޝާފީ އަކީ ބަލިތަކަށް ޝިފާ ދެއްވަވާ އިލާހެވެ. ހިތްތަކުގެ ބަލިތަކާއި ހަށިގަނޑަށް ޖެހޭ އެންމެހައި ބަލިތަކަކަށް ޝިފާ ދެއްވުން ވަނީ ހަމައެކަނި އެ އިލާހުގެ އަތްޕުޅުގަ އެވެ. އެ އިލާހުގެ ޢިލްމާއި، ޚަލްޤު ކުރެއްވުމާއި، އިރާދަ ކުރެއްވުމާއި، އިޛުނައާ ލައިގެން މެނުވީ އެއްވެސް އަޅަކަށް ޝިފާ ނުލިބެ އެވެ.
عن أبي رَمْثة -رضي الله عنه- أنَّه قال للنبي -صلى الله عليه وسلم-: أَرِني هذا الذي بظهرك، فإنِّي رجلٌ طبيبٌ، قال: «اللهُ الطبيبُ، بل أنت رجلٌ رَفِيقٌ، طبيبُها الذي خلقَها» [3]” އަބޫ ރަމްޘާ رضي الله عنه ނަބިއްޔާ صلى الله عليه وسلم އަރިހުގައި ވިދާޅުވި އެވެ. “އިބަ ނަބިއްޔާގެ ބުރަކަށިން އުނދަގޫފުޅު ވެވަޑައިގަންނަވާ ތަނެއް އަހަންނަށް ދައްކަވާށެވެ. ފަހެ، އަހަރެންނަކީ ޠަބީބެއް ނުވަތަ ބޭސްވެރިކަން ކުރާ މީހަކީމެވެ.” ނަބިއްޔާ صلى الله عليه وسلم ހަދީޘްފުޅު ކުރެއްވި އެވެ. “އައް-ޠަބީބް އަކީ ﷲ އެވެ. އަދި ތިބާއަކީ ހަކައެކަނި އޯގާތެރިކަން ދައްކުވައިދޭ މީހެކެވެ. އޭގެ ޠަބީބް އަކީ އޭތި ޚަލްޤު ކުރެއްވި ފަރާތެވެ.”
ޝަމްސުއްދީން އަލް-ޢާބާދީ ވިދާޅުވި އެވެ. “މާނައީ، ހަމައެކަނި ތިބާ ކުރާ ކަމަކީ ބަލި މީހާއަށް (ތިބާ ބޭނުންކުރާ ސަބަބުތަކުން) އޯގާތެރިކަމާއި ރަޙުމު ދެއްކުމެވެ. އެހިނދު، އޭނާ އެކަމުން ދުރުކުރައްވައި ޝިފާ ދެއްވަވަނީ ﷲ އެވެ.”[4]
އެހެނީ، ﷲ ޢައްޒަ ވަޖައްލަ އަކީ އެންމެހައި ސަބަބުތަކާއި އޭގެ އަސަރުތައް ޚަލްޤުކުރައްވައި ލެއްވެވި ފަރާތް ކަމުގައި ވުމުން، އެކަލާންގެއީ ހަޤީޤީ ޝިފާދެއްވާ ފަރާތެވެ. ބޭސްވެރިންނަކީ ހަމައެކަނި އެމީހުންނަށް ހޯދިފައިވާ ސަބަބުތަކާއި އަސަރުކުރުވާ ގޮތްތައް ބޭނުން ބައެކެވެ. އެމީހުންގެ ޢިލްމަކީ ބައެއް ފަހަރު އުނިވެގެންވާ އެއްޗެކެވެ. އަނެއްބައި ފަހަރު އެމީހުން ކުރާ ކަންކަން ފަރުވާ އާއި ޝިފާ އަށް ވާޞިލުވެ އެވެ. އަނެއް ބައި ފަހަރު އެއީ މުޅިން ގޯސް ފަރުވާއަކަށް ވެ އެއިން ގެއްލުމާއި ބަލި މީހާ ކުރިމަތިލާން ޖެހެ އެވެ.
ފަރުވާ ލިއްބައިދޭ މަގުތަށް ގިނަ ގުނަ ވެގެން ވެއެވެ.
ބަލިތަކުގެ ފަރުވާ އަކީ ވަކި ޚާއްސަ އެކައްޗަށް އެކަނި ހުއްޓިފައިވާ ކަމެއް ނޫން ކަމުގައި ޝެއިޚުލް އިސްލާމް އިމާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވެ އެވެ. ބައްޔަކަށް ވަކި ޚާއްސަ އެއްޗަކުން ނޫނީ ފަރުވާ ނުލިބޭނެ ކަމުގައި އީމާންވެ އެ މާއްދީ އެއްޗެއްގެ މައްޗަށް އެކަނި ހުއްޓިފައި ހުރުމަށް ހަރުކަށި ކަމާއެކު ބޭސްވެރިން ބާރުއަޅާ އެޅުމަކީ ކުށެކެވެ. ޝެއިޚުލް އިސްލާމް ބަޔާން ކުރައްވާފައިވާ ގޮތުން ޤުރުއާން، ދުޢާ، ޙިޖާމާ، ބޭސްވެރިކަމުގެ ފަރުވާ، ޤުދުރަތީ ގޮތުން ﷲ ހަށިގަނޑުގެ ލައްވަވާފައިވާ ފަރުވާ ދިނުމުގެ ބާރު، އަދި ވެސް އެހެނިހެން ގޮތް ގޮތުން ފަރުވާ ލިއްބައިދެ އެވެ. ބަލިތަކަށް އޮތް ފަރުވާ އަކީ ހަމައެކަނި އެންމެ އެއްޗަކަށް ނުވަތަ އެންމެ ކަމަކަށް އާދަވެގެން ހުއްޓިފައި ހުންނަ އެއްޗެއް ނުވަތަ ކަމެއް ކަމުގައި ނުވެ އެވެ. ޝެއިޚުލް އިސްލާމް ވިދާޅުވެފައިވެ އެވެ. “މި ބަލިން މިވެނި އެވެނި ޚާއްސަ ބޭސްފަރުވާ އަކުން މެނުވީ ފަރުވާ ނުލިބޭނެ ކަމުގައި ބޭސްވެރިން ބުނާ ބުނުމަކީ ޖާހިލު މީހެއްގެ ބަހެކެވެ. ބޭސްވެރިކަން ދަންނަ މީހަކު މިފަދައިން ނުބުނާނެ އެވެ. އަދި ހަމައެކަނި، ﷲ އާއި ރަސޫލާ ދަންނަ މީހަކު ވެސް މިފަދައިން ނުބުނާނެ އެވެ. ސަބަބަކީ ފަރުވާ އަކީ ވަކި ޚާއްސަ އެއްޗެއްގައި ނުވަތަ އެއް ކަމެއްގައި އާދަވެގެން ހުރުން ލާޒިމު އެއްޗެއް ނޫނެވެ.” (މަޖުމޫޢޫ ފަތާވާ 24/267،268)
އެންމެހައި ބޭސްހަކާއި ބޭސްވެރިކަމެއް ﷲ ތަޢާލާވަނީ އާޔަތެއްގެ ދެބައިކުޅަ އެއްބައިގައި ޖަމާ ކޮށްފައެވެ.
ރަނގަޅު ތަކެތި ކައިއުޅުމަށް އަމުރުކުރައްވައި ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. ﴿كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ (172)﴾ ( سورة البقرة ) މާނައީ “ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ!”
އިސްރާފުކުރުން ނަޙީ ކުރައްވައި ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. ﴿ وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا إِنَّهُ لَا يُحِبُّ الْمُسْرِفِين (31) ﴾ (سورة الأعراف) މާނައީ: “އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ! ހަމަކަށަވަރުން، إسراف ކުރާ މީހުންދެކެ އެކަލާނގެ ލޯބިވެ ވޮޑިގެނެއް ނުވެތެވެ.”
މަތީގައިވާ އާޔަތް ތަފްސީރު ކުރައްވައި އިމާމް އިބްނު ކަޘީރް رحمه الله ވިދާޅުވި އެވެ. “ސަލަފުންގެ ތެރެއިން ބޭކަލަކު ވިދާޅުވި އެވެ. وَكُلُوا وَاشْرَبُوا وَلَا تُسْرِفُوا (އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި إسراف ނުކުރާށެވެ!) ﷲ ތަޢާލާވަނީ އާޔަތެއްގެ ދެބައިކުޅަ އެއްބައިގައި ބޭސްވެރިކަން އެކުއެކީ ޖަމަޢަ ކޮށްފަ އެވެ.”
މި އާޔަތުގެ ތަފްސީރުގައި އިސްރާފު ކުރުމާއެކު ކެއުމަކީ މަކްރޫޙަ ކަމެއް ކަން ބަޔާން ކުރުމަށްފަހު އިމާމް އަލް-ޤުރުޠުބީ މަދުން ކެއުމުގެ މައްޗަށް އަލި އަޅުވާފައި ވިދާޅުވި އެވެ. “މަދުން ކެއުމުގެ ފާއިދާތައް ގިނަ ގުނަ އެވެ. މިހާގެ ހަށިގަނޑު ވަރުގަދަ ވުމާއި، ހަނދާން ގަދަވެ ހިތް އަލިވުމާއި، ފަހުންމުވުގެ ސާފުކަން ލިބުމާއި، ނިދި މަދުވުމާއި (ހަށިގަނޑަށް ނިދަން ބޭނުން ޖެހިގެން ވުން މަދުވުމާއި)، ރޫހުގެ ލުއިކަން ލިބުން ….” ހިމެނެ އެވެ.

ބޭސްވެރިކަމުގެ އެންމެހައި އުޞޫލުތައް އެ އުޞޫލެއްގެ މައްޗަށް ބިނާވެގެންވާ މައި އުޞޫލު ނަބިވީ އިރުޝާދުގައި – އިމާމް އިބްނު ރަޖަބް އަލް-ހަންބަލީ رحمه الله
ބޭސްވެރިކަމުގެ އެންމެހައި އުޞޫލުތައް އެ އުޞޫލެއްގެ މައްޗަށް ބިނާވެގެންވާ މައި އެއް އުޞޫލެއް ކަމުގައިވާ “ކެއުމުގެ ހެޔޮ މިންވަރު” ބަޔާންކޮށް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި އެވެ.
وَعَنْ اَلْمِقْدَامِ بْنِ مَعْدِيكَرِبَ - رضى الله عنه - قَالَ: قَالَ رَسُولُ اَللَّهِ - صلى الله عليه وسلم }مَا مَلَأَ آدَمِيٌّ وِعَاءً شَرًّا مِنْ بَطْنٍ ، بِحَسْبِ ابْنِ آدَمَ أَكَلَاتٌ يُقِمْنَ صُلْبَهُ ، فَإِنْ كَانَ لا مَحَالَةَ فَثُلُثٌ لِطَعَامِهِ وَثُلُثٌ لِشَرَابِهِ وَثُلُثٌ لِنَفَسِهِ[5] އަލް-މިޤްދާމް ބިން މަޢުދީކަރިބަ رضى الله عنه ގެ އަރިއަހުން ރިވާކުރެވުނު ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. “އާދަމުގެ ދަރިޔާ އޭނާގެ ބަނޑަށް ވުރެ ނުބައި ތަނެއް ނުފުރައެވެ. އާދަމުގެ ދަރިޔާގެ މައިބަދަ ސީދާކޮށްލެވޭ ވަރަށް ކެއުމުން ފުދެއެވެ. އެވަރު ހިތްހަމަ ނުޖެހޭނަމަ ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކާށެވެ. އަދި އަނެއް ތިން ބަޔަށް ދިޔާ ތަކެތި ބޯށެވެ. އަދި ނޭވާ ލުމަށް އަނެއް ތިންބައި ބަހައްޓާށެވެ.”
މި ހަދީޘް ގެންނަވައި އިމާމް އިބްނު ރަޖަބް އަލް-ހަންބަލީ رحمه الله ގެ جامع العلوم والحكم (އިމާމް ނަވަވީ ގެ 40 ހަދީޘް ޝަރަކުރައްވާފައިވާ ލިޔުނު ފޮތުގައި) ވިދާޅުވެފައިވެ އެވެ. “ބޭސްވެރިކަމުގެ އެންމެހައި އުޞޫލުތައް އެކުލެވިގެންވާ ޖާމިޢު އުޞޫލެއް މި ހަދީޘުގައި ވެއެވެ. އަދި ރިވާވެގެންވެއެވެ. ހަކީމީ ބޭސްވެރިޔާ، އިބްނު އަބީ މާސަވައިޙް، أبي خيثمة ގެ ފޮތުން މި ހަދީޘް ކިޔާފައި ވިދާޅުވިއެވެ. ”މީސްތަކުން މި ބަސްތަކަށް ޢަމަލުކޮށްފި ކަމުގައިވާނަމަ، އެބައިމީހުން އެންމެހައި ކުދި ބޮޑު ބަލިތަކުން މިންޖުވެގެންވީ ހެއްޔެވެ. އަދި ކުލިނިކު ތަކާއި ފާމަސީތައް ބަންދު ކުރީސް ހެއްޔެވެ.”
އިބްނު އަބީ މާސަވައިޙްގެ މި ބަހަށް އިޝާރާތްކޮށް އިމާމް އިބްނު ރަޖަބް رحمه الله ވިދާޅުވި އެވެ. “ހަމަކަށަވަރުން އެފަދައިން ބުނެފައިވާ ސަބަބަކީ، އެންމެހައި ބަލިތަކުގެ އަޞްލު ސަބަބަކީ ޑިސްބަޔޯސިސް ނުވަތަ ޙަޖަމްކުރުމުގެ ނުރަނގަޅު އާދަތަކެވެ. އަދި ޢަރަބީންގެ ހަކީމީ ބޭސްވެރިޔާ، އަލް ޙާރިޘް އިބްނު ޖަލްދާ ވިދާޅުވެފައިވެއެވެ. “ކެއުމުގައި ދުރާލައި ރައްކައުތެރިވުމަކީ (އެބަހީ ރަނގަޅު ކާއެއްޗެހި ރަނގަޅު މިންވަރަށް ކެއުމަކީ) އެއީ ބަލިތަކަށް ފަރުވާކުރުމުގެ އެންމެ މުހިންމު ބައެވެ. އަދި ޑިސްބަޔޯސިސް (ނުވަތަ އުނި ނުވަތަ ނުރަނގަޅު ހަޖަމުކުރުމަކީ) ބަލިތަކުގެ ރައީސް އެވެ.”…. އަދި އަލް ޙާރިޘް ވިދާޅުވެފައިވެއެވެ. “އެ އެއްޗަކުން މަޚުލޫޤުންތަކެއް މަރާލެވުނު އެއްޗަކީ އަދި އިންސާނިއްޔަތުގެ 7 ބައިކުޅަ 1 ބައި ނެތިގެން ދިމާވުމަށް މެދުވެރިވި ސަބަބަކީ ހަޖަމް ނުވެވި ހުރި ކާއެއްޗެހީގެ މައްޗަށް އަނެއް ކާއެއްޗެއް އެތެރެކޮށް ބޭނުން ކުރެވުމެވެ.”
އަދި އެއަށްފަހު އިބްނު ރަޖަބް رحمه الله އެތަކެއް ބަސްތަކެއް މި ކަމާބެހޭގޮތުން ނަޤުލު ކުރެއްވިއެވެ. އޭގެތެރެއިން އެއް ބަސްފުޅުގައި ވެއެވެ. އިބްރާހީމް އިބްނު އާދަމް ވިދާޅުވިއެވެ. “އެމީހެއްގެ ބަނޑުގެ މައްޗަށް ބާރުވެރިކަން ހަދައިފި މީހާ އެމީހާގެ ދީނުގެ މައްޗަށް ބާރުވެރިކަން ހޯދައިފިއެވެ. އަދި އެމީހެއްގެ ބަނޑުހައި ހޫނުކަމުގެ މައްޗަށް ބާރުވެރިކަން ހޯދައިގަތް ކޮންމެ މީހަކުމެ ރިވެތި އަޚުލާގުގެ މައްޗަށް ބާރުވެރިކަން ހޯދައި ގެންފިއެވެ.”
ގިނަ ބަލިތައް ޖެހެނީ ނުރަގަނޅު ކެއުމުގެ އާދަތަކާއި އަދި ހަށިގަނޑަށް ފައިދާހުރި މާއްދާތައް މަދު ކާއެއްޗެހި ކެއުމުން – އިމާމް އިބްން އަލް-ޤައްޔިމް رحمه الله
އިމާމް އިބްން އަލް-ޤައްޔިމް رحمه الله ވިދާޅުވި އެވެ. ” ބަލިތައް ދެ ވައްތަރެކެވެ. (ހިތުގެ ބަލިތަކާއި މާއްދީ ހަށިގަނޑުގެ ބަލިތަކެވެ.) މާއްދީ ހަށިގަނޑުގެ ބަލިތައް ފާޅުވަނީ ހަށިގަނޑުގައި ހުންނަން ޖެހޭ މިންވަރަށްވުރެ މާއްދާއެއް އިތުރު ވެގެން ނެވެ. ތަބީޢީ ގޮތުން ހަށިގަނޑުގެ މަސައްކަތަށް ބުރޫއަރައި ގެންލުންދޭ ވަރަށް ހަށިގަނޑުގައި މާއްދާތަކެއް އިތުރު ވުމުގައި ހައްދުފަހަނައަޅާ ދިއުމެވެ. (މާއްދީ ހަށިގަނޑަށް ޖެހޭ) ގިނަ ބަލިތަކަކީ މިއެވެ. މީގެ ސަބަބަކީ، ކުރިން ކެއި ކާއެއްޗެހި ހަޖަމް ވުމުގެ ކުރިން ކާއެއްޗެހި ހަށިގަނޑަށް އެތެރެ ކުރުމެވެ. ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ (ހަށިގަނޑުގައި ކާއެއްޗެހި) އިތުރުވުމެވެ. ފާއިދާ (ނުވަތަ ނިއުޓްރިއެންޓްސް) މަދު ކެއުން ކެއުމެވެ. އަދި ހަޖަމުވުން ލަސް، އެކިއެކި ތަފާތު ނުގުޅޭ ކެއުންތައް އެއްފަހަރާ އެއްކޮށްގެން ކެއުމެވެ. އާދަމުގެ ދަރިޔާ މިފަދަ ކެއުމުން އޭނާގެ ބަނޑު ފުރާލުން އާދައަކަށް ހެދުމުން، އެކިއެކި ތަފާތު ބަލިތައް އޭނާއަށް ވެރިވެ ވާރުތަ ކުރާނެތެވެ. މީގެ ބައެއް ބަލިތަކުގެ ނިމުން ލަހެވެ. އަނެއް ބައި ބަލިތައް އަވަހަށް ނިމިގެން ހިގައިދާނެ އެވެ. ފަހެ، މެދު މިނެއްގެ މިންވަރެއް ކެއުން ހިފެހެއްޓުމާއި، ބޭނުން ޖެހިގެންވާ މިންވަރަށް އެކަނި ކެއުމާއި އަދި ފެންވަރު ރަނގަޅު ބާވަތުގެ ކާއެއްޗެހި ކެއުމާއި، ކާއެއްޗެހީގެ އަދަދުގައި އިންޞާފުވެރި މިންގަޑެއް ހިފެހެއްޓުމުން، ގިނަ އަދަދެއްގެ ކާއެއްޗެހި ކެއުމުން ހަށިގަނޑަށް ފައިދާ ކުރާވަރަށްވުރެ، މިގޮތުގައި ކެއުމުން އެތައް ގުނައަކުން ހަށިގަނޑަށް ފާއިދާ ކުރެއެވެ.” (زاد المعاد في هدي خير العباد)
ޤުރުއާނުގައިވާ ހަށިގަނޑުގެ ބޭސްވެރިކަމުގެ އުޞޫލީ ތިން ޤަވާޢުދުތައް – އިމާމް އިބްން އަލް-ޤައްޔިމް رحمه الله
އިމާމް އިބްން އަލް-ޤައްޔިމް رحمه الله ވިދާޅުވި އެވެ. أصول الطب ثلاثة: الحمية وحفظ الصحة واستفراغ المواد المضرة (زاد المعاد في هدي خير العباد) “ހަށިގަނޑުގެ ބޭސްވެރިކަމުގެ ޤަވާއިދުތައް ތިނެކެވެ. (ފުރަތަމައީ) ހަށިގަނޑުގެ ޞިއްޙަތު ރައްކާކޮށް ދެމެހެއްޓުމެވެ. އަދި (ދެވަނައީ) ގެއްލުދޭ މާއްދާތަކުން ހަށިގަނޑު ޙިމާޔަތް ކުރުމެވެ. އަދި (ތިންވަނައީ) ހަށިގަނޑުން ފާސިދު މާއްދާތައް އުނި ކުރުމެވެ.”
(1) އަލް-ޙިފްޟު: ހަށިގަނޑުގެ ޞިއްޙަތު ރައްކާކޮށް ދެމެހެއްޓުމަކީ ހަށިގަނޑަށް ބޭނުންވާ ފައިދާހުރި މާއްދާތައް ކައިގެން ކެއުމުގެ ރަނގަޅު މިންވަރާއި ފެންވަރު ހިފަހައްޓައި، ދިރިއުޅުމުގެ ހެޔޮ އާދަތައް ދެމެހެއްޓުމެވެ.
(2) އަލް-ޙިމްޔާ: ގެއްލުދޭ މާއްދާތަކުން ހަށިގަނޑު ޙިމާޔަތް ކުރުމަކީ ހަށިގަނޑަށް ގެއްލުންދޭ އެންމެހައި ބާވަތެއްގެ މާއްދާތަކުންނާއި، ގެއްލުންދޭ ކެއުމާއި، ގެއްލުންދޭ ތިމާވެށީގެ މާޙައުލުތަކުންނާއި، ގެއްލުންދޭ ބަޔޯ-ކެމިކަލް ވިހަ ދިޔަތަކުންނާއި އަދި ދިރިއުޅުމުގެ އާދަކާދައިން ހަށިހަނޑު ޙިމާޔަތް ކުރުމެވެ.
(3) ހަށިގަނޑުން ފާސިދު މާއްދާތައް އުނި ކުރުމަކީ ހަށިގަނޑަށް އެތެރެވެ ބަލި އުފައްދާފައިވާ ވިހަ މާއްދާތަކާއި، ހަށިގަނޑާއި ނުގުޅޭ ބޭރުގެ ހަށިތައް ހަށިގަނޑުން ބޭރު ކުރުމެވެ. މިކަން ރުޖޫޢަވަނީ ހުއްޓެނީ އިންސާނީ ތަޖުރިބާއާއި ތަޙުލީލުތަކާއި ހޯދުންތަކުގެ މައްޗަށެވެ.
ޢިލްމުވެރިންގެ ބަސްފުޅުތަކުން ލިބޭ ފައިދާތައް
– އިބްނު ޤައްޔިމް ވިދާޅުވެފައިވާ ފަދައިން ގިނަ ބަލިތައް ފާޅުވެގެން އަންނަނީ ނުރަގަނޅު ކެއުމުގެ އާދަތަކުގެ ސަބަބުންނެވެ. އިބްނު ރަޖަބް އަލް-ހަންބަލީ ވިދާޅުވެލައްވާނީ ، ނަބިއްޔާގެ ޙަދީޘްގެ މައްޗަށް ބަލާއިރު ބޭސްވެރިކަމުގެ އެންމެ މައިގަނޑު އުޞޫލު ގުޅިފައި ވަނީ ކާއެއްޗެހި އެތެރެ ކުރުމުގެ މިންވަރުގެ މައްޗަށެވެ. ޢިބްނު ޤައްޔިމް ވިދާޅުވެފައިވަނީ ބަލިތަކުން ސަލާމަތްވެ ދުޅަހެޔޮ ސިއްޙަތެއްގައި ދެމިހުރުމަށް ކާއެއްޗެހީގެ މިންވަރާއި، ފެންވަރު ރަނގަޅު މިނެއްގައި ބެހެއްޓުން މުހިންމު ކަމުގައެވެ.
މިންވަރު އެ ބުނެވެނީ ވަކި މިންގަޑަކަށް ކާ ވާހަކަ އެވެ. ފެންވަރު އެބުނެވެނީ ހަށިގަނޑަށް ފައިދާ ކުރަނިވި މާއްދާތައް އެކުލެވިގެންވާ ދުޅަ ހެޔޮ ފެންވަރު ރަނގަޅު ކާނާ ކާ ވާހަކަ އެވެ.
ވިހަ މާއްދާތައް އެކުލެވިގެންވާ ކާނާ ކާ ކަމުގައި ވާނަމަ ހަށިގަނޑަށް ބަލި ކަމާއި ކުރިމަތިލާން ނުޖެހި ނުދާނެ އެވެ. ފެންވަރު ރަނގަޅު ދުޅަހެޔޮ ކާނާއެއް ވިޔަސް ހަށިގަނޑަށް ބޭނުންވާ ވަރަށްވުރެ އިތުރަށް ކާ ކަމުގައި ވާނަމަ އެ ވިހައަކަށް ބަދަލުވެ ހަށިގަނޑުގެ ބެލެންސް ގެއްލި ބަލިތަކާއި ކުރިމަތިލާން ޖެހިދާނެ އެވެ. އެހެންވެ “ކުރިން ކެއި ކާއެއްޗެހި ހަޖަމް ވުމުގެ ކުރިން ކާއެއްޗެހި ކެއުމަކީ” ގިނަ ބަލިތައް ޖެހުމުގެ ސަބަބެއް ކަމުގައި ވިދާޅުވި އެވެ. ހަމަ އެޔާއެކު ފެންވަރު ރަނގަޅު ކާނާ ހެޔޮ މިންވަރަށް ކައި މީހަކު ދުވާލާއި ރޭނގަނޑު ނިދުމުގައި ހޭދަ ކުރަންޏާ އޭނާގެ އެ ދިރިއުޅުމުގެ ވައްޓަފާޅީގެ ސަބަބުން އޭނާ އެ ކެއި ކާއެއްޗެހިން ކުރާނެ ފާއިދާއެއް ނުފެންނާނެ ތެވެ. އެހެންކަމުން މި ދެ ކަމާއެކު ދިރިއުޅުމުގެ ވައްޓަފާޅި ވެސް ރަނގަޅު ކުރަން ޖެހެ އެވެ.
ދިފާޢީ ނިޒާމަކީ ގަޓް
ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ ބޮޑު ބަޔަކީ ގަޓް ކަމުގައި މިހާރުގެ ސައިންސުގެ ހޯދުންތަކުން ވަނީ ފެނިފަ އެވެ. ގަޓް އަކީ ކާނާ ހަށިގަނޑަށް އެތެރެ ކުރުމަށްފަހު ހަޖަމުކުރުމާއި ހަމައިން ގޮސް ބޭކާރުވާ އެއްޗެސް ތައް ބޭރުކުރާ ނިޒާމާ ހިސާބަށް ހުންނަ ހަށިގަނޑުގެ ކާނާގެ މުޅި ނިޒާމް އެވެ. މިހާރުގެ ހޯދުންތަކުން އެނގުނު ގޮތުގައި ހަށިގަނޑުގެ ދިފާޢީ ނިޒާމުގެ %80 އަކީ ގަޓް އެވެ. މި ހޯދުންތަކުން އެނގުނު ގޮތުގައި ގަޓް ގެ ތެރޭގައިވާ ބެކްޓީރިއާ އަދި އެއަށް ވާޞިލުވާ ނިއުޓްރިއެންޓްސް މާއްދާތަކަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމް މަސައްކަތް ކުރުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރާ އެއްޗެވެ. ދިފާޢީ ނިޒާމުގެ ބަލިކަން ހުރި އެންމެނަށް ބަލާއިރު އެ މީހުންގެ ގަޓްގެ މައްސަލަ އުޅޭކަން ސައިންސުވެރިން ވަނީ ހޯދާފަ އެވެ. އަދި ގަޓް އަކީ ސީދާ ސިކުނޑި އާއި މުޢާމަލާތްކޮށް ހަށިގަނޑު ދިފާޢުކުރާ އެއްޗެއްކަން ވަރަށް ފަހުން ސައިންސުވެރިން ވަނީ ހޯދާފަ އެވެ.
މައުލޫމާތުގެ މަޞްދަރު: މި ލިޔުމަކީ ހެލްތީމުސްލިމް.ކޮމް ގައި މުސްލިމް ޑޮކްޓަރެއް ކަމުގައިވާ ޑރ. އަބޫ އިޔާޟް އަމްޖަދު ރަފީޤް، (މެޑިސިނަލް ބަޔޯކެމިސްޓްރީ އިން ބީއެސްސީ، ބަޔޯކެމިސްޓްރީ އިން ޕީއެޗްޑީ) ލިޔެފައިވާ އިނގިރޭސި ލިޔުންތަކެއް އަޞްލަށް ބައްލަވައިގެން ދިވެހި ބަހަށް ތަރުޖަމާކޮށް އެކުލަވާލާފައިވާ ލިޔުމެކެވެ.
https://www.healthymuslim.com/?aaupg
https://www.healthymuslim.com/?zybbf
https://www.healthymuslim.com/?njicp
https://www.healthymuslim.com/?fnkaf

ކޮންމެ އިންސާނަކަށް އަމިއްލަ ޞިއްޙަތު މުހިންމު ވަނީ ކީއްވެ ތޯ؟
އަމިއްލަޞިއްޙަތު ޓީމް

އިތުރު ލިޔުންތައް ކިޔާ ލުމަށް މިތަނަށް ކްލިކް ކޮށްލައްވައިގެން އަޅުގަނޑުމެންގެ ޓެލެގްރާމް ޗެނަލް އަށް ޖޮއިން ކޮށްލައްވާށެވެ! އަމިއްލަޞިއްޙަތު ވެބްސައިޓް ގައި ޞިއްޙަތާއި ގުޅުންހުރި މައުޟޫތަކަށް ލިޔުންތައް ޝާޢިއު ކުރުމަށް މިތަނަށް ކްލިކް ކޮށްލައިވައިގެން ޓެލެގްރާމް މެދުވެރިކޮށް އަޅުގަނޑުމެންނަށް ސީދާ މެސެޖު ކޮށްލަ ދެއްވާށެވެ! ނުވަތަ އަޅުގަނޑުމެންގެ މެއިލް amillasihhath@gmail.com އަށް ލިޔުން ފޮނުވާލަ ދެއްވާށެވެ!
[1] ދިވެހި ބޭސްވެރިކަން އަދި އޯލްޓަރނޭޓިވް މެޑިސިން ކުރިއެރުވުމާގުޅޭ މަހާސިންތާ އިފްތިތާޙުކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދެއްކެވި ވާހަކަފުޅު https://presidency.gov.mv/Press/Article/20300
[2] رواه مسلم، في صحيح مسلم، عن عائشة أم المؤمنين، الصفحة أو الرقم: 2191، صحيح
[3] صحيح, رواه أبو داود وأحمد
[4] العون المعبود 11/262
[5] (رواه الترمذي ( 2380 ) وابن ماجه (3349

One thought on “ކެއުމާއި ބުއިމުގެ މިންވަރާއި ފެންވަރު ރަނގަޅު ކޮށްގެން ބަލިތަކުން ރައްކައުތެރި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރެވިދާނެ!”